ހަބަރު

ޕީޖީއަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް

Oct 28, 2019

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމު ބޭނުން ނާޖައިޒު ގޮތުގައި ހިފި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައަކީ މިނިވަން50ގެ ޖާފަތް ތައްޔާރުކުރުމަށް ނިއުޕޯޓަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން ކަމަށް ތުހުމަތުވާ މައްސަލާގައި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފަށް ދައުވާ ނުކުރި މައްސަލަ އެވެ.

އޭސީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝަރީފަށް ދައުވާ ނުކުރަން ބިޝާމް ނިންމެވިއިރު އޭނާއަކީ ނިއުޕޯޓަށް އެ މަސައްކަތް ހަވާލުކުރި ކޮމެޓީގެ މެންބަރެއް ކަމަށެވެ. އެކަމަކީ ބިޝާމަށް ވެސް ތުހުމަތު ކުރެވޭ ގޮތަށް އޮތް މައްސަލައަކަށްވާއިރު އެ މައްސަލާގައި ދައުވާ ނުކުރަން އޭނާ ނިންމާފައިވަނީ މަގާމުގެ ފައިދާ ނާޖައިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ.

ޕީޖީ ބިޝާމްގެ މި މައްސަލަ އޭސީސީއަށް ގޮސްފައިމިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވާހަކަ ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހުން އޭނާ މަގާމުން ވަކި ނުކުރާތީ އެތައް ބައެއް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

މިފަހުން ބިޝާމް ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ނިންމި އެވެ. ނަމަވެސް ފަހުން އެކަން ވަނީ ބާތިލްކޮށްފަ އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. ނަމަވެސް ސުޕަ މެޖޯރިޓީ ލިބުމުން ވެސް ޕީޖީ ބިޝާމް ވަކިކޮށްފައެއް ނުވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މީގެކުރިން ސިރާޖު ހުށަހެޅި އެވެ. އެކަމަކު މައްސަލަ ކުރިއަށް ނުދެ އެވެ.

މިފަހުން ވެސް ޕީޖީ ބިޝާމްއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން ރިލްވާން މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ޕީޖީގެ އަމަލުތައް ބަހައްޓަނީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވެސް ފާޑުވިދާޅުވި އެވެ.