ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(27 އޮކްޓޯބަރ 2019 އާ ގުޅޭ)

"އެއީ... އޮފީހުން... ޑިއުޓީގަ އިންކުއްޖާ" ލިއަމް ބުންޏެވެ.

"ފަރަހަތަ ކިޔަނީ؟" ހޭޒަލް އެއްސެވެ.

ސޯފާގެ އަތްގަނޑުގައި ބުރަކަށި ޖައްސާލައިގެން ހަށިގަނޑުގެ ބުރަ ސޯފާގެތެރެއަށް ދޫކޮށްލައިގެން ލިއަމް އިނީ ނިކަން ހަމަޖެހިފައި އިން މީހަކު ހެންނެވެ. ނަމަވެސް ކޮޓަރިން ހޭޒަލް ނުކުތްތަން ފެނުމާއެކު އޭނާގެ ހަރަކާތްތަކަށް ބަދަލު އަތުވެއްޖެއެވެ. ނިކަން އަވަހަށް ހަށިގަނޑު ތެދުކޮށްލައި ސޯފާގައި ރީތިކޮށް އިށީނެވެ. ޢާންމުކޮށް ދަންވަރުގެ އެވަގުތަކީ ހޭޒަލް ނިދާފައި އޮންނަ ގަޑިކަން ލިއަމްއަށް އެނގެއެވެ. ހޭޒަލްއަކީ ތިން ހަތަރު ފަހަރަށް ހޭލާ އަންހެނެއްނޫންކަން ވެސް ލިއަމް ދެނަހުއްޓެވެ. ހީނުކުރާކަމެއް ދިމާވުމުން އެކަމާ ކުރިއާލާ ތައްޔާރުވާނޭ ފުރުޞަތު ނުލިބުނަސް ލިއަމްގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

"އެހެންނެއްނޫން ކިޔަނީ... ޒެއްލު ކިހިނެއްވީ ހޭލެވުނީ؟" ހޭޒަލްގެ ސުވާލުތަކަށް މާބޮޑު ސަމާލުކަމެއް ނުދީވޭތޯ ލިއަމް ބެލިއެވެ.

"ކިހިނެއްވީ؟ އަހަރެން ހޭލައިގެން ނުވަނީތަ؟ ނުބައިގަޑިއެއްގަ ހޭލެވުނީ ދޯ" ހޭޒަލް ބުނެލިއެވެ.

"ޒެއްލޫ!..." ލިއަމް ގޮވާލިއެވެ.

"މާދަމާ އޮފީހަށް ވެސް ނުދާ ދުވަހަކީތަ؟ މިހާރު ހުންނާނީ އެއްޗެހި ބެލިފަ... ހިނގާ ކޮޓަރިއަށް" ހޭޒަލް ބުނެލިއެވެ.

"އަހަރެންގެ ނިދިނެތީމައޭ މިތާ މިއިނީ" ލިއަމް ބުންޏެވެ.

"ތި ނިންޖެއް ވެސް އަންނާނީ ނިދަން އުޅޭނަމަތާ؟ ގޮސް އެނދުގަ އޮވެބަލަ... މިހާރު ވެސް ތިއިނީ ކޮންމެހެން ޓީވީ ބަލާކަށް ނޫނެއްނު، ކޮޓަރިއަށް ވަދެ ޓީވީ ހުޅުވައިގެން އެނދުގައި އޮތަސްވާނީ އެއްގޮތެއް..." ހޭޒަލް ބުންޏެވެ. ދަންވަރުގެ އެވަގުތުގައި ދެބަސްވުމެއް ހިނގާކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެހެންވިޔަސް އޭނާއަށް ލިއަމްގެ އެ ފޯނުކޯލާ މެދު ވިސްނުނެވެ. ހޭޒަލް ފެނުމާއެކު ލިއަމްއަށް އައި ބަދަލު ވެސް ހޭޒަލްއަށް ފާހަގަވިއެވެ. ރުޅިގަދަވެގެން ހަޅޭފަޅޭ ލަވައިގެނެގެން އެއްވެސް ކަމެއް އޮޅުން ނުފިލާނޭ ހޭޒަލްގެ ޟަމީރު އެއްބަސްވެއެވެ. ހިތްހަމަނުޖެހުނެއްކަމަކު ހޭޒަލް މާ ބޮޑުވަރު ނުކުރީ އެހެންވެއެވެ.

ހޭޒަލް ބުނި ގޮތުން ނުގޮސް އިންނާކަށް ލިއަމްއަކަށް ނުކެރުނެވެ. ހޭޒަލްގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ލިއަމްއަށް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ ގަސްދުގައި އެއްވެސް ކަމެއް ނޭނގޭކަމަށް ހެދީއެވެ. ސޯފާއިން ތެދުވެ ޓީވީ ނިއްވާލައި ހޭޒަލްގެ ފަހަތުން އައިސް ލިއަމް ވެސް ކޮޓަރިއަށް ވަދެއްޖެއެވެ. ލިއަމް އެނދަށް އަރާ އޮށޯތުމުން ހޭޒަލް ވަނީ ފާޚާނާއަށެވެ.

"ފަރަހަ... ފަރަހަ... ހަމައެހެން ބުނީ... އެއީ ފިރިހެން ނަމެއްނޫން، ލިއަމް އެ އުޅެނީ އަހަންނަށް އަޑުއިވުނު ގޮތް ގޯހޭ ބުނަންތަ؟... އަހަރެންގެ ކަންފަތުގެ އިވުމުގައި އަދި އިރާދަކުރެއްވިއްޔާ އެއްވެސް އުނިކަމެއްނެތް، އަހަންނަށް ސާފުކޮށް އިވުނު... ބުނީ ފަރަހައޭ..." ހޭޒަލްއަށް އިވުނު އެއްޗަކާއި ފެނުނު މަންޒަރާ މެދު ވިސްނަން ވަގުތުކޮޅަކު ހުރެވުނެވެ.

