ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމަށް ނާހިލް ދޫކުރަން ވިކްޓަރީން ދެކޮޅު

ގައުމީ 19 އަހަރުން ދަށުގެ ޓީމުން ސީނިއާ ސްކޮޑަށް ނެގި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމްއަށް ރިލީޒް ދޭން އެ ކުލަބުން ދެކޮޅު ހަދައިފި އެވެ.

ވިކްޓަރީން ވަނީ، އެކަން އެފްއޭއެމްއަށް އަންގާފަ އެވެ. ނާހިލްއަށް ގައުމީ ޓީމަށް ދާން ރިލީޒް ދޭން ކުލަބުން ބޭނުން ނުވީ ދިވެހި ޕްރިމިއާ ލީގްގައި އިއްޔަ ކުޅެން އޮތް މެޗަށް ނާހިލް ނައުމުންނެވެ. އެހެންނަމަވެސް ދަނޑަށް ނުދިޔައީ ނާހީލް އެކަންޏެއް ނޫނެވެ. ވިކްޓަރީން އޭނާ އަށް ދޭން ޖެހޭ މުސާރަވެސް ނުދެ އެވެ.

މި އަންނަ މަހު ފިލިޕީންސް އަދި ގުއާމް އާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ނާހިލްއަށްވެސް ވަނީ ފުރުސަތު ދީފަ އެވެ. އެހެންނަމަވެސް ކުލަބުން އޭނާއަށް ރިލީޒް ދޭން ބޭނުން ނުވެއްޖެނަމަ ޓްރެއިނިން ކޭމްޕްގައި ޓީމާއެކު އޭނާއަށް މެލޭޝިއާ އަށް ދަތުރު ނުކުރެވޭނެ އެވެ. ސީނިއާ ޓީމުގެ ސްކޮޑިން ނާހިލް އަށް މި މަހު ވަނީ ޖާގަ ދީފަ އެވެ. މިދިޔަ މަހު ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ 19 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި އޭނާ ވަނީ 19 އަހަރުން ދަށުގެ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ގައުމީ ސްކޮޑުގައި ވިކްޓަރީން ހިމެނެނީ ނާހިލް އެކަންޏެވެ. އޭނާ އަށް ރިލީޒް ނުދޭން އެ ޓީމުން ބޭނުން ނުވާއިރު އޭނާ އަށާއި އެ ޓީމުގެ އެހެން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަވެސް ކުލަބުން ދީފައެއް ނުވެ އެވެ. މިކަމާ ބެހޭގޮތުން ވިކްޓާރީގެ ރަސްމީ ބަހެއް ނުލިބެ އެވެ.

ސިރިއާ އާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ސީނިއާ ޓީމަށް ނެގި 19 އަހަރުން ދަށުގެ ޓީމުގެ އަނެއް ކުޅުންތެރިޔަކީ އީގަލްސްގެ ސްކޮޑުގައި ލިސްޓްކޮށްފައިވާ ސާވީ އިބްރާހިމް އެވެ. އަންޑާ 19 ޓީމުގެ ކެޕްޓަން ހަސަން ނަޒީމު (ޗޯޓް) ވަނީ ސެޕްޓެމްބަރު މަހު ގައުމީ ސްކޮޑުގައި ހިމެނި މެޗުވެސް ކުލެފަ އެވެ. ވޯލްޑްކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ގުއާމް އާ ދެކޮޅަށް ކުޅެފަ އެވެ.