ހަބަރު

ނަސްރު ދުވަހުގެ ޑްރިލް މާލެއާ ހުޅުމާލޭގައި

މި އަހަރުގެ ނޮވެމްބަރު ތިނެއް، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ބާއްވާ ޑްރިލް ޑިސްޕްލޭއާއި ބޭންޑްގެ ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައި މާދަމާ ހަވީރު 4:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑްގެ ހަރަކާތްތަކެއް ބާއްވާނެ ކަމަށެވެ.

އެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެފައިވާއިރު، ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހަވީރު 4:30 ގައި ވެސް މާލޭގެ ޖުމްހޫރީ މައިދާނު ސަރަހައްދުގައި ވެސް އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑްގެ ހަރަކާތްތައް ބާއްވާނެ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި ދުވަހުގެ ހަނދާނާއި ޒިކުރާތައް އާ ކުރުމަށެވެ. އެ ދުވަހު ޝަހީކޮށްލީ ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހެކެވެ.

އެ ދުވަހުގެ ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް މިހާރު ވަނީ ރާއްޖެ ގެނެސް ޖަލުގައި ބަންދުކޮށްފަ އެވެ.