ކޮލަމް

ޢިލްމުގެ ނުދައްކާ ވާހަކަ!

Oct 30, 2019
2

ޢިލްމަކީ ދުނިޔޭގެ ތާރީޚްގައި އިންސާނުން ދެކެފައިވާ ބޮޑެތި އިންގިލާބުތަކާއި ބަދަލުތައް ގެނުވުމުގެ ޚާއްޞަ ދައުރެއް އަދާކުރި އެންމެ ބާރުގަދަ ހަތިޔާރެވެ. ހަމައެހެންމެ، އިންސާނުންގެތެރޭ ހުރި ތަފާތު މައްސަލަތަކާއި އިންސާނުން މިއަދު މިދެކޭ ފިކުރިއްޔާތުގެ ކުރިއެރުމަކީ ޢިލްމެވެ. ދިވެހިރާއްޖެއަށް ބަލާނަމަ، އެންމެން އެދުވަހެއްގެ ގޮތުގައި ބުނާ "ކަޅު ހުކުރާއި" ދިވެހި ޖުމްހޫރިއްޔާގެ އެކިއެކި ބާރުގަދަ ވެރިންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކަކީ ޢިލްމީ ގޮތުން ދިވެހިން ކުރިއަރަމުން ދިޔަދިޔުމުން ދިމާވި ގޮންޖެހުންތަކެކޭ ބުނެވިދާނެ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކަށް ބަލާ ނަމަވެސް މިކަން އޮތީ މިގޮތުގަ އެވެ. އެމެރިކާއަށް ބަލާނަމަ ދަޢުލަތުގެ އިސް ވެރިން ޒިންމާދާރު ކުރުވުމުގައި ހުރި ދިމިޤްރާތީ ވަރުގަދަ ގުނަވަންތަކެއް އެ ޤައުމުގައި ހަރުލާ ހުރުމަކީ ވެސް ޢިލްމޭ ބުނެވިދާނެ އެވެ.

އިންސާނީ ތަރީޚަށް ބަލާނަމަ، ޢިލްމު ކުރިއެރުވުމަށް މަސައްކަތްކުރި ބައެއް ފަރާތްތައް ވަނީ ދަތިތިަކަކާ ވެސް ކުރިމަތިލާފަ އެވެ. އެންމެން އަޑުއަހާ ޔޫނާނީ ފަލްސަފާވެރިއެއް ކަމަށްވާ ސޮކްރެޓީސް ޢިލްމް ދިރުވަން މަސައްކަތް ކުރުމުން ޔޫނާނީ އަހުުލުވެރިން ދުށީ ސޮކްރެޓީސް މަސައްކަތްކުރީ ޒުވާނުންގެ ސިކުންޑިތައް ޤަރަގުކޮށް މި ލަފުޒު ބޭނުން ކޮށްފައި ވަނީ ނުބައިކޮށް އިލާހީ ކަންތައްތަކާއި ވަހުމް އުފައްދައި، ޙަޤީޤަތެއް ނެތް އުސްލޫބުތައް ފަތުރާ، މުޖުތަމަޢު ހަލާކު ކުރާ މީހެއްގެ ގޮތުގައެވެ. އަދަބަކަށް ވީ ސޮކްރެޓީސް އަށް މަރުގެ އަދަބު ދިނުމެވެ. ހުޅަނގުގައި އުފެދުނު ފުރަތަމަ ތަޢްލީމީ ބިންގާ ކަމުގައި ބުނެވޭ އެކަޑެމީ އުފެއްދި ސޮކްރެޓީސްގެ ދަރިވަރެއް ކަމަށްވާ ޕްލޭޓޯއަށް ވެސް ދިމާވީ މިފަދަ ގޮންޖެހުމަކާއެވެ. ޕްލޭޓޯ ނަޒަރިއްޔާތު ހާމަކުރުމުގެ ނަތީޖާއަކަށްވީ އެނާ އަޅެއްގެ ގޮތުގައި ވިއްކާލެވުމުވެ.