ހޭޒަލް ފާޚާނާކޮށްގެން ނުކުތް އިރު ލިއަމް އެއާޕޮޑް ޖަހާލައިގެން ފޯނުން ޓިކްޓޮކް ބަލަން އޮތެވެ. އޭނާ ބުނިހެން ނިދީގެ އެއްވެސް އަސަރެއްނެތްކަން ހޭޒަލްއަށް ވެސް ފާހަގަވިއެވެ. ހޭޒަލް އައިސް ރަޖާގެ ދަށަށް ވަދެއް އެނދުގައި ހަމަޖެހިލައިފިއެވެ. އޭނާ އޮތީ ލިއަމްއާ ދިމާއަށް އެނބުރިއެވެ. ހިތުގައިވި ސުވާލުތައް ކުރަން ނުކުރަން ހޭޒަލް އޮތެވެ. އިރުއިރުކޮޅުން ދެތުންފަތް އޭނާ ބައްދާލައި ބާރުކޮށްލާފައި ދޫކޮށްލައެވެ. ލޯ މަރާލިއެއް ކަމަކު ހޭޒަލްއަކަށް ނުނިދުނެވެ. އޭނާ އޮތީ ހޭލައެވެ. ދޭތެރެއަކުން ކިރިޔާ ފެންނަވަރަށް އެސްފިޔަތައް ދުރުކޮށްލާ ގާތުގައި އޮތް ލިއަމްއަށް ބަލާލައެވެ. އޭނާ ވެސް ހޭޒަލްއަށް ބަލާކަން ފާހަގަވިއެވެ. އެގޮތުގައި ހޭދަވީ ކިހާ ވަގުތެއްކަމެއް ނޭނގެއެވެ. ލިއަމް ފޯނު ބާއްވާފައި އޮށޯވެއްޖެއެވެ.

"ގުޑްނައިޓް" ހޭޒަލްގެ ނިތުގައި ބޮސްދީފައި އޭނާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން ލިއަމް ސިއްރުން ބުނެލިއެވެ. އެއާއެކު އޭނާ ނިދަންކަން އެ އުޅެނީ ހޭޒަލްއަށް އެނގުނެވެ. ގުޑައިނުލާ ހޭޒަލް އޮތްގޮތަށް އޮތީއެވެ.

ހެނދުނު ލިއަމްއަށް ހޭލެވުނީ ހޭޒަލް ގޮވާ އަޑަށެވެ. ހޭވެރިކަމެއްވެ ލޯ ހުޅުވާލުމާއެކު ހޭޒަލް ނުރުހިފައި ވާހަކަދެއްކިއެވެ. ފޯނު އެލާމްވާތާ އެތައް އިރެއްވެއްޖެކަމާއި ރޭގަނޑު ހަތަރުދަން ހޭލާ އުޅޭއިރު ހެނދުނު އޮފީހަށް ދާންޖެހޭކަން ވެސް ވިސްނާލާނަމައޭ ހޭޒަލް ކިޔެވެ. އޭނާ ލިއަމްއަށް ގޮވާތީ ކިހާއިރެއްވެއްޖެހޭ ބުންޏެވެ. އޮފީހަށް ދާން ތެދުވާނޭ އިރެއް ބުނެލާފައި އޮންނާށޭ ހޭޒަލް ބުންޏެވެ. އޭރުން އެހާ އިރަށް އަލުން އައިސް ގޮވާނަމޭ ހޭޒަލް ބުންޏެވެ. ޢާންމުކޮށް ލިއަމް ހޭލާލެއް ލަސްވިޔަސް ހޭޒަލްގެ ފުށުން ރުޅިވެރިކަމެއް ނުފެނެއެވެ. އޭނާ ލޯބިން އާދޭސްކުރާނީއެވެ. ނޫނީ ލޯބިވެތި ސަމާސާތަކުން ލިއަމް ހޭލެއްވޭތޯ ބަލާނެއެވެ. މޫނާއި ތުނބުޅީގައި އަތްހާކާލުމާއެކު ލިއަމް ހޭލައިފިންކަން ބުނެލިއެވެ. އެއާއެކު ހޭޒަލް މަޑެއްނުކުރިއެވެ. އޭނާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ލިބުނު ހައިރާންކަމުގައި ލިއަމްގެ ލޮލުން ނިދީގެ އަސަރު މުޅީން ފިލައި ހިނގައްޖެއެވެ. އޭނާ ތެދުވެ އެނދުގައި އިށީނެވެ. ބާލީސް ދަށަށް ކޮއްޕާލައިފަ އޮތް ފޯނު ނަގައި ބަލާލިއެވެ. އޮފީހުގެ ގުރޫޕުތަކުން އައިސްފައި ހުރި މެސެޖުތައް އޭނާ ބަލާލިއެވެ. އަދި ފޯނު ހިފައިގެން ފާޚާނާއަށް ގޮސް ވަނެވެ.

