(29 އޮކްޓޯބަރ 2019 އާ ގުޅޭ)
ލިއަމްގެ އަޑު މަޑުވެ އޭނާގެ ދެ ލޯ ފެންކަޅިވިއެވެ. ހޭޒަލް އޭނާއާ ވަކިވެގެން ދުރަށް ހިނގައިދާނަންތޯ ލިއަމް ސުވާލުކުރިއެވެ. ލިއަމްގެ އެ ހަރަކާތްތައް ދުށުމަށް ހޭޒަލްއަށް އުނދަގޫވި އެވެ.
ލިއަމްއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ހޭޒަލްއަށް ވިސްނާލެވުނީ އޭނާގެ އަމިއްލަ ނަފްސާ މެދުއެވެ. ލިއަމްއަށް އެއްވެސް ކަމަކަށް ޝައްކުކުރާކަށް ހޭޒަލް ވެސް ބޭނުމެއްނޫނެވެ. އެހެންވިޔަސް އެހެން އެކަން ވެގެން އެއުޅެނީ ލިއަމްގެ ޢަމަލުތައް ހުރިގޮތް ފެނިއެވެ. ހޭޒަލްއަކީ ތަނެއްދޮރެއް ވަކިނުވާ މީހަކީ ނޫނެވެ. ލިއަމްގެ ފުށުން ފެންނަ ކަންތައްތައް އިޝާރާތްކުރަނީ އޭނާ ހޭޒަލްއަށް ސިއްރުން ކަންތައްތަކެއް ކުރާ ކަމަށެވެ. ޚާއްޞަކޮށް ލިއަމްއާއެކު އަތޮޅުތެރެއަށް ކުރި އެ ދަތުރުގައި ކުރެވުނު ތަޖުރިބާއަށްފަހު ލިއަމްއަށް ޚާއްޞަ ސަމާލުކަމެއް ހޭޒަލްއަށް އައީ ދެވެމުންނެވެ. ލިއަމްއާ ވަކިވުމުގެ ވިސްނުމެއް ހޭޒަލްގެ ނެތެވެ.
ހޭޒަލްގެ ކޯތާފަތް ލިއަމްގެ ބޮޑު ދެއަތްތިލައިގެ ތެރޭ މަޑުމަޑުން ހިފަހައްޓާލިއެވެ. އަނެއްކާ ވެސް އޭނާ އިހު ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ. ލިއަމްއަށް ޖަވާބެއް ދޭން ހޭޒަލްގެ ދެ ތުންފަތް ދުރުވެލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ހޭޒަލްގެ ފޯނު ރިންގުވާން ފެށި އަޑެވެ. ހޭޒަލްގެ ކޮނޑުގައި ހަށިގަނޑުގެ ހުރަހަށް ވާނޭހެން އަޅުވާފައި އޮތް އަތްދަބަސް ހުޅުވާލިއެވެ.
"ލިއަމްގެ މަންމަ އެ ގުޅަނީ" ހޭޒަލް ފޯނު ނަގައި އިސްކުރީނަށް ބަލާލަފައި ބުންޏެވެ.
"ދެން މިވަގުތަކުނޫން" ލިއަމް ބުނެލީ ފޫހިކަމާއެކުއެވެ.
"ލިއަމް... ވެދާނެއެއްނު ކަމަކުކަމަށް، މަންމަ އަބަދަކު ނުގުޅައެއްނު... ލިއަމް ފޯނު ނުނަގައިގެން އަހަންނަށް ގުޅާނީ، އެގެއަށް ދިޔަފަހުން ވެސް މިހާރު ކިހާ ދުވަހެއްވެއްޖެ..." ހޭޒަލް ބުންޏެވެ. އަދި ލިއަމް އެއްޗެއް ބުނޭތޯ މަޑުކުރުމެއްނެތި މުހުސިނާގެ ފޯނުކޯލު ނަގައި ލިއަމްއާ ދުރަށް ޖެހިލައިފިއެވެ. ލިއަމްގެ ވާހަކަތައް ޤަބޫލުކުރަން އުނދަގޫވާތީ އޭނާއާ ވާހަކަދައްކަން ހޭޒަލްއަށް ފަސޭހައެއްނޫނެވެ. އެހެންވެ މުހުސިނާ ގުޅުންވީ ހޭޒަލްއަށް ނަސީބަކަށެވެ.
