ޖަޕާނުގެ އައު އެމްޕެރާ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޖަޕާނަށް ވަޑައިގެންފައިވަނީ މިމަހުގެ 19ވަނަ ދުވަހުގެ ރެއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އެ ގޮތުން އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ދެ ގައުމުގެ ރަސްމީ ވާހަކަފުޅުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ޖަޕާން އިންޓާނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައިކާއިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި މި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާ އެކުވެސް ވަގުތުކޮޅެއް ހޭދަކޮށްލެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެ ގައުމުތަކުގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދެއްވުން ކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއާ ޖަޕާނުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަކީ ފާހަގަކޮށްލެވޭ ބަދަހި ގުޅުމެކެވެ. މިގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް އެކި ރޮނގުތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެއް ގައުމަކީ ޖަޕާނެވެ.
އެގޮތުން އުމްރާނީ ތަރައްގީގެ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ބޮޑެތި އެހީތަކެއް ވެދީފައިވާއިރު އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ތައުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުގެ އެހީގައި ހިންގާފައިވާ އެކި މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ޖަޕާނުން ވެދީފައިވާ އެހީތެރިކަމަކީ، ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓަށް އެރުމަށް ރާއްޖެއަށް މަގުފަހިވެގެންދިޔަ މުހިންމު އެހީތަކެކެވެ.