އޮފީހަށްދާން ތައްޔާރުވެ ލިއަމް ނިމުނުއިރު ވެސް ހޭޒަލް ކޮޓަރިއަކަށް ނާދެއެވެ. އޭނާ ފޯނު ނަގައި ފަޓުލޫނު ޖީބަށް ލަމުން އަވިއައިނު ނަގައިގެން ކޮޓަރިން ނުކުތެވެ. ބަދިގޭގައި ކާމޭޒު ދޮށުގައި ކޮފީ ޖޯޑެއް ކައިރިކޮށްލައިގެން ހޭޒަލް އިންތަން ލިއަމްއަށް ފެނުނެވެ.

"ސައި ހެދީތަ؟" ހޭޒަލްގެ ގާތަށް އަންނަމުން ލިއަމް އަހާލިއެވެ.

"ހެނދުނު ސައި ނުހެދި ހުންނާތިތަ އޮފީސް މީހުންނާއެކު ލިއަމް ސައިބޮނީ، ކޮފީ ވެސް މެޝިނެއް ހުރޭ... އެކަމަކު ގެއަށްވުރެ ބޭރުގެ އެއްޗެހި ލިއަމްއަށް މާ ކަމުދެއެއްނު" އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ހޭޒަލް ބުންޏެވެ.

"އަހަރެން ދާން މިދަނީ" ހޭޒަލް އެ އިނީ ކަމަކާ ހިތްހަމަނުޖެހިފަކަން ލިއަމްއަށް އެނގުނެވެ. އިތުރު އެއްޗެއް ހޭޒަލް ބުނަން ފުރުޞަތު ނުދިނީ ލިއަމް ގަސްދުގައެވެ. އޭނާ އެނބުރި ހިނގައިގަތެވެ. ދޮރު ކައިރީ ހުރި ކަބަޑުގެ ތެރެއިން އޮފީސް ބޫޓު ނަގައި ލިއަމް އެއަށް އެރިއެވެ. އަދި ފަސްއެނބުރި ހޭޒަލްއަށް ބަލާލިއެވެ. އޭނާ އޮފީހަށް ދާން ނުކުންނައިރު ހޭޒަލް އަބަދުވެސް އައިސް ދޮރުކައިރީ ހުންނާނެއެވެ. ބަލައިގެން ދިއުމަށް ބުނާނެއެވެ. އަދި އޮފީހަށް ގޮސް ހަމަޖެހިލެވުނީމާ ގުޅާލުމަށާއި އަވަހަށް އަންނައްޗޭ ވެސް އޭނާ ލިއަމް ގާތު ބުނާނެއެވެ. އެއިން އެއްވެސް ކަމެއް މިއަދަކު ނެތެވެ. ޖެހި ބުދެއްހެން ކާމޭޒުދޮށުގައި ހޭޒަލް އިނީއެވެ. ދުވަހުގެ ފެށުން ރަނގަޅުނޫންކަން ލިއަމްއަށް އިޙްސާސް ކުރެވުނެވެ. އޭނާ މަޑުމަޑުން އެޕާޓްމެންޓުންގެ ދޮރުން ނުކުމެ ދޮރުލައްޕާލައިފިއެވެ.

އެހެން ދުވަސް ދުވަހާ ޚިލާފަށް ލިއަމް ވަރަށް ކުރީން ހޭޒަލްއަށް ގުޅައިފިއެވެ. ކީއްކުރަނީތޯއާއި ސައިބޮއެފިންތޯ ވެސް އެއްސެވެ. އަދި އޭނާ ވެސް ސައިބޯން ދަމުން ގުޅާލީ ކަމުގައި ބުންޏެވެ. އޭގެ ފަހުން ވެސް ދިހަގަޑި ބައިކަން ހާއިރު ލިއަމް ގުޅިއެވެ. އެވަރުން ނުނިމެވެ. ތިނެއް ޖަހަނިކޮށް ގުޅާފައި ތަންކޮޅެއް ކުރީން އޮފީހުން ގެއަށް ދެވޭނެކަން ވެސް ލިއަމް ބުންޏެވެ. ނަމަވެސް ހޭޒަލް އަދިވެސް ހުރީ ރޭގައި ފެނުނު ކަންކަމާމެދު ކަންބޮޑުވެފައެވެ. ލިއަމް ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހޭޒަލްއަށް ހީވާތީއެވެ. މިފަދަކަމަކާ އޭނާ ދުވަހަކުވެސް ކުރިމަތިލާފައެއް ނުވެއެވެ. އެއާއެކު ހޭޒަލްގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިޔާ ގާތު ބުނަން އޭނާ ހިތަށް އެރިއެވެ. ދެން ހަދާނޭ ގޮތެއް ފަހަރެއްގައި އޭރުން އެނގިދާނެއެވެ. އަމިއްލައަށް ވިސްނަންވެއްޖެނަމަ ބޯގޮވާފާނޭ ހޭޒަލްއަށް ހީވަނީއެވެ.

އަސުރުން ފައިބައިގެން ހޭޒަލް ތައްޔާރުވިއެވެ. ނަޝާމެން ގެއަށް ދާން ގަސްދުކޮށްގެންނެވެ. ލިއަމް އަވަހަށް އަންނާނަމޭ ބުންޏަސް އެކަމުގެ ޔަގީންކަމެއް ހޭޒަލްއަށް ނޯންނާތީއެވެ. އޮފީހުން ފަހެއްގެ ކުރީން ލިއަމް ގެއަށް އައި ދުވަހެއް ހޭޒަލް ހަނދާނެއް ވެސް ނެތެވެ. ރީތިވެލައިގެން ހޭޒަލް ކޮޓަރިން ނުކުތް ވަގުތާ އެޕާޓްމެންޓުގެ ދޮރުން ލިއަމް ވަން ވަގުތާ ވީ އެއްވަގުތަކަށެވެ. ހޭޒަލްއަށް ހައިރާންކަމެއް ލިބުނީ ލިއަމްގެ އަތުގައި އޮތް ތިން ސަންފްލާވާ ފެނިފައެވެ. އޭގެ އިތުރުން ކަރުދާސް ކޮތަޅެއް ވެސް ލިއަމްގެ އަތުގައި އޮތެވެ.

