އެމްއެމްޕީއާރުސީގެ ހިޔާނާތް

ތުހުމަތު ކުރެވޭނަމަ ލަސް ނުކޮށް ތަހުގީގުކުރޭ: މަހުލޫފް

ވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވޭނަމަ ލަސް ނުކޮށް ސުވާލުކޮށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ އެނާއާ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި ފިޝަރީޒް މިނިސްޓަރު ޒަހާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައިވާ ކަމަށް ބައެއް މަޖިލީހުގެ މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން މަހުލޫފް ވިދާޅުވީ ވަޒީރެއްގެ މައްޗަށް ތުހުމަތު ކުރެވޭނަމަ ލަސް ނުކޮށް ސުވާލުކޮށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ގޯހެއް އުޅޭނަމަ ފިޔަވަޅު އަޅާ ދައުވާކޮށް އަދަބު ވެސް ދޭންޖެހޭ ކަމަށެވެ.

"ވަގު ސަރުކާރެއް ދިފާއު ނުކުރަން ފާޅުގައި ވާހަކަ ދެއްކި ފުރަތަމަ މީހަކީ އަޅުގަނޑު. ރައްޔިތުންނަށް ހަގީގަތް ސާފު ކޮށްދޭން ޖެހޭ." މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

ބިޝާމް ވިދާޅުވި ނަންތަކުގެ ތެރޭގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހުގެ ނަންވެސް ހިމެނިވަޑައިގަންނަވާތީ ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މިނިސްޓަރު މަލީހް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއިން އާންމު ކުރި ރިޕޯޓެއްގައި ވެސް ކުރިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ކުރިން މަހުލޫފް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި ބަހައްޓާފަ އެވެ.

އޭރުވެސް މަހުލޫފް ވަނީ ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކަން ހިނގާދިޔަގޮތް ސާފުކޮށްދީ ބަޔާނެއްވެ ސް ނެރުނެވެ.

ރައީސް އޮފީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މަހުލޫފްގެ ސަސްޕެންޝަން އުވާލައި އަލުން މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ގޭގައި މަޑުކުރަން އެންގިތާ ދެ މަހާ ދެ ދުވަސް ފަހުންނެވެ.

އޭސީސީ އާއި ހިޔާނާތްތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން