ސިނަމާލެ ބްރިޖާއި އިންވެގެން އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަން ފަށާފައިވާ ޕާކުގެ މަސައްކަތް ކުރަމުންދަނީ ބޮޑު ކޮރަޕްޝަނެއްގެ ތެރެއިން ކަމަށް ކުރެވޭ ތުހުމަތުތައް މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު ދޮގު ކުރައްވައިފި އެވެ.
ބްރިޖު ސަަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަމުން އަންނަނީ އެ ކުންފުންޏަށް އެ މަސައްކަތް ރަސްމީކޮށް ހަވާލު ނުކުރަނީސް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވީ އަޑިޕާކް ސަރަހައްދުގައި ފާޚާނާ ބަރިއެއް ހަދަން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ރައީސް އޮފީހުން ހަމަޖައްސައިދޭ ޚާއްސަ ބަޖެޓަކުން ކަމަށެވެ. އެ މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާ ކަމަށްވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑަށް ލުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެއްވެސް ބަޔަކާ ރަސްމީކޮށް ހަވާލުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް އެ މެންބަރުން ވިދާޅުވާ ގޮތުގައި އަމީން ކޮންސްޓްރަކްޝަނުން ގެންދަނީ އެ މަސައްކަތް މިހާރު ކުރަމުންނެވެ. އެކަން މީޑިއާތަކުގެ ސަމާލު ކަމަށް ގެނެސްފައިވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީނެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެކަން ކުށްވެރި ކުރައްވާ ކަމަށެ.
"ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރޭ،" ޝިފާ ވިދާޅުވި އެވެ. ނަމަވެސް، އެ ތިން މެންބަރުންގެ ނަމެއް ޝިފާ ވިދާޅެއްނުވެ އެވެ.