"ހޭ ބޭބީ... ޔޫ ލުކް ގޯޖަސް" ނިކަން ހިނިއައިސްފައި ލިއަމް ބުނެލިއެވެ. ދޮރުކައިރިއަށް ބޫޓު ދޫކޮށްލާފައި ލިއަމް އައިސް ހޭޒަލް ކުރިމަތީ ހުއްޓުނެވެ.

"އިޓްސް ފޯ ޔޫ... އައި ލަވް ޔޫ" މޫނު ކުރިއަށް ނެރިލާ ހޭޒަލްގެ ކޯތާފަތުގައި ބޮސްދީފައި ލިއަމް ބުނެލިއެވެ. އެއްޗެއް ނުބުނެ ހޭޒަލް ހުންނަން ފެށުމުން ލިއަމް ވާހަކަދެއްކިއެވެ.

"ކަމޯން ޒެއްލު... ތިހެން ނުހުރެ ހިފާބަލަ" ލިއަމް ބުނެލިއެވެ.

ހޭޒަލް މާތަކުގައި ހިފިގޮތަށް އެ ހިފައިގެން ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އައިލެންޑް ކައުންޓަރުގެ ކޮޅުގައި ބަހައްޓާފައި ހުރި ބިއްލޫރި ވާސް ކައިރީ ހޭޒަލް މަޑުކޮށްލިއެވެ. އަތުގައި ހުރި އިރަށްއެނބުރޭ މަލުގެ ތިންމާ ކައުންޓަރު މަތީ ބެހެއްޓިއެވެ. ވާސްގައި ހިކިފައި ހުރި ފިނިފެންމާތައް ނެގި ގޮތަށް ހޭޒަލް އެ އަޅާލީ ކުނިވަށިގަނޑަށެވެ. އަދި އެ ވާސްއަށް މާތައް ޖަހަން އުޅުނެވެ. ލިއަމް އައިސް އައިލެންޑް ކައިރީ ހުރި އުސްގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެ އޭނާގެ އަތުގައި އޮތް ކަރުދާސްކޮތަޅު ކައުންޓަރު މަތީ ބަހައްޓާލިއެވެ. އަދި ހޭޒަލްގެ ކައިރިއަށް އެ ކޮތަޅު މަޑުމަޑުން އަތުން ކޮއްޕާލިއެވެ.

"މިވެސް ޒެއްލުއަށް" ލިއަމް ބުންޏެވެ. މާތައް ޖަހާ ނިންމާފައި ހޭޒަލް އެ ކޮތަޅުގެ ތެރެ ބަލާލިއެވެ. ޕާރުސަލް ކޮށްފައި އޮތް އެ ފޮށި ކަނޑާލިއިރު އަގުބޮޑު ސެންޓުފުޅިއެކެވެ.

"މި ކީއްކުރަން ގެނައި އެއްޗެއް" ހޭޒަލްއަށް ބުނެވުނެވެ.

"ލޯބިން ގެނެސްދިނީއެއްނު... އެހެންޏާ ވެސް އަހަރެން ޒެއްލުއަށް ގިފްޓް ގެނެސްދެން ދޯ، އެއީ ކަމަކާ ގުޅުވައިގެންނެއްނޫނޭ... ޒެއްލުއަށް ކަމުދާނެހެން ހީވާ އެއްޗެއް ފެނުނީމަ ގަނެދޭހިތްވަނީ" ލިއަމް ބުންޏެވެ. އަދި ކުރިއަށް ގުދުވެލައި ހޭޒަލްގެ އަތުގައި ހިފާލައި ލިއަމްއާ ގާތަށް ދަމާލިއެވެ.

"އަހަރެން މިއުޅެނީ ނަޝާމެންގެއަށް ދާން" ހޭޒަލް ބުނެލިއެވެ. ލިއަމްއާ ދުރަށް ޖެހިލަން އުޅުނެވެ. އެހެންނަމަވެސް އެ ފުރުޞަތެއް ލިއަމް ނުދިނެވެ. އޭނާގެ ދެއަތުގެ ތެރޭ ހޭޒަލް ހިފަހައްޓާލައިގެން އިނެވެ.

"ވަޓްސް ރޯންގް" ލިއަމް މިފަހަރު އެހީ ސީރިއަސްކަމާއެކުއެވެ.

"ލިއަމް އަހަރެންދެކެ ލޯބިވޭތަ؟" އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ހޭޒަލް އެއްސެވެ. ވަގުތުން ލިއަމް ޖަވާބުދިނެވެ.

"އޮފްކޯސް... ދެން އަހަރެން ލޯބިވާން ހުރީ ކާކުތަ؟ ޔޫ އާ މައި އެވްރިތިންގް" ލިއަމް ބުނެލިއެވެ.

"ލިއަމް ބަދަލުވެއްޖެހެން އަހަންނަށް ހީވަނީ، އަހަންނަށް ކަމެއް ގޯސްކޮށް ކުރެވެނީތަ؟" ލިއަމްގެ ނިތަށް ރޫ ގިނަވެލިތަން ހޭޒަލް ދުށްޓެވެ.