ދިވެހި ތާރިހަށް ބަލާނަމަ ތަޢުލީމު އާންމު ރައްޔިތުން ލިބިގަތުމުގައި މަނާ ކުރެވިފައިވާ ދުވަސްވަރެއް ވެސް ދިޔައެވެ. ފަތްފުށްތަކުން އެނގޭ ގޮތުގައި އަލްއަމީރު ހަސަން ފަރީދު ވަނީ މަޖިލީހުން ގާނޫނެއް ފާސްކޮށް މަހްކަމަތުލް މައާރިފުން ހުއްދަ ލިބިގެން މެނުވީ ގުރުއާން، އަރަބި އަކުރު، ތާނަ އަކުރު، ކިޔަވައި ދިނުމާއި ހިސާބު ދަސްކޮށް ދިނުން ފިޔަވާ އެހެން އެއްވެސް އެއްޗެއް ކިޔަވައިދިނުން މަނާ ކޮށްފައެވެ.

ނަމަވެސް، އޭގެ ކުރިއަށް ބަލާނަމަ ދިވެހި ޖުމްހޫރިއްޔާގެ ފުރަަތަމަ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު އަމީން ދީދީ ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތަޢްލީމީ ބިންގާ ރާއްޖޭގައި އަޅުއްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް އިބްރާހިމް ނާސިރު ވަނީ ތަޢުލީމު ފުޅާކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމު ގެ ޒަޢާމަތަށް ބަލާނަމަ ތަޢުލީމު މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ފުޅާ ކުރައްވަން ކުރިއެރުންތަކެއް ހޯއްދަވައިދެއްވިއެވެ. މިގޮތުން ޖީސީ އޯލެވެލް އަދި އޭލެވެލް ތަޢާރަފް ކުރުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިމްތިޙާން ތަޢާރަފް ކުރެއްވިއެވެ. މީގެ އިތުރުން މަތީ ތަޢުލީމު ދިވެހިރާއްޖެއަށް ތަޢާރަފް ކުރެއްވުމަށްޓަކައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދަވާ މަތީ ފަންތީގެ ކޯސްތައް ކިޔަވައިދިނުމަށް މިސްރާބު ހުރި ތަޢްލީމީ ވަކިވަކި އިންސްޓިޓިއުޓްތައް އެއް ފުރާޅެއްގެ ދަށަށް ގެނުވާފައެވެ.

އަދި އޭގެ ފަހުން، ރައީސް ނަޝީދުގެ ސަރުކާރުގައި ދިވެހި ޤައުމީ ޔުނިވާސިޓީ ވުޖޫދަށް ގެންނެވުމާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ދިވެހިރާއްޖެއަށް ފުޅާކުރެއްވުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފެށިގެންދެވިއެވެ. އަދި ހަމައެހެންމެ، ސްޓޫޑެންޓް ލޯން ސްކީމެއް މަތީ ތަޢުލީމު ފަހިކޮށްދެއްވުމުގެ ގޮތުން ތަޢާރަފް ކޮށްދެއްވިއެވެ.

ރައީސް ޔާމިންގެ ޒަޢާމަތަށް ބަލާނަމަ ގިނަ ދަރިވަރުންތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢްލީމަށް ކިޔެވުމަށް ސްޓޫޑެންޓް ލޯނު ދޫކުރެވިގެން ދިޔައެވެ. މީގެ އިތުރުން ދިވެހި ޤައުމީ ޔުނިވަރސިޓީއިން ފުރަތަމަ ޕީއެޗްޑީއަށް ދަރިވަރުންނަށް ކިޔަވައިދީ ދަރިވަރުން ދަސްވެނިކުރެވިގެން ދިޔުން ފާހަގަ ކުރެވެއެވެ. އަދި މިހާރު ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ބަލާނަމަ ފުރަތަމަ ޑިގްރީގެ ބައެއް ކޯސްތައް ހިލޭ ދިވެހިރާއްޖޭގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދަޢުލަތުގެ ޙަރަދުގައި ދެވޭނެ އިންތިޒާމް ހަމަޖެހިގެންވަނީ ގޮސްފައެވެ.

