ވަރުން ދަވަން އަކީ މި ޖެނެރޭޝަންގެ އެންމެ ކާމިޔާބު އެއް އެކްޓަރު ނަމަވެސް އަރުން ކެޓުރަޕާލް ބައޮޕިކްގައި ވަރުން ދަވަންއާ ދޭތެރޭ ކަންތައް ކުރާނީ މުޅިން އާ އެކްޓަރަކާ މެދު ކަންތައް ކުރާ ގޮތަށް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޝްރީރާމް ރާގްވަން ބުނެފި އެވެ.
އަރުން ކެޓުރަޕާލް އަކީ ޕަރަމް ވީރް ޗަކްރަ ލިބިފައިވާ ހިތްވަރުގަދަ ހަނގުރާމަވެރިއެކެވެ.
ޝްރީރާމް އާއި ވަރުން އެކުގައި މީގެ ކުރިން ވަނީ 2015 ގައި ނުކުތް "ބަދްލަޕޫރް" ގައި މަސައްކަތް ކޮށްފަ އެވެ. އަދި ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ބައޮޕިކްގައި އަނެއްކާވެސް އެކުގައި މަސައްކަތް ކުރަން އުޅޭކަން ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ.
ޝްރީރާމް ބުނީ ވަރުން އަކީ މިހާރު ވަރަށް ކާމިޔާބު ތަރިއަކަށް ވެފައި ވީނަމަވެސް އޭނާ ވަރުން އާ ދޭތެރޭ މި ފިލްމުގައި ކަންތައް ކުރާނީ ހަމަ މުޅިން އަލަށް ފިލްމު ކުޅެން ފަށާ އެކްޓަރަކާ ދޭތެރޭ ވެސް ކަންތައް ކުރާނެ ގޮތަށެވެ. އިތުރަށް ބުނީ ވަރުން ވަރަށް ބޮޑަށް މި ފިލްމަށް ޝައުގުވެރި ވެފައިވާ ކަމަށާއި އޭނާ މި ފިލްމު ފަށަން ގަސްތު ކުރަނީ މިހާރު ސޮއި ކޮށްފައިވާ އެހެން ފިލްމުތައް ނިންމުމަށް ފަހުގައި ކަމަށެވެ.
ޑައިރެކްޓަރު ހާމަކުރި ގޮތުގައި މި ފިލްމަށްޓަކައި ވަރަށް ވަރަގަދަ ތަމްރީނުތަކެއް ވަރުން އަށް ހަދަން ޖެހޭނެ އެވެ.
"އޭނާއަށް ޖެހޭނެ ބަރުދަން ލުއިކޮށް ހަށިގަނޑުގެ ސިފަޔަށް ބަދަލު ގެންނަން. އާމީން ހަދާ ތަމްރީނުތައް ފަދަ ތަމްރީނުތަކެއް ހަދަން ޖެހޭނެ. އާމީ ކޭމްޕެއްގައި ތަމްރީނު ހަދަން ޖެހޭނީ،" ޝްރީރާމް ބުންޏެވެ.
ޝްރީރާމްގެ ޓީމުން މިހާރު ދަނީ ބައޮޕިކް އަށް ބޭނުންވާނެ ރަނގަޅު މައުލޫމާތު އެއްކުރަމުންނެވެ.
"އަންދާދަން" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ބުނީ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.