"އަހަރެން ބަދަލުވެއްޖެޔޭ ޒެއްލުއެއްނު ތިބުނަނީ، އަހަންނަށް އެނގިގެން އަހަރެން ބަދަލެއްނުވަން" ލިއަމް ބުންޏެވެ.

"ފަރަހަ... އެއީ ކާކު؟" ހޭޒަލް ބުންޏެވެ. އެހިނދު ފޫހިކަމުގެ އަސަރާއެކު ލިއަމް ޗަސްޖަހާލި އަޑުއިވުނެވެ.

"އަދިވެސް ރޭގަ އަހަރެން ފޯނުގަ އިންކަންތައް ދޯ ތިއުޅެނީ... އަހަންނަކަށް ނޭނގެ ކޮން ފަރަހައެއްގެ ވާހަކަކަމެއް ޒެއްލު ތިދައްކަނީ، އަހަރެން ބުނީމެންނު އެއީ ޑިއުޓީ ކުއްޖާއޭ... އެއީ ފިރިހެނެކޭ، ފަރުހާނު ކިޔަނީ، ޒެއްލުއަށް ފަރަހައޭ ބުނިހެން ހީވީކަމަށް ތިވާނީ... އެ ދަންވަރު އަހަރެން ކީއްކުރަންތަ އަންހެނަކާ ވާހަކަދައްކަންވީ" ލިއަމް ހިސާބަކަށް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ލިއަމް ވާހަކަދައްކާ ގޮތް އަހަންނަށް ވެސް ނޭނގިއެއްނުހުންނާނެއެއްނު، އަހަންނަށް އިވުނޭ... އަންހެނަކާ ވާހަކަދައްކާ ގޮތާއި ފިރިހެނަކާ ވާހަކަދައްކާ ގޮތް ވެސް ތަފާތުވާނެ، އެއަށްވުރެ މާބޮޑަށް ތަފާތުވާނެ ގުޅުމެއް އޮންނަ އަންހެނަކާ ރައްޓެހިކަން އޮންނަ އަންހެނަކާ ވާހަކަދައްކާ ބަސްމަގާއި ރާގު ވެސް، އެހާ ވެފަ ރޭގަ ހަމައިނީ ޑިއުޓީގަ އިން ފިރިހެނަކާ ވާހަކަދައްކަން... ދެން ކީއްވެ ކުއްލިއަކަށް ފޯނު ބޭއްވީ، އަހަރެން ފެނުނީމަ ލިއަމްގެ ރާގު ބަދަލުވީ، މުޅި މީހާ ސިހުނީ" ހޭޒަލް ހުރިހާ ސުވާލެއް ކުރިއެވެ.

"ކަމެއްގަ ޑިއުޓީގަ އިންކުއްޖާއަށް ގުޅާލީ، ދެން މަޑުކޮށްލީ އޭނާ މަޖާ ވާހަކައެއް ދައްކާތީ... ޒެއްލު ނިދާފަ އޮވެފަ ނުކުތީމަ އަހަންނަށް މުހިންމުވާނީ ޒެއްލު ދޯ... އަހަރެން ހީކުރީ ޒެއްލުއަށް ކަމެއްވިއްޔޭ، ވީގޮތެއް އޮޅުން ފިލުވަންވެގެން އަވަހަށް ފޯނު ބޭއްވީ، އެކަމަކު އެހެން ހެދުނީމަ މިވީ ގޯހެއްނު... މަގޭ ފޯނު ދައްކަންވީތަ... ރޭ ދަންވަރު ޒެއްލު ނުކުތް ވަގުތު ކޮށްފަ އިން ކޯލު އޭރުން އެނގޭނެއެއްނު" ލިއަމް ކުރިއަށްވުރެ ބޮޑަށް ނުރުހުންފާޅުކުރިއެވެ. އަޑުވެސް ހަރުކަށިވެއްޖެއެވެ.

"ދައްކާ ފޯނު" އެއްވެސް އަސަރެއްނެތްހެން ހޭޒަލް ބުންޏެވެ.

"ރިއަލީ..." ހޭޒަލްއަށް ބަލަން ހުރެ ލިއަމް ބުންޏެވެ. ހޭޒަލް ބޯޖަހާލީއެވެ. ނުރުހުމާއެކު އަތުގައި އޮތް ތަޅުދަނޑުފަތު ކައުންޓަރު މައްޗަށް އެއްލާލައި ލިއަމް ގޮނޑިން ތެދުވެ ހޭޒަލްއާ ދުރަށް ޖެހުނެވެ. އަދި ފަޓުލޫނުގެ އަރިމަތީ ޖީބުން ފޯނު ނަގައި "ކޯލު ލޮގް" ހުޅުވާލައި ހޭޒަލްއަށް ދެއްކިއެވެ. ޖެހިލުންވެފައި ހުރިވަރުން ހޭޒަލްއަށް ހިންދިރުވާލެވުނެވެ. އެހެންވިޔަސް އޭނާ ލިއަމްގެ ފޯނުގައި ހިފިއެވެ. އިސްކުރީނަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ.

"ކޮބާ އަނެއްފޯނު..." ހޭޒަލް އަހާލިއެވެ. މިފަހަރު ވެސް ހިތްހަމަނުޖެފައި ލިއަމް ޗަސްޖަހާލިއެވެ.

