ލައިފްސްޓައިލް

10 ރުޕީސްއަށް ބަލި މީހުން ބަލާ ޑޮކްޓަރު

އަހަރެމެންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ވަރަށް ކާމިޔާބު މީހަކަށް ވާށެވެ. ވީހާވެސް ގިނައިން ފައިސާ ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ނަމަވެސް މިއާ ޚިލާފަށް ދިރިއުޅެން ބޭނުންވާ މީހުން ވަރަށް މަދުން ނަމަވެސް ފެނެ އެވެ. މިފަދަ މީހުން އެމީހުންގެ ކެރިއަރު ބިނާ ކުރަނީ އެހެން މީހުންނަށް ޚިދުމަތް ކުރުމަށެވެ. މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރުމަށެވެ. ޑރ. އަނައްޕާ އެން ބާލީ އަކީ މިފަދަ ޑޮކްޓަރެކެވެ.

އޭނަ ފަރުވާ ދެނީ ވަރަށް ފަގީރު މީހުންނަށް ކަމަށް ވާތީ ބަލިމީހެއްގެ އަތުން އޭނާ ނަގަނީ އެންމެ 10 އިންޑިއާ ރުޕީސް އެވެ.

އިންޑިއާގެ ކަރްނާޓަކާގެ ބެލަގަވާވީ ޑިސްޓްރިކްޓްގެ ބައިލްހޮންގަލް ކިޔާ އަވަށެއްގައި މަސައްކަތްކުރާ މި ޑޮކްޓަރުގެ އުމުރުން މިހާރު 79 އަހަރު ވެއްޖެ އެވެ.

އޭނާގެ ޚިދުމަތް އަމާޒުކޮށްފައިވަނީ ވަރަށް ފަގީރުންނަށް ކަމަށްވާތީ ވަރަށް ގިނަ އަދަދެއްގެ ފަގީރުން އޭނާ ކައިރިއަށް ފަރުވާ ހޯދަން ދެއެވެ. ދުވާލަކު 75 އާއި 150 އާ ދެމެދުގެ ބަލި މީހުން ޑރ. ބާލީ ބަލަ އެވެ. ދިހަ ވަރަކަށް ރުޕީސްގެ ކުޑަ މިންވަރެއް ވެސް ނުލިބޭ މީހުން މަދެއް ނޫނެވެ. އެހެންވެ ދުވާލަކު ބަލާ މީހުންގެ ދެބައިކުޅަ އެއްބައިހާ މީހުންނަށް ޑރ. ބާލީ ފަރުވާ ދެނީ އެއްވެސް އުޖޫރައެއް ނެގުމަކާ ނުލަ އެވެ.

ބާކީ ތިބި 50 ޕަސެންޓް މީހުން އަތުން 10 ރުޕިސްގެ އުޖޫރަ ނަގަ އެވެ. މި 10 ރުފިޔާއިން ބޭހާއި އިންޖެކްޝަން އަދި އެނޫންވެސް ހުރިހާ ޚިދުމަތެއް ކަވަރު ކުރެވެ އެވެ.

ވަރަށް ފަތިހުއްސުރެ ޑރ. ބާލީގެ ކްލިނިކުގެ ބޭރުގައި ބަލިމީހުންގެ ކިއޫ އޮވެ އެވެ. ޑރ. ބާލީގެ އެހީތެރިންގެ ގޮތުގައި އޭނާގެ ކްލިނިކުގައި ތިން މީހުން މަސައްކަތް ކުރެ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ޑރ. ބާލީ އަކީ ވެސް ކުޑައިރު ވަރަށް ނިކަމެތިކޮށް ފަގީރުހާލުގައި އުޅުނު މީހެކެވެ. އޭނާ އެމްބީބީއެސް ފުރިހަމަކުރީ ވަރަށް ބުރަ މަސައްކަތުންނެވެ. ޑޮކްޓަރީކަން ކިޔަވައިގެން ވަޒީފާގައި ވަރަށް ގިނަ ދުވަހު އޭނާ އުޅުނެވެ. ނަމަވެސް މިހާރު އޭނާއަކަށް ފައިސާގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ޑރ. ބާލީ ނުދެކެ އެވެ.
އިންޑީއަން އެކްސްޕްރެސް އަށް ޑރ. ބާލީ ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ބަނޑުހައިހޫނުކަމުގެ ހިތި ރަހަ އޭނާއަށް ވަނީ ލިބިފަ އެވެ.

ޑޮކްޓަރުކަން ކިޔެވުނީ ވަރަށް ގިނަ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށާއި އީއެންޓީގެ ރޮނގުން ޑީޕްލޮމާއެއް 1978 ގައި މައިސޫރުން ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޑރ. ބާލީ ބުނި ގޮތުގައި އޭނާ މިހާރު ފައިސާއެއް ބޭނުމެއް ނޫނެވެ. ބޭނުމީ ހިތްހަމަޖެހުމެވެ. އެ ހިތްހަމަޖެހުން އޭނާއަށް ލިބެނީ ފަގީރު ބަލި މީހުންނަށް ޚިދުމަތް ކޮށްދީގެންނެވެ. އޭނާ ކައިރިއަށް ދާ ހުރިހާ އެންމެންނަށް ހިލޭ ޚިދުމަތް ނުދޭ ސަބަބެއް ކަމަށް ޑރ. ބާލީ ބުނަނީ ގިނަ މީހުންނަށް އެކަމުގެ މުހިއްމުކަން ނުވިސްނޭތީ އެވެ. އެހެންވެ އޭނާ ހިލޭ ފަރުވާ ދެނީ އެއްގޮތަކަށް ވެސް ފައިސާ ނެތްކަން ޔަގީންވާ މީހުންނަށެވެ.

ޑރ. ބާލީ އަކީ ފަގީރުންނަށް އެހީވުމުގައި މިސާލެއް ނެތް ފަދަ މީހެކެވެ. އަދި އޭނާގެ މަސައްކަތް ފެނިފައި ހިތްވަރު ލިބިގަންނަން ރަނގަޅު މީހެކެވެ. ނަމަވެސް މިޒަމާނުގައި ޑރ. ބާލީ ކަހަލަ މީހަކު ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.