ގިނަ ބަޔަކު ދިވެހިރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި މިއަދުވެސް ޤަބޫލުކުރަނީ ތަޢްލީމަކީ އިންސާނަކު ކުރިއަރައި ދިޔުމުގައި އެންމެ މުހިއްމު ދައުރު އަދާކުރާ އެއް ކަމެއްގެ ގޮތުގައެވެ. މިކަމާ އަޅުގަޑުވެސް އެއްބަހެވެ. ސައުތު އެފްރިކާގެ މިނިވަންކަމުގެ ބާނީ ކަމުގައި އެންމެން ޤަބޫލުކުރާ ނެލްސަން މަންޑޭލާ ބުނެފައިވާ ފަދައިން "ޢިލްމަކީ ދުނިޔޭގެ ޙާލަތު ބަދަލުކޮށްލުމުގައި ބޭނުންކުރެވިދާނެ އެންމެ ބާރުގަދަ ހަތިޔާރެވެ". ދުނިޔޭގައި ހެދިފައިވާ ދިރާސާތަކުންވެސް މިކަން ހެކިދެއެވެ. މައިކްރޯސޮފްޓްގެ ބިލް ގޭޓްސް އާއި ފޭސްބުކްގެ މާރކް ޒަކަރބާރގް އާއި އެޕްލްގެ ސްޓީވް ޖޮބްސް ފަދަ ފަރާތްތައް ޔުނިވާސިޓީ ގެ ކިޔެވުން ދޫކޮށްލައި ކުރިއެރުނު ބަޔަކަށް ކަމަށް ވިޔަސް، ކޮންމެ ފަރުދަކީ މިގޮތަށް ކުރިއެރިދާނެ ޙިކްމަތްތެރި ފަރުދުންނެއް ނޫންކަން އަޅުގަޑު ޤަބޫލުކުރަމެވެ.

ދިވެހިރާއްޖެއަށް ބަލާނަމަ ދިވެހި ކޮންމެ މަންމައެއް އަދި ބައްޕައެއްގެ ލޮލުގެ އުންމީދު ކަމުގައިވާ ދަރިން ތަރުބިއްޔަތު ކުރުމަށް އެފަރާތްތަކުން ވާ އެންމެބޮޑު ޤުރުބާނީއަކީ ތަޢުލީމު ދިނުމެވެ. ދިވެހި ކޮންމެ އާއިލާއެއްގެ ވަގުތާއި ފައިސާއާއި އެކިއެކި ހިތްހަމަޖެހުން އެ އާއިލާތަކުން ޤުރުބާން ކުރަނީ ފޮނި އުންމީދެއްގައެވެ. ރަނގަޅު ތަޢްލީމެއް އެކުދިންނަށް ދިނުމަކީ އެކުދިންގެ މުސްތަޤްބަލު އުޖާލާ ކޮށްދޭނެ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭތީއެވެ. ރަނގަޅު ތަޢްލީމެއް ލިބުމަކީ އާއިލާއަށް ލިބޭ ފަހުރެއްކަމަށް ބަލައިގެންވެސްމެއެވެ. ނަމަވެސް އަޅުގަޑުމެންގެ ދަރިންނަށް ދެވޭ ތަޢުލީމުން އެ މަޤްޞަދު ޙާޞިލް ނުވާނަމަ އަޅުގަޑުމެންނަށް ކުރެވޭ މިކަމަކީ ފޫނެއް ފަޔަކަށް ފެންފުރުމެވެ.

އަޅުގަޑާއި ދިމާވާ ގިނަ ބައެއްގެ ޝަކުވާއަކީ ތަޢްލީމީ ނިޒާމުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ހުންނަންވާ ޤާބިލްކަމުގެ ފެންވަރު ދަށްކަމުގެ ވާހަކައެވެ. އެއީ ރާއްޖެއިން ކިޔަވާ ދަރިވަރުން ކަމުގައި ވިޔަސް ނުވަތަ ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ ކަމުގައި ވިޔަސް މިކަން އާންމުވާކަމުގެ ވާހަކައެވެ.