"ތިނޫން ފޯނެއްނެތް... ހޭޒަލް ބަލަން ބޭނުންވެގެން އުޅޭ އެއްޗެއް ބަލަންވީނު. ތިއޮތީ ފެންނާކަށްނު" ލިއަމް ހަރުކަށިކަމާއެކު ބުނެލިއެވެ. ރޭގެ ދަންވަރު ދެގަޑި ވިހީގަ ގުޅާފައި އޮތްކަމަށް ލިއަމްގެ ފޯނުން ފެންނަން އޮތީ އެންމެ ކޯލެކެވެ. އެ ނަންބަރުގައި ޖަހާފައި އޮތީ "ޑިއުޓީ ފޯން" ކަމަށެވެ. ކޯލް ލިސްޓުގައި ވެސް ފަރަހައެއްގެ ނަމެއް ނެތެވެ. ފެންނަން ހުރީ ހުސް ވެސް ފިރިހެނުންގެ ނަމެވެ ދެން "ޒެއްލު ލޯބި" ޖަހާފައި އޮތް ހޭޒަލްގެ ނަންބަރެވެ. އޭގެތެރެއިން ގިނައީ އޮފީހާ ގުޅުން ހުރި ފިރިހެނުންގެ ނަންތައްކަން ހޭޒަލްއަށް ދެނެގަންނަން އެނގުނީ އެމީހުންގެ ނަމާ ގުޅުވައި ޑިޕާޓްމެންޓުގެ ނަން ނޫނީ ވެރިއެއްނަމަ ސާރ އިތުރު ކޮށްފައި އޮތުމުންނެވެ.

"އަހަންނަށް ހީވަނީ ޒެއްލުއަށްހެން ޗޭންޖެއް އައިސްގެން ތިއުޅެނީ... ތީ ކުރިއަކުން އުޅޭ ގޮތެއް ވެސް ނޫން، އަހަރެން ބުނާ އެއްޗެއް ޤަބޫލުނުކުރެވޭ ހިސާބަށް ވެސް ދިޔައީ، ޒެއްލުއަށް ކަންކަމުގަ ހެކި ދައްކަންޖެހިދާނޭ އަހަރެން ހިޔެއްނުކުރަން" ލިއަމްގެ ވާހަކަތަކުން ހޭޒަލްއަށް އުނދަގޫވިއެވެ. އަމިއްލަ ނަފްސަށް އޮތް ޔަގީންކަމާމެދު ސުވާލު އުފެދޭ ވަރު ލިއަމް ކޮށްފިއެވެ. އަތުގައި އޮތް ފޯނު ލިއަމްއަށް ހޭޒަލް ދިއްކޮށްލިއެވެ.

"އެ ނަންބަރަށް ގުޅާފަ އިތުރަށް ޔަގީންކޮށްދޭންވީތަ" ފޯނުގައި ހިފަމުން ލިއަމް ބުންޏެވެ. ނޫނެކޭ ބުނަން ހޭޒަލް ދެފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ލިއަމް ފޯނު ހިފައިގެން ގޮސް ކޮޓަރިއަށް ވަނީ ނުރުހުންވެފައި ހުރެގެންކަން ހޭޒަލްއަށް އެނގެއެވެ. އޭނާއަށް ވެސް ލިއަމްގެ ފޯނު ބަލައިގެން ހިތްހަމަޖެހުމެއް ނުލިބުނެވެ. އަމިއްލަ ޟަމީރު އެއްބަސްނުވިޔަސް އަމިއްލަ ނަފްސާ އެތައް ފަހަރަކު ހޭޒަލްއަށް ސުވާލުކުރެވުނެވެ. ލިއަމް ބުނިހެން ހޭޒަލްއަށް އިވުނު ގޮތް ގޯސްވީބާއެވެ. ނިދާފައި ހޭލިވަގުތަށްވީމާ ހުރިހާ ޚިއްޞެއް ރަނގަޅަށް މަސައްކަތްކުރަން ވަގުތުކޮޅެއް ނަގާނެތީ އެހެން ވެދާނޭއޭ ވެސް ހޭޒަލްގެ ހިތަށް އަރަންފެށިއެވެ. ވިސްނަންވީ ކިހިނެއްކަން ހަމަ ރަނގަޅަށް ވެސް ހޭޒަލްއަށް އޮޅިއްޖެއެވެ.

ހޭޒަލް ކޮޓަރިއަށް ވަންއިރު ލިއަމް ފާޚާނާއަށް ވަދެ ފައިދޮވެގެން ނުކުންނަނީއެވެ. އޭރު އޭނާ ހުރީ ސޯޓުބުރިއަކާއި ޓީޝާޓެއްގައެވެ. ބޭރަށް ދާން އުޅެނިއްޔޭ ހޭޒަލްގެ ހިތަށް އެރިއެވެ. އޭނާ ވެސް ގޭގައި ހުންނާކަށް ބޭނުމެއްނޫނެވެ.

"އަހަރެން މިދަނީ ނަޝާމެންގެއަށްދާން" ހޭޒަލް ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރުކައިރީ ހުރި ދެ ވަތްގަނޑުލީ "ކްރެޑެންޒާ"ގެ މަތީ ވަތްގަނޑުން އެޕާޓްމެންޓުގެ ޑަބަލް ކީ އޭނާ ނެގިއެވެ.

"މަޑުކުރޭ އަހަރެން ގެންގޮސްދޭނަން" ލިއަމް ބުނެލިއެވެ.

"އޯކޭވާނެ... އަހަރެން އެކަނި ގޮސްލަފާނަން" ހޭޒަލް ބުނެލިއެވެ.

