އަހުމަދު ޝިޔާމް

ރައްޔިތުން "ފެލަން" މަސައްކަތް ކުރުމަކީ ސަރުކާރު ފޭލުވުން: ޝިޔާމް

ދައުލަތް ހިންގަން ބޭނުންވާ އާމްދަނީ ހޯދާނެ ގޮތެއް ނޭނގުމުން "ރައްޔިތުން ފެލައިގެން" އާމްދަނީ ހޯދަން ވިސްނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑަށް ފެއިލްވުމެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހުށަހެޅި އިންކަމް ޓެކްސްގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ޓެކްސްގެ ނިޒާމު ވަށައި ޖެއްސުމަށް އިންކަމް ޓެކްސްގެ ނިޒާމެއް އޮތުމުން ވަރަށް މުހިއްމު ކަމަށެވެ. ނަމަވެސް ގައުމު އޮތީ އެފަދަ ޓެކްސްއެއް ނެގޭ ވަރުގެ ފުދުންތެރިކަމުގައިތޯ ވެސް ބަލާލަން ޖެހޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޓެކްސްގެ ނިޒާމު ބައްޓަން ކުރަން ވާނީ ގައުމުގެ ފުދުންތެރިކަން އޮތް މިންވަރާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. ރާއްޖޭގައި ދިރިއުޅޭ ގިނަ ރައްޔިތުން މާލެ ސަރަހައްދުގައި ދިރިއުޅެމުން ދާއިރު އެ ސަރަހައްދުގައި ދިރިއުޅޭ އެންމެ އާދައިގެ މީހާގެ ހަރަދުތައް ވެސް ހަމަޖެއްސެނީ މަދުވެގެން 40،000 ރުފިޔާގެ އާމްދަނީއެއް އާއިލާއަށް ހޯދައިގެން ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ގެނެސްފައި އޮތް މި ބިލުގައި މި އޮތީ 40،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އަށް ޕަސެންޓް ނަގާ ގޮތަށް. މާލެ ސަރަހައްދުގައި އާއިލާއަކަށް މި ދިރިއުޅެ ވެނީ ގިއް ކިޔާފައި މަސައްކަތް ކޮށް 40،000 އަށްވުރެ މަތިން އާމްދަނީއެއް ލިބިގެން. މިއަދު ގޯތި ގެދޮރު ކުއްޔަށް 30،000 އާއި 25،000 ރުފިޔާ ދައްކާފައި،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ހަމައެކަނި ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ދައުލަތް ހިންގަން ބޭނުންވާ އާމްދަނީ ހޯދުމުގެ ވިސްނުމެއް ސަރުކާރުގައި ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެން ގޮތް ގޮތުން ދައުލަތަށް އާމްދަނީ ހޯދަން ސަރުކާރަކަށް އެނގެން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަކީ ދައުލަތަށް އާމްދަނީ ހޯދެން އޮތް ހަމައެކަނި ސޯސް ކަމަށް ގަބޫލު ކުރެވެންޏާ އެއީ މި ސަރުކާރުގެ ވަރަށް ބޮޑު ފެއިލާއެއް. އެހެން ގޮތް ގޮތް ހޯދަން ނޭނގުމަކީ އެއީ ރައްޔިތުން ފެލާލަން އޮތް މަގެއް ކަމުގައި ހަދައިގެން ނުވާނެ، އެ ގޮތަށް މަސައްކަތް ކުރުމަކީ އެއީ މި ސާރުކާރުގެ ވަރަށް ބޮޑު ފެއިލް ވުމެއް" ޝިޔާމް ވިދާޅުވި އެވެ. "މަސްވެރިންނަށް ވެސް ލިބެނީ އެހާކަންހާ ވަރަށް، ރެއާ ދުވާލު މަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު ދައުލަތަށް ދައްކާފައި ދެން ސަރުކާރުން މި ބުނަނީ ދެން މަސްވެރިން އިތުރު ކަމެއް ކުރާނެ ކަމެއް ނެތޭ. ދަރިންނަށް ކިޔަވައިދޭނެ ކަމެއް ނެތޭ. ދައުލަތަށް ފައިސާ ދައްކާ ދައްކާ ތިބޭށޭ. މިއީ ކޮން ކަހަލަ ސަރުކާރެއްތޯ. ކޮބައިތޯ ރައްޔިތުންނަށް ވި ހުރިހާ ވައުދުތައް."

ރައްޔިތުންގެ އާމްދަނީން ހޯދާ ފައިސާ އިން ބައެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ހޯދާ ވާހަކަ ދައްކާއިރު، މިހާރު ލިބޭ އާމްދަނީން ވެސް ދައުލަތް ހިންގުމުގެ ހަރަދުތައް ސަރުކާރަށް ނުބެލެހެއްޓޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މާލީ އިދާރާތަކުގެ ތަފާތު ހިސާބުތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ ގައުމުގެ އިގްތިސޯދުގެ އުފެއްދުންތެރިކަން ދަށްވަމުންދާއިރު މި އަދަދަށް އިންކަމް ޓެކްސް ނެގުން އެންމެ ރަނގަޅު ނޫން ކަމަށެވެ.