އަޅުގަޑުގެ ނަޒަރުގައި މި މައްސަލަ ކުރިމަތިވުމުގައި ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ދިވެހިރާއްޖެއަށް ބަލާނަމަ މަތީ ތަޢުލީމު ޙާޞިލްކުރާ ފަރާތްތަކުގެ އަދަދު މިއަދު މިދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިކަމަކީ ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަށް ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ހާވާޑް ބިޒްނަސް ރިވިއުގައި މިއަހަރު ޝާއިރުކުރެވިފައިވާ ލިޔުމެއްގައިވާ ގޮތުން ތަޢްލީމަކީ ކާމިޔާބަށް އޮތް މަގަކަށް ވިކަމުގައިވިޔަސް ތަޢުލީމު ޙާޞިލްކުރުމަށް ކުރާ ޙަރަދުން ލިބޭ ނަފާ ގުޅިފައިވަނީ އެ ޤައުމެއްގައި ތިބި ތަޢުލީމީ ބައެއްގެ ނިސްބަތާއެވެ.

މިގޮތުން ނިސްބަތުން ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ރައްޔިތުން މަދު ގިނަ އެފްރިކާގެ ޤައުމުތަކުގައި ޑިގްރީ ހަދާ ފަރާތަކަށް ނިސްބަތުން 20 އިން ސައްތައިގެ އާމްދަނީގެ ކުރިއެރުމެއް ލިބެއެވެ. ނަމަވެސް، ސްކެންޑިނޭވިއަން ޤައުމުތަކުގައި ޑިގްރީ އެއް ހަދާ ފަރާތަކަށް ލިބެނީ 9 އިން ސައްތައިގެ ކުރިއެރުމެކެވެ. ސަބަބަކީ ސްކެންޑިނޭވިއަންގެ ޤައުމުތަކުގައި 40 އިންސައްތައަށް ވުރެ ގިނަ މީހުންގެ އަތުގައި ޑިގްރީއެއް އޮތުމެވެ.

