ހަބަރު

ސްޓެލްކޯގައި ޕްރިއޯރިޓީ ކައުންޓަރު ބަހައްޓައިފި

Oct 30, 2019
1

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިސް ރަށްވެހިންނާއި ކުޑަކުދިން ގޮވައިގެންދާ ންހެނުންނަށް ހިދުމަތް ދޭން ސްޓެލްކޯގައި ހާއްސަ ކައުންޓަރެއް ބަހައްޓައިފި އެވެ.

ކަރަންޓު ކުންފުނީގެ ހިދުމަތް ރަނގަޅު ކުރަން ކުރާ މަސައްކަތްތަކުގެ ދަށުން މިއަދު ގާއިމު ކުރި "ޕްރިއޯރިޓީ ކައުންޓަރު" ހުޅުއްވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ސްޓެލްކޯގެ "ހިދުމަތް ރައްޔިތުންނާ ގާތް" ކެމްޕޭންގެ ދަށުން އަލަށް ފެށި ހިދުމަތާބެހޭ ގޮތުން، މެނޭޖިން ޑިރެކްޓަރު އަހުމަދު މުޣުނީ ވިދާޅުވީ ވިޔަފާރި ފުޅާވެގެން ދާއިރު ހިދުމަތް ހޯދަން ދާ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތް ލިބެން ޖެހޭ ކަމަށެވެ. އަދި ސްޓެލްކޯއަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް އެންމެ ފުރިހަމަ އަށް ދެވޭ އެހެން ކުންފުނިތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާ ކުންފުންޏަކަށް ބަދަލު ކުރަން ވެސް ޖެހޭ ކަަށެވެ.

"ސްޓެލްކޯގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ވާނީ މިހަފުތާގައި ޓްރެއިން ޕްރޮގްރާމެއް ވެސް ހިންގާފަ. އަލަށް ހުޅުވާ މި ކައުންޓަރަކީ އިސް ރައްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ކުދިން ގޮވައިގެން އަންނަ އަންހެނުންނަށް ވެސް ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ކައުންޓަރެއް،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިއަދު ވަނީ އެ ކުންފުނީގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ހާއްސަ ފޮތެއް ވެސް ނެރެފަ އެވެ. އެ ފޮތުގައި އެ ކުންފުނިން ރާއްޖޭގައި ހިންގާ އިންޖީނުގެ ތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.