"ކިހިނެއްވީ؟... އެހެންޏާ ވެސް އަހަންނެއްނު ޒެއްލު ގޮވައިގެން ކޮންމެތަނަކަށް ވެސް ދަނީ، މިހާރު އެކަން ވެސް ކަމުނުދިޔައީ" ލިއަމް އެއްސެވެ. އޭނާއަށް ބަލަން ހުރި ހޭޒަލް ފިނިނޭވާއެއް ދޫކޮށްލިއެވެ. ޖަދަލުކުރާކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެހެންވެ ހޭޒަލް ކޮޓަރިން ނުކުތީ ލިއަމް އަންނަންދެން ސިޓިންރޫމުގައި އެބައިނިންކަން ބުނަމުންނެވެ.

* * * * *

ނަޝާއާއެކު ސައިބޯން ހޭޒަލް އިނެވެ. އެހެންނަމަވެސް ސައިތަށި ފިޔަވާ ހޭޒަލް އެހެން އެއްޗެއްގައި ހޭޒަލް އަތެއްނުލިއެވެ. ލިއަމް ގެއަށް އައީ މެންދުރު ކައިގެން ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެ ދެމެދުގައި ހިނގި ދެބަސްވުމުގައި ލިއަމް ވެސް ގޭގައި ހުންނާކަށް ބޭނުމެއްނުވިކަން ހޭޒަލްއަށް އެނގެއެވެ. އޭނާ ނުކައި ހުރެދާނެތީ އެކަމާ ހޭޒަލްއަށް ވިސްނެނީއެވެ. ހިނގައިދިޔަ ކަންތަކުން އެއްވެސް ކަމެއް ސާބިތުނުކުރެވުނުއިރު ލިއަމްގެ މައްޗަށް އަނެއްކާ ވެސް ދޮގު ތުހުމަތުތަކެއް ކުރެވުނީކަން އެނގި ހޭޒަލް ދެރަވަނީއެވެ. ކުއްލިއަކަށް އޭނާގެ ބަދަހި ދިރިއުޅުމަށް މީހެއްގެ އެސްފީނާ އެޅެނިބާއޭ ވެސް ހޭޒަލްގެ ހިތަށް އެރިއެވެ.

"ޒެއްލޫ!... ދެން ތިހެން ނީނދެބަލަ، ލިއަމް ދޮގެއް ނުހަދާނެއެއްނު، އޭނާ ވެސް ހާދަ ދެރަވާނޭ، ތި ދެމީހުންނަކީ ޒުވާބުކުރާ ބައެއްވެސް ނޫން، ކޫސަނިކަންކަމާ ނުވިސްނާށޭ އަހަރެން ބުނެފިން ދޯ... ލިއަމް ބޭވަފާތެރިއެއްނުވާނެ، ޒެއްލުއަށް އަދިވެސް ތިއުޅެނީ ކުޅުދުށްފުށީގައި ހިނގާދިޔަ ކަންތައް ހަނދާންނައްތާނުލެވިގެން، އެހެންވެ ތިހެން ތިވަނީ... ޝައްކުބަލި ޖެހެނީ" ނަޝާ ބުންޏެވެ.

"ނަޝާ ތީ އަހަރެންގެ ފްރެންޑެއްތަ ނޫނީ ލިއަމްގެ ފްރެންޑެއްތަ" ހޭޒަލް ބުނެލިއެވެ.

"އަހަރެން ލިއަމްއަށް ތާޢީދުކުރަނީއެއްނޫން، ވަލިޑް ރީޒަންއެއް އޭނާއާ ދެކޮޅަށް އޮތީއެއްނޫން، ލިއަމް ގޯހީއެއްނޫން... ޒެއްލުދެކެ އިންތިހާއަށް ލޯބިވޭ، ތިބުނީ މިއަދުވެސް އައީ ސަންފްލަވާސްތަކަކާއި ސެންޓުފުޅިއެއް ހިފައިގެންނޭ، އަހަރުންގެ ފިރިން އުޅެނީ އެހެންތަ؟ ކަމަކާ ނުލާ ހަދިޔާއެއް ދޭން ހިތަށް ވެސް ނާރާނެ، ހުރިހާ ދިމާއަކަށް ދުވަން މިޖެހެނީ އެކަނިމާއެކަނި، އެކަމަކު ލިއަމް އެހެންތަ؟ ޒެއްލު ކަމެއް ބޭނުންވާއިރަށް އޭނާ ހުރިހާކަމެއް ދޫކޮށްލާފައި ވެސް އަންނާނެ ޒެއްލު ގާތަށް، އަހަރެން ވެސް ބޭނުމެއްނޫން ޒެއްލުގެ ލައިފް ހަލާކުވާކަށް، ތިގެންގުޅޭ ޝައްކުތައް ބޮޑުވެގެން ތި ދެމީހުންނަށް ނޫޅެވޭ ހިސާބަށް ހިނގައިދާނެ، ޒެއްލުއަށް އުޅެވިދާނެތަ ލިއަމްއާނުލާ" ނަޝާ ބުންޏެވެ.

ހޭޒަލް ވަކި އެއްޗެއް ނުބުންޏެއް ކަމަކު އޭނާގެ ހިތުގައި އޮތް ވަހުމްތައް ފިލައިގެން ނުދެއެވެ. ލިއަމް އޭނާދެކެ ލޯބިވާކަން ވެސް ހޭޒަލް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ހޭޒަލްގެ ޟަމީރު ހަނާއަޅަމުން ދަނީ ލިއަމް ކޮންމެވެސް ކަމެއް ހޭޒަލްއަށް ސިއްރުކުރާ ކަމަށެވެ. މީހެއް ގާތުގައި ނުބުންޏަސް ލިއަމްގެ ހަރަކާތްތަކަށް ފާރަލާން އޭނާ ނިންމިއެވެ. އެކަމަކު އެކަން ކުރެވޭނީ ހޭޒަލްގެ ލޯކުރިމަތީގައި އޭނާ ހުރި ވަގުތަކުކަން އޭނާއަށް އެނގެއެވެ.