މީގެއިތުރުން، ދުނިޔޭގެ މިއަދުގެ އޮއިވަރު ހުރިގޮތުން ތަޢުލީމު ދިނުންވަނީ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާންޖެހިފައެވެ. ތަޢުލީމު ދިނުމަށް ނަގާ އަގުތައް ދަނީ މަތިވަމުންނެވެ. ނަމަވެސް ފެންވަރު ހުންނަނީ ހުންނަ ވަރެއްގައެވެ. ނުވަތަ ދަނީ ދަށްވަމުންނޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ތަޢްލީމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަޢްލީމާ މެދު ގިނަ ފަރުދުން ދެކޭ ގޮތެވެ. ހާއްޞަކޮށް މިއަދުގެ މަތީ ތަޢުލީމު ދިނުމަށް އޮތް ގޮންޖެހުމެވެ. ގިނަ ފަރުދުންނަށް ހީވެފައި އޮންނަނީ މަތީ ތަޢުލީމުދޭ ތަނަކަށް ހާޒިރުވެ ޑިގްރީ އެއް ނުވަތަ މާސްޓަރސް ފެންވަރުގެ ކޯހެއް ހެދުމަކީ ޤާބިލްކަން އިތުރުވާނެކަމެއްގެ ގޮތުގައެވެ. އަޅުގަޑު ދެކޭގޮތުގައި މިކަން ޙަޤީޤަތުގައި އޮންނަންވާނީ މިހެންނެވެ. ނަމަވެސް ޙަޤީގަތުގައި ޢިލްމަކީ ޤާބިލްކަމުގެ އެއް ރުކުނެވެ. މިއަދު ތަޢުލީމު ދިނުމުގެ ވާދަވެރިކަން އިތުރުވެފައިވާ ގޮތުން ކޮންމެ ކޮލެޖު ޔުނިވާރސިޓީއަކުންވެސް ބަލަނީ ގިނަ ދަރިވަރުން ހޯދުމަށް ގިނަ ޕްރޮގްރާމްތައް ފެށުމަށެވެ. ގިނަ ފަހަރު ޕްރޮގްރާމް ތަކުގައި ކިޔަވައިދޭނެ ފެންވަރު ރަނގަޅު ލެކްޗަރަރއިން ނެތް ކަމުގައިވިޔަސް މިފަދަ ކޯސްތައް ހިންގަމުންދެއެވެ. އަދި ބައެއް ފަހަރު ކިޔަވައިދޭ ލެކްޗަރަރއިން ކިޔަވައިދޭން ޖެހޭ މާއްދާތައް ގިނަކަމުން ކިޔަވައިދޭ މާއްދާއަކަށް ތައްޔާރުވެ ދަރިވަރުންނަށް އުގަންނައިދޭން ކުރަންޖެހޭ މަސައްކަތަށް ހުރަސް އެޅެއެވެ. އަނެއްކޮޅުން ލެކްޗަރަރއިން ތަމްރީންކޮށް އަރޯކުރުވަން ދޭންވާ އަހަންމިއްޔަތު ދެނީ ނިސްބަތުން މަދު ފަރާތްތަކަކުންނެވެ. ވާދަވެރިކަމުގެ ސަބަބުން ހަޤީޤީ ތަޢްލީމެއް ދަރިވަރުންނަށް ފެންވަރު ރަނގަޅު ގޮތުގައި ދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ދިވެހިރާއްޖެއަށް ބަލާނަމަ ބޮޑެތި ފާސްތައް ދޭ އެކި ކޮލެޖުތައް މިދަނީ އިތުރުވަމުންނެވެ. މިތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.

ތަޢުލީމު ލިބިގަތުމުގެ އިތުރުން ތަޖުރިބާ ހޯދުމަކީ ކާމިޔާބަށް ވާސިލުވުމުގެ ދެވަނަ ރުކުނެވެ. ދިވެހިރާއްޖެއަށް ބަލާނަމަ ދަޢުލަތުގެ އިސްފަންތީގައިވެސް ތަޖްރިބާއެއް ނެތް ފްރެސް ޤްރެޖްއޭޓުން ހަރަކާތްތެރިވާކަމީ މިއަދުގެ ޙަޤީޤަތެވެ. ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބަލާނަމަ، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަން ފަދަ ދާއިރާތަކުގައި އެންމެ އިސްކަމެއްދެނީ އަޅުގަޑަށް ފެންނަ ފެނުމުގައި ގިނަ ފަހަރު ތަޖުރިބާއަށެވެ. އަޅުގަޑުގެ ނަޒަރުގައި ތަޢްލީމާއި ތަޖްރިބާއަކީ ދުނިޔެއަށް ރަނގަޅަށް ލޯހުޅުވުމުށް ލާޒިމު ދެ ޝަރުތެވެ.

ތިންވަން ރުކުނަކީ ލިބިފައިވާ ޢިލްމާ ތަޖްރިބާގެ ބޭނުން ހިފައި ޙިކްމަތްތެރި މީހަކަށް ވުމެވެ. ކާމިޔާބު ގުޅިފައިވަނީ ޙިކްމަތާއެވެ. މިއީ ދުނިޔޭގެ މަތި ފަންތީގައި ކުރިއެރުމުގެ ނިޔާއެވެ. ދުނިޔެ ތަރުތީބުވެފައިވާ ގޮތުން ޢިލްމަކީ ތަފާތު ހާލަތްތަކަށް ތަފާތު އެއްޗަކަށްވުމުން މިކަން ދެނެ ނުގަނެވޭ ފަރުދެއް ކިތަންމެ ޢިލްމެއް ލިބިފައި ހުރި ކަމަކު އޭގެން ވާނޭ މާ ބޮޑު ފައިދާއެއް އޮންނާނެ ކަމަކަށް އަޅުގަޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

