ހޮލީވުޑް

އެޕަލް އަށް ޑޮކްޓަ ޑްރޭ، ސްޕޮޓިފައި އަށް އޮބާމާ!

Aug 15, 2015

ޑޮކްޓަޑްރޭގެ ނުފޫޒާ އެކު އެޕަލް މިއުޒިކްގެ އަޑުގަދަކޮށްލާފައިވީ ނަމަވެސް މިގޮތަށް އޮންލައިން މިއުޒިކް ސްޓްރީމިންގެ ހިދުމަތް ދޭ އެހެން ބައެއް ކަމުގައިވާ ސްޕޮޓިފައި މިޔުޒިކަށް މިހާރު މާ ވަރުގަދަ ޝަހުސިއްޔަތެއް ލިބިއްޖެއެވެ. އެއީ އެމެރިކާގެ 44 ވަނަ ރައީސް، ބަރަކް އޮބާމާއެވެ.

ވައިޓް ހައުސް އިން ސްޕޮޓިފައި އަށް ރޭގަނޑު އަޑުއަހާނެ ޕްލޭލިސްޓަކާއި ދުވާލު އަޑުއަހާ ޕްލޭލިސްޓެއް ލައިފިއެވެ. މި ދެ ލިސްޓުގައި ހުރި ލަވަތަކަކީ އޮބާމާ ވަކިވަކިން ހިޔާރުކުރައްވާފައި ހުރި ލަވަތަކެކެވެ.

ކުރީގައި ވައިޓް ހައުސް އިން ސްޕޮޓިފައި އަށް ލަވަ ލާފައި ނުވި ނަމަވެސް މިހާރު ވަނީ ޕްލޭލިސްޓު ހަދައި އޮފިޝަލް ޗެނަލެއެއް ވެސް ހަދައިފައެވެ. "ދަ ޕްރެޒިޑެންޓްސް ޕްލޭލިސްޓް" ގެ ނަމުގައި ހަދާފައިވާ ލިސްޓުގައި ހިމެނޭ ލަވަތަކުގެ ތެރޭގައި ބިޔޯންސޭ، ރޯލިންގް ސްޓޯން، ބޮބް މާލީ އަދި ކޯލްޑްޕްލޭ ފަދަ އާޓިސްޓުންގެ ލަވަތައް ހިމެނެއެވެ.

ވައިޓް ހައުސް އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްޕޮޓިފައި އިން މީގެ ފަހުން އެތަނުން ޝެއާ ކުރާ ހުރިހާ ލަވަތަކެއް ފެންނާނެ ކަމަށާއި އެތަނުގެ ހަފްލާއެއް އޮތް ކަމުގައިވާ ނަމަ އެހަފްލާގައި ކިޔާ ލަވަތަކާއި ޖަހާ ލަވަތަކެއް ޕްލޭލިސްޓަކަށް ހަދާފަ ލާނެ ކަމަށެވެ.

އޮބާމާ ސްޕޮޓިފައި ބޭނުންކުރައްވަން ފެއްޓެވުމާ އެކު މި މިއުޒިކް އެޕް ވެފައި ވަނީ އެމެރިކާގެ ރައީސަކު މިގޮތަށް ބޭނުންކުރެއްވި ފުރަތަމަ މިއުޒިކް އެޕަށެވެ.