ދުނިޔެ

އަވަސް އިންތިހާބަކަށް ދާން އިނގިރޭސިވިލާތުން ނިންމައިފި

އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބާއްވަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ. އަވަސް އިންތިހާބެއް ބާއްވަން އެދި މަޖިލީހަށް ހުށަހެޅީ އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަ އެވެ.

ބޮރިސް އަވަސް އިންތިހާބެއް ބާއްވަން މަޖިލީހަށް ހުށަހެޅުއްވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އެ ގައުމުގެ ރައްޔިތުން ނިންމާފައިވާ ނިންމުމަށް އަމަލު ކުރަން މަޖިލީހުން ދެކޮޅު ހަދަމުންދާތީ އެވެ. އީޔޫން ވަކިވުމާމެދު ގޮތެއް ނިންމުމަށް ދީފައިވާ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

މަޖިލީހުން ވަނީ އިނގިރޭސިވިލާތް އީޔޫން ވަކިވުމާމެދު އެއްބަސް ވުމެއް ނެތި ވަކި ނުވެވޭނެ ކަމަށް ނިންމައި ގާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް ބޮރިސް ބޭނުންވާނީ އެއްބަސްވުމަކާ ނުލާ އީޔޫން ވަކިވާށެވެ.

އެއްބަސްވުމެއް ނެތި އީޔޫން ވަކިވުމަކީ ބޮރިސްގެ ބޮޑުވަޒީރު ކަމުގައި ކުރާނެ މައިގަނޑު މަސައްކަތެވެ. އެކަން ކާމިޔާބު ކުރުމުގެ ބޭނުމުގައި ބޮރިސް ވަނީ ތިން ފަހަރު އަވަސް އިންތިހާބެއް ބާއްވައި ދިނުމަށް އެދި މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ބޮރިސް އަށް މަޖިލީހުގެ ތާއީދު ގެއްލިފައިވުމުން އެ ތިން ފަހަރު ވެސް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލައްވާށެވެ.

އަވަސް އިންތިހާބެއް ބާއްވަން ފެނޭތޯ ބަލަން މަޖިލީހުގައި ނެގި ވޯޓު ބޮރިސްއަށް ކާމިޔާބު ކުރެވުނީ އަވަސް އިންތިހާބެއް ބާއްވަން ފެންނަ ކަމަށް 438 މެމްބަރުން ވޯޓު ދެއްވުމުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 20 މެމްބަރުންނެވެ. މިއާއެކު އީޔޫން ވަކިވުމާމެދު ގޮތެއް ނިންމަން ދީފައިވާ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފަސްވެފަ އެވެ. އިންތިހާބު ބާއްވާނީ އަންނަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު އެވެ.

މި ނިންމުމާއެކު އަންނަ ހަފުތާގެ ބުދަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލަން ޖެހޭނެ އެވެ.