ނަޝާއާއެކު އޭނާގެ ދަރިފުޅު ބަލާ ސުކޫލު ދޮށަށް ހޭޒަލް ވެސް އައެވެ. ހޭޒަލް ހީވަނީ ގެއަށް ދާން ބޭނުންނުވެފައި އިންހެނެވެ. އިރުއޮއްސުނު މަޣުރިބު ނަމާދަށް ގޮވުމުން ނަމާދު ވެސް ހޭޒަލް ކުރީ ނަޝާމެންގޭގައެވެ. އޭނާ ކިތަންމެ އިރަކު އިނަސް ދާށޭ ނަޝާ ނުބުނާނޭކަން ހޭޒަލްއަށް އެނގެއެވެ.

ރޭގަނޑު ހަތެއް ޖަހަން އުޅެނިކޮށް ލިއަމް ގުޅިއެވެ. ކޮންތާކުތޯ ހޭޒަލްއާ ސުވާލުކުރިއެވެ. ނަޝާމެން ގޭގައޭ ބުނުމުން ދޮރޯށި ކައިރިއަށް ނުކުންނަން ލިއަމް ބުންޏެވެ. ބޮޑާދައްކާ ނުދާން އުޅުމުގެ ބޭނުމެއްނެތްކަން އެނގި ލިއަމް އައިސް ހުރިކަން ނަޝާ ގާތު ހޭޒަލް ބުންޏެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވިއެވެ. ދެން ވެސް ނަޝާއަށް ދެއްކުނީ ލިއަމްގެ ރަނގަޅު ވާހަކައެކެވެ. ލިއަމް އިސްވެ ހޭޒަލް ހޯދަން އައުމުން އެކަން ރަނގަޅުވީއެވެ.

ދޮރޯށި ދޮށަށް ހޭޒަލްއާއެކު ނަޝާ ވެސް ނުކުތެވެ. ނަޝާ ފެނުމުން އޭނާއާ ލިއަމް ވާހަކަދެއްކިއެވެ. ހޭޒަލްއާ ދެމެދުގައި ކަމެއް ހިނގައިގެން އުޅޭކަމުގެ އެއްވެސް އަސަރެއް އޭނާ ނުދެއްކިއެވެ. ލިއަމްގެ ސައިކަލު ފަހަތަށް ހޭޒަލް އެރުމުން ނަޝާ ގާތު ދަނީއޭ ބުނެ ލިއަމް ސައިކަލު ދުއްވާލީއެވެ.

"ސޮރީ..." ސައިކަލު ދުއްވަން އިން ލިއަމް ބުންޏެވެ.

"އެއްޗެއް ކައިފިންތަ؟" ހޭޒަލް އެއްސެވެ.

"ނޫން... އޭރު ދިޔަގޮތަށް ޑީވާސްއަށް އެރީ، ރަމީޒުމެން އަދިވެސް އޮފީހުގަ އެބައުޅޭ، އޭނާ ކޮފީއެއް ދިނީމަ އެ ބޯލައިގެން މިހުރީ... ޒެއްލު އެގެއިން ކައިގެންތަ ތިއިނީ" ލިއަމް އެއްސެވެ.

"ހިނގާ ގެއަށް، ބިސް ރިހަ ހަދާފަ ހުންނާނެ" ހޭޒަލް ބުނެލިއެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ހޭޒަލްގެ ގައިގާ ލިއަމް ބައްދާލައިފިއެވެ. އަނެއްކާ ވެސް އޭނާ މަޢާފަށް އެދުނެވެ. ހޭޒަލްދެކެ ރުޅި އާދެވުނީމަ އެކަމާއެވެ. ހޭޒަލްއަށް އެއްވެސް ކަމެއް އޮޅުވާލާފައެއް ނޯންނާނޭ ލިއަމް ބުންޏެވެ. ވީއިރު ހޭޒަލް އޭނާއަށް ޝައްކުރަނީ ކީއްވެތޯ އެއްސެވެ. ލިއަމްއާ މެދު ހޭޒަލް މިހާރު ހިތްހަމަނުޖެހެނީތޯ ވެސް އޭނާ އެއްސެވެ. ހޭޒަލް އެފަދަ ކަންތައްތައް ކުރުމުން ލިއަމް ވަރަށް ހިތުގައި ޖެހޭކަން އޭނާ ހާމަކުރިއެވެ. ހޭޒަލް އޭނާއާ ވަކިވެގެން ހިނގައިދާނޭތީ ބިރުގަންނަކަމާއި އެފަދައިން ހޭޒަލްގެ ޢަމަލުތައް ބެހެއްޓީމަ ލިއަމްއަށް ހީވަނީ ހޭޒަލް އޭނާއާ ދުރަށްދާން ވިސްނަނީކަމަށޭ ވެސް ބުންޏެވެ. ލިއަމްގެ އަޑު މަޑުވެ އޭނާގެ ދެ ލޯ ފެންކަޅިވިއެވެ. ހޭޒަލް އޭނާއާ ވަކިވެގެން ދުރަށް ހިނގައިދާނަންތޯ ލިއަމް ސުވާލުކުރިއެވެ. ލިއަމްގެ އެ ހަރަކާތްތައް ދުށުމަށް ހޭޒަލްއަށް އުނދަގޫވިއެވެ.

(ނުނިމޭ)