ދިވެހިރާއްޖެއަކީ ތަފާތު ޤައުމެކެވެ. ރާއްޖޭގައި މަސައްކަތުގެ ވަށްޓަފާޅި ތަފާތެވެ. އަޅުގަޑުމެންގެ ތަޢްލީމީ ނިޒާމުގައި ކިޔަވައިދޭ މަންޖަހުތައް ހެދިފައިވަނީ ރާއްޖެއިން ބޭރުގެ މަންހަޖުތައް ނަކަލު ކުރެވިގެންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި މިފަދަ ކަންތައްތައް ހިނގަނީ ނުވަތަ އަމަލު ކުރެވެމުން މިދަނީ މަންހަޖުގައި ލިޔެވިފައިވާ އެއްޗަކާ ތަފާތު ގޮތުގައެވެ. ހަމައެހެންމެ، ދުނިޔޭގެ އޮއިވަރާއި އެކި ސިނާއަތްތަކަށް އަންނަ ބަދަލުތަކުގެ ހަލުވިކަމުން ދަރިވަރުންނަށް ކިޔަވަދޭ މަންހަޖުތައް މި ބަދަލުތަކާއި އެއްވަރަށް މުތާލިއާ ކުރުމުގައި ތަޢުލީމުދޭ މުއައްސަސާތަކުގައި ހުރީ މަޑުމޮޅިކަމެވެ. އަޅުގަޑަށް ފެންނަ ބައެއް ތަޢްލީމީ މުއައްސަސާތަކުގައި ބައެއް ފަހަރު ޒަމާނާ އެއްވެސް ގުޅުމެއް ނުވާހާ ގިނަ ދުވަސްވީ މައުލޫއުތައް ސިލަބަހުގައި ހުންނަތަން ފެނެއެވެ. އަނެއްކޮޅުން، ތަޢުލީމު ދޭން ހަރަކާތްތެރިވާ ބައެއް ގިނަ އުސްތާޒުންގެ ކިބައިގައި ކިޔަވައިދިނުމުގެ ތަޖްރިބާއާއި ކުޅަދާނަކަން ދަށްކަމަކީ މީގެ އަނެއް ސަބަބެވެ.

ޤައުމެއްގެ ހައިސިއްޔަތުން ކޮންމެ ޤައުމެއްގެވެސް އެންމެ މަތިވެރި މުރާދަކަށް ވާނީ ތަޢްލީމަށް އެ ޤައުމަކުން ކުރާ ހަރަދަކީ އިޖްތިމާއީ އަދި އިޤްތިސާދީ ފުރިހަމަ ނަފާ އޭގެ ސަބަބުން ޤައުމަށް ލިބޭކަން ކަށަވަރުކުރުމެވެ. އިޖްތިމާއީ ގޮތުން ލިބޭ ނަފާއަށް ބަލާނަމަ ތަޢުލީމީ ކޮންމެ ފަރުދަކީ މުޖްތަމައުގެ އާންމު މަސްލަހަތު ހުރި ކަންތައްތަކުގައި ބިނާކުރުވަނިވި ގޮތުގައި ބައިވެރިވާ ބަޔަކަށްވެ، ދިމުޤްރާތީ ނިޒާމުގެ އަސާސްތައް ދިފާއުކޮށް، ކުރިއެރުވުމުގައި ފަރުދީ ޒިންމާ އަދާ ކުރާ ބަޔަކަށްވުމެވެ. ހައްޤު ބަސްބުނަން ފަސްނުޖެހޭ ބަޔަކަށް ވުމެވެ. އަމިއްލަ މަސްލަހަތަށް ވުރެ ޤައުމީ މަސްލަހަތު އިސްކުރާބަޔަކަށްވުމެވެ. ޤައުމީ ނާ ނުރައްކަލަށް ހުށަހެޅޭ ފައިސާ ފޮތީގައި ހިފުމަށް ވުރެ ޤައުމު ކުރިއަށް ނެރެލަން ކެރޭ ޤައުމީ ބަތަލުންތަކަކަށްވުމެވެ. މިއަދު ދިވެހި ޤައުމަށް ބޭނުންވެފައިވާ މިފަދަ ކިތަންމެ ކަމެކެވެ. އެއީ ޑޮކްޓަރެއް، ނަރުހެއް، ޓީޗަރެއް، ލޯޔަރެއް ނުވަތަ އެފަދަ ކޮންމެ ފަންނީ ފަރުދެއްގެ ފަރާތުން ވިޔަސްވެސްމެއެވެ.

