މުހައްމަދު ސައީދު

ދީނުގެ ކަންކަން އެހެން ބަޔަކާ ހަވާލެއް ނުކުރެވޭނެ: ސައީދު

އިސްލާމް ދީނުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ކޮންޓްރެކްޓް އުސޫލުން ހަވާލު ކުރެވޭނެ އިންތިޒާމެއް ގާނޫނު އަސާސީގައި ހަމަޖައްސާފައި ނުވާ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސައީދު ފާޑު ވިދާޅުވެފައިވަނީ އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތަ ސަރުކާރެއް އުފައްދަން ކަމަށާ އެ ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށައެޅުން ކަމަށް އެމްޑީޕީން ގަބޫލު ކުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެނެވެ.

ސައީދު ވިދާޅުވީ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ވެރިއެއްގެ މައްޗައް، އަދި ގައުމުގެ އެންމެމަތީ އޮފީހާާއި ހަވާލުވެ ހުންނަ ބޭފުޅަކަށް ކޮންމެ ވަގުތެއްގައިމެ އެންމެ އިސްވާޖިބަކީ އިސްލާމްދީން ނަގަހައްޓާ ދެމެހެއްޓުން ކަމަށެވެ. އެއިން ބަރީއަވެ ދީނުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ތިންވަނަ ފަރާތަކަށް ކޮންޓްރެކްޓް އުސޫލުން ހަވާލު ކުރެވޭނެ އިންތިޒާމެއް ގާނޫނުއަސާސީގައި ހަމަޖެހިފައިނުވާ ކަމަށެވެ.

އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ވެސް ގޮވާލާފައިވާއިރު، އެ ޖަމިއްޔާ އުވާލުމަށް އެންމެ ބޮޑަށް ގޮވާލަމުން ދަނީ ވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިންނެވެ.

އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ރައީސް ނަޝީދު މީގެ ކުރިން އެތައް ފަހަރަކު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އިސްލާމްދީނާ މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އަޅަން ގޮވާލާ އިދިކޮޅު ދެ ޕާޓީން ވަނީ ސިލްސިލާ އެއްވުންތަކެއް ބާއްވަން ފަށާފަ އެވެ.