ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

Oct 30, 2019

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކެރަން ރޮހްސްލާ، ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތުގައި ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެ ގައުމު ކަމުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ މެދުގައި މިހާރު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން އިގްތިސާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަނެ އެކުގައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސި އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ ސަފީރަކު ގާއިމުވެ ހުންނެވުމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި މިހާރު ގާއިމު ކުރެވިފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވާ ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގާއިމްވެ ހުންނަވާގޮތަށް އިނގިރޭސި ވިލާތުން ސަފީރަކު ކަނޑައެޅުމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ލާބައާ މަންފާ އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.