އިޤްތިސާދީ މަޤްޞަދުތަކަށް ބަލާނަމަ ބޭނުންވަނީ މަތީ ތަޢުލީމުގެ ސަބަބުން އިޤްތިސާދުގައި އާ ސިނާއަތްތައް އުފެދުމެވެ. ކާމިޔާބު އާ އުފެއްދުންތައް ފަތުރުވެރިކަން ފަދައިން ބޭރުގެ ޤައުމުތަކުގައި ވިއްކޭނެ ގޮތެކެވެ. ޤައުމުގެ މަތީ ފަންތީގެ ވަޒީފާތަކުގައި ޤާބިލް އަދި ކުޅަދާނަ ދިވެހިން އިތުރުވުމެވެ. އަންހެން އަދި ފިރިހެން ޖިންސުގެ މެދުގައި ވަޒީފާއާއި އާމްދަނީގެ މެދުގައި އޮތް ފަރަގު ކުޑަވާނެ ގޮތަކަށް ޙާލަތު ބަދަލުވުމެވެ. ދިވެހި ޤައުމަކީ ދުނިޔޭގެ މުހިއްމު ވިޔަފާރީގެ ވިޔުގައާއި ގުޅި ލާމެހި އެގުޅުމުގެ ތެރެއިން ޙާރިޖީ ގުޅުމުގެ ފައިދާ ނެގޭ ޤައުމަކަށްވުމެވެ. މިއީ ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ކާމިޔާބު ތަޢްލީމީ ނިޒާމެއް ކުރިއެރުވުމުން ލިބޭނެ ނަފާގެ ގޮތުގައި ފާހަގަ ކުރާ ކަންތައްތަކެވެ.

ދިވެހިރާއްޖޭގެ ތަޢްލީމީ ނިޒާމު ހަރުދަނާ ކުރުމަށް ރޭވުންތެރި މުހިއްމު މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައެވެ. އަޅުގަޑުދެކޭ ގޮތުގައި އެންމެ ފުރަތަމަ ކަމަކީ ދިވެހިރާއްޖޭ ތަޢްލީމީކުރިއެރުން ދުނިޔޭގެ ޤައުމުތަކާއި ގިންތިކުރެވޭނެ ނިޒާމެއްގައި ބައިވެރިކުރުމެވެ. ޖީސީ އޯލެވެލް އަދި އޭލެވެލް އަށް ވުރެ ފުރިހަމަ ގޮތެއްގައި ގެންގުޅޭ ނިޒާމެކެވެ. އޯއީސީޑީއިން ހިންގާ ޕްރޮގްރާމް ފޮރ އިންޓަރނޭޝަނަލް ސްޓޫޑެންޓް އެސެސްމެންޓް (ޕީސާ) އަކީ މިފަދަ އެއް ނިޒާމެވެ. ދުނިޔޭގެ ޤައުމުތަކުގައި ހިމެނޭ ތަފާތު ތަޢްލީމީ ނިޒާމުތަކުގެ ފެންވަރު ބަލަން ހަދާ މި ޓެސްޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ޤައުމުތަކުގެ ތަޢްލީމީ ނިޒާބު ވަޒަންކުރަން ބޭނުންކުރާ އެއް ނިޒާމެވެ.

