ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ހުޅު ރޯކުރާ ދަރަކަށް ދީން ނުހަދާ: ރައީސް

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު ނުދޭން ރާއްޖޭގެ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ. ރައީސް މިކަމަށް ގޮވާލެއްވީ މިރޭ ބޭއްވި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސުލްހަވެރިކަމުގައި އުޅެމުންދިޔަ ދިވެހިންގެ މި ރާއްޖެއަށް މިއަދު އައިސްފައި ވަނީ ކަންބޮޑުވާންޖެހޭ ފަދަ ބޮޑު ބަދަލެއް ކަމަށެވެ. އެގޮތުން އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވަމުން އެތައް އާއިލާތަކަކަށް ހިތްދަތިކަން ދެމުން ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ލިބިފައިނުވާ އެތައް މިނިވަންކަމަކާ ހައްގުތަކެއް އާ ގާނޫނު އަސާސީން ލިބިގެން ދިޔަ ކަމަށާއި އޭގެ ރަނގަޅު ފައިދާ އިންތިހާއަށް ލިބެމުންދާއިރު އިމެއް މިނެއްނެތި ނާޖައިޒު ގޮތުގައި އެ ހައްގުތަކުގެ ބޭނުން ބަޔަކު ހިފަމުންދާ ކަމަށެވެ. އެކަމުގެ ނުރަނގަޅު އަސަރު މުޖްތަމައުއަށް ފޯރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް މީހުން މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް ބަސް ބުނަމުންދާ ކަމަށާ އަނެއް ބަޔަކު ދީނުގެ ނަމުގައި ހަރުކަށި ފިކުރަށް ވިސްނުން ބަދަލު ކުރަމުންދާ ކަމަށެވެ. އަދި ދީނުގެ ދިފާއުގައި ކަމަށް ބުނެ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ އަމިއްލަ ނަފްސު މަރަށް ހުށައަޅަމުންދާ ކަމަށެވެ.

"އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވާ، އާއިލާތައް ބިކަކުރަމުން އެބަ ގެންދޭ. މިއަދު އެއްފަހަރާ އެއް އަޑުން އަޅުގަނޑުމެން އެންމެން މިކަމަށް ނޫނެކޭ ބުނަންޖެހޭ. އިސްލާމްދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާ ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުުރުސަތު ނުދެއްވާނެ ކަމަށް ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަން. ހަމަ އެގޮތަށް އިިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދާ މީހުން މެރުމަށް ގޮވާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވާ، އާއިލާތައް ބިކަކުރަމުން އެބަ ގެންދޭ. މިއަދު އެއްފަހަރާ އެއް އަޑުން އަޅުގަނޑުމެން އެންމެން މިކަމަށް ނޫނެކޭ ބުނަންޖެހޭ. އިސްލާމްދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާ ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުުރުސަތު ނުދެއްވާނެ ކަމަށް ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަން. ހަމަ އެގޮތަށް އިިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދާ މީހުން މެރުމަށް ގޮވާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބޮޑުވެ، އެ މައްސަލާގައި ފިޔަވަޅު އެޅުން ފަސްވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ވިދާޅުވީ އެމްޑީއެން ރިޕޯޓާ ގުޅިގެން ފިޔަވަޅު ނާޅައިގެން ވާހަކަ ދައްކަމުންދާ ބައެއް ބޭފުޅުންނަކީ ވެރިކަމުގައި ތިބެ އެ ރިޕޯޓަށް ފިޔަވަޅު ނާޅާ ދެލޯ މަރާލައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން މިއަދު ފިޔަވަޅު އަޅަން ގޮވާލަނީ އިޚްލާސްތެރި ނިޔަތެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފިޔަވަޅު ނޭޅި ނަމަވެސް މި ސަރުކާރުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ދިވެހިންނަކީ ބަޔަކު ލިޔެލާ ރިޕޯޓަކުން ނުވަތަ ދައްކާ ވާހަކައަކުން އެބައިމީހުންގެ އަގީދާއަށް އަސަރުކުރާނެ ބައެއް ނޫން ކަމަށެވެ.

އެމަނިކުފާނު މިރޭ ވަނީ ރާއްޖޭގެ އިލްމުވެރިންނަށް ވެސް ޚާއްސަ އިލްތިމާސެއް ކުރައްވާފައެވެ. އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާ އެމްޑީއެން އުވާލުމަށް އެންމެ ބޮޑަށް ގޮވާލަމުން ގެންދަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނެވެެ.

"ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާ މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން މީހުންގެ ސިކުޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ. އަޅުގަނޑު ހިތަށް އަރަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީ ބާވައޭ.." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާ މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން މީހުންގެ ސިކުޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ. އަޅުގަނޑު ހިތަށް އަރަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީ ބާވައޭ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ވާހަކަފުޅުގައި ބޮޑުތަކުރުފާނުގެ ޖިހާދާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.