ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ޖަޕާނުގެ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.
މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ޖަޕާނުގެ ޔޮކޮސުކާގައި ހުންނަ މި ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ގުޅޭ ގޮތުން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ހޯއްދަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ ސެންޓަރުން ރައީސް އަށް މަރުހަބާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީ އެވެ.
މީގެ އިތުރުންވެސް، އެ ސެންޓަރުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ އެމްއެންޑީއެފްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެމީހުންގެ ތަމްރީނާގުޅޭ މައުލޫމާތުވެސް އޮޅުންފިލުއްވި އެވެ.
މެރިޓައިމް ޑިޒާސްޓަާ ޕްރިވެންޝަން ސެންޓަރުގައި ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި ތެޔޮ ލީކުވުންފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާ އަދި ވިހަ މާއްދާތައް ލީކްވެ ފެތުރިގެންދާ ހާލަތުގައި އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދުމާ ގުޅޭ ތަމްރީނު ޕްރޮގްރާމުތައް ހިމެނެ އެވެ.
މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިން ސްޓޭޝަން އަދި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިޔަށްގެންދާ ސަރަހައްދަށް ވެސް ޒިޔާރަތްކުރެއްވި އެވެ.
ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އަންނަނީ ރާއްޖެއަށް އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ ވަށައިގެން ލާފައިވާ ތޮށްޓަކީ ވެސް މިދާއިރާއިން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހީއެކެވެ.
މީގެ އިތުރުން، މިއަހަރުގެ ކުރީކޮޅު ޖަޕާނު ސަރުކާރުން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު އެގައުމުން ވަނީ ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.