ހަމައެހެންމެ، ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ޔަޤީންކުރުމުގެ ގޮތުން ތަޢުލީމު ދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ޓީޗަރުންނާއި ލެކްޗަރާރއިންއަކީ ޤައުމީ ފެންވަރެއްގައި ރަނގަޅަށް އިމްތިހާންކުރެވި ލައިސަންސްއެއް ހޯދަންޖެހޭ ބަޔަކަށް ހަދަންޖެހެއެވެ. މިކަމަކީ ދުނިޔޭގެ ކާމިޔާބު ގިނަ ޤައުމުތަކެއްގައި އެކަށަ އެޅިފައި އޮންނަ އުސޫލެކެވެ. އަދި ކިޔަވައިދޭން ޝަރުތު ހަމަވާ ފަރާތްތަކަކީ މަތީ ޝާނަވީ އިމްތިހާނުގައި އެންމެ ރަނގަޅަށް ފާސްވާ ކުދިންގެ ގޮތުގައި ކަނޑައަޅަން ޖެހެއެވެ.

ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ ހިދުމަތް ހަރުދަނާ ނުވެއްޖެ ނަމަ ކުރިމަތިވެދާނެ ހިތި ހާލަތާމެދު އަޅުގަޑު ކަންބޮޑުވަމެވެ. އަޅުގަޑުގެ ހިތަށް އަންނަނީ ސައުތު އެފްރިކާގެ ކްލާސްރޫމެއްގައި ޕްރޮފެސަރަކު ލިޔެ ތަތްކޮށްފައި އޮތްކަމަށް ބުނާ ކަރުދާހުގައި އޮތް ހާލަތު ދިވެހި ޤައުމަށް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުމެވެ. މި ލިޔުމުގައި އެނާ ލިޔެފައިވެއެވެ.

"ޤައުމެއް ހަލާކު ކޮށްލުމަށް ބޭނުންވަނީ ނިޔުކްލިޔަރ ބޮމެއް ނުވަތަ ދުރު ރާސްތާ މިސައިލް އެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ޤައުމެއްގެ ތަޢްލީމީ ފެންވަރު ދަށްކޮށްލާ އިމްތިހާނު ތަކުގައި ދަރިވަރުންނަށް މަކަރު ހެދޭނެގޮތް ފަހިވުމެވެ. އަދި މަކަރު ހަދައިގެން ފާސްވާ ޑޮކްޓަރެއްގެ ސަބަބުން ބަލި މީހާ މަރުވެއެވެ. އަދި މަކަރުހަދައިގެން ފާސްވާ އިންޖިނޭރެއްގެ ސަބަބުން އިމާރާތްތައް ވެއްޓެއެވެ. އަދި މަކަރުހަދައިގެން ފާސްވާ އެކައުންޓެއްގެ ސަބަބުން ފައިސާގެ ގެއްލުމާ ކުރިމަތިވެއެވެ. އަދި މަކަރުހަދައިގެން ފާސްވާ ދީނީ ޢިލްމުވެރިންގެ ސަބަބުން އިންސާނިއްޔަތުކަން ދުނިޔެއިން ނެތިދެއެވެ. އަދި މަކަރުހަދައިގެން ފާސްވާ ގާޒީންގެ ސަބަބުން އިންސާފު ގެއްލި ދެއެވެ. އަދި މަކަރުހަދައިގެން ފާސްވާ ޓީޗަރުންގެ ސަބަބުން ވިސްނުންކޮށިކަން ޅަކުދިންގެ ސިކުންޑީގައި ހަރުލާ އާންމުވެއެވެ. ތަޢުލީމު ދިނުން އަރިއަޅާލުމަކީ ޤައުމެއް އަރިއަޅާލުމެވެ."

އެޑިޓަރުގެ ނޯޓް: މިއީ އިޖްތިމާއީ ތަރައްގީގައި ހަރަކާތްތެރިވަމުންދާ ޕީކޮކް ކޮންސަލްޓިންގެ ފަރާތުން އަނިލް އާދަމު ލިޔުއްވާފައިވާ މަޒުމޫނެކެވެ.