ގައުމީ އިނާމް

5 ބޭފުޅަކަށް ޝަރަފު، 21 ބޭފުޅަކަށް ހިތްވަރު

މިއަހަރު ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ބޭފުޅަކަށް ދޭން ނިންމައިފި އެވެ.

އާދައިގެ މަތީން މި އަހަރު ވެސް ގައުމީ އިނާމަށް ބޭފުޅުން ހޮވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވުން އޮންނާނީ، މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. މީގެ ކުރިން ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ އިނާމު ދެނީ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.