ވިޔަފާރި

ފުށިފަރު ރިސޯޓަށް ދެ އަހަރު

ދިވެހިގެ ސަގާފަތް ބޭރުގެ މެހުމާނުނަށް ކޮންމެ ދުވަހަކު ކިޔައިދޭން ކޮންމެ ދުވަހަކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެވެ އެވެ. މި މަސައްކަތް ކުރާ އެއް ރިސޯޓަކަށް ޅ. ފުށިފަރު އައިލެންޑް ރިސޯޓު ވާނެ އެވެ. ދިވެހި ވަންނަތަ ގިނަ ސިފަ ތަކެއް ހިމެނޭ ގޮތަށް ހިންގާ އެ ރިސޯޓު ހުޅުވިތާ ވަނީ ދެ އަހަރު ވެފަ އެވެ.

"ދެ އަހަރު ތެރޭގައި ފުށިފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދިފައި. މީގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ހާސިލް ކުރެވުން ހިމެނޭ،" ދެ އަހަރު ފުރުމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ފުށިފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިއާރު ވިދާޅުވެފައިވެ އެވެ.

ފުށިފަރު ހުޅުވިތާ ދެ އަހަރުވީއިރު ބުކިން ޑޮޓްކޮމްގެ ގެސްޓް ރިވިއު އެވޯޑުގެ އިތުރުން ރާއްޖޭގައި އޮޕަރޭޓް ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކާ ވާދަކޮށް ވެސް ގިނަ އެވޯޑު ތަކެއް ވަނީ ހޯދާފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބުކިން ސައިޓް ޓްރިޕް އެޑްވައިޒަރީ އިން ހޮވި ރާއްޖޭގެ އެންމެ ހިތްގައިމު 10 ރިސޯޓުގެ ތެރޭގައި ހިމެނުން ވެސް ހިމެނެ އެވެ.

މި ރިސޯޓުގައި ދިވެހިން އެންމެ އިހުޒަމާނުގައި ކުރި މަސައްކަތް ދައްކުވައިދޭ ސެންޓަރެއް ހުރެ އެވެ. ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް މި މަސައްކަތް އަމިއްލަަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދެ އެވެ. މީގެތޭގައި ފަންގި ވިނުމާއި އިހުޒަމާނުގެ މަސައްކަތްތެރިކަން ހިމެނެ އެވެ.

ޝިއާރު ވިދާޅުވި ގޮތުގައި އެ ރިސޯޓު ހިންގަމުން ގެންދަނީ ދެމެހެއްޓިނިވި ޓޫރިޒަމަށް އިސްކަން ދީގެނެވެ.

"ޕްލާސްޓިކް ފްރީ ރިސޯޓަކަށް ބަދަލު ކުރުމާއި ކަނޑުގެ ދިރުން ހިމާޔަތް ކުރުން އަދި މުރަކަ ހިމާޔަތް ކުރުން ފަދަ ކަންކަމަކީ އިސްކަން ދޭ ކަމެއް،" ޝިއާރު ވިދާޅުވި އެވެ.

ފުށިފަރަކީ ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނޭ ގޮތަށް 49 ކޮޓަރީގެ ރިސޯޓެވެ.