މުހުސިނާ ގުޅީ އެ ގޭގައި ހޭޒަލްއަށް މީރު ކާއެއްޗެހި ތައްޔާރުކޮށްގެން ޅީދަރިފުޅު ގެއަށް ގެންނަ ހިތުންނެވެ. ލިއަމްއަށް ގުޅުމަކީ ބޭކާރުކަމެއްހެން ހީވާތީ އޭނާ ސީދާ ގުޅީ ހޭޒަލްއަށެވެ. ލިއަމް ގާތުގައި ހުރި ވާހަކަ ހޭޒަލް ބުނީ ގަސްދުގައެވެ. ލިއަމް ފާޑަކަށް ތުންކޮޅު އޫކޮށްލިއެވެ. ހީވީ ގެއަށްދާން ބޭނުންނުވެގެން ކޮށްލި ހަރަކާތެއްހެންނެވެ. ޢާންމުކޮށް މުހުސިނާ ދައްކާ ވާހަކަތަކުން ލިއަމް އެހާ ގަޔައެއްނުވެއެވެ. މަންމައެއް ކަމަކު އޭނާ ޤަބޫލުކުރަނީ މިހާރު ނުބެހެވޭނޭ ކަންކަން ދިރިއުޅުމުގައި ހުންނާނޭ ކަމަށެވެ. ލިއަމް އުޅޭ ގޮތާމެދު މުހުސިނާ ފާޑުކިޔާތީ އެކަން ލިއަމްއަށް ކަމުނުދަނީއެވެ. ލިއަމް އެގެއަށް ދާން ބޭނުންނުވަނީ އެހެންވެކަން ހޭޒަލް ދެނެހުއްޓެވެ. މުހުސިނާއަކީ ލިއަމްގެ މަންމައަށް ވާއިރު އެމީހެއްގެ ބަހަށް ޖަދަލުކުރަން ލިއަމްއަށް ނުކެރޭނެ މީހަކީ އެއީއެވެ.
ނުދާން ހުރެފައި ވެސް މުހުސިނާ ގާތު ހޭޒަލް މިދަނީއޭ ބުނުމުން ލިއަމްއަށް ދެކޮޅެއް ނުހެދުނެވެ. ނަމާދުކުރިންތޯ މުހުސިނާ އަހާނޭ ބުނެ ލިއަމް ގާތު އިޝާ ނަމާދު ކުރަން ހޭޒަލް ބުންޏެވެ. އާނއެކޭ ބުނެފައި ވެސް އޭނާ ގޮސް ވެއްޓިގަތީ ސޯފާއަށެވެ. ހޭޒަލް ނަމާދުކޮށްގެން ކޮޓަރިން ނުކުމެފައި ވެސް ލިއަމްއަށް ނަމާދު ކޮށްލައިގެން ދާން ހަނދާންކޮށްދިނެވެ. އޭނާ ބުނެލީ ގެއަށް އައިސްފަ އަރާލާނީއެވެ. އެހެން އެބުނީ ނުކުރަންވެގެންކަން ހޭޒަލްއަށް އެނގުނެވެ.
* * * * *
ގ.ކްރިސްޓަލް ގޭ ކުރިމައްޗަށް ވާހެން އޮތް ޕާކިން ސަރަޙައްދުގައި ލިއަމް ސައިކަލު ޕާކުކުރަން އުޅުނެވެ. އެތާ ކައިރީ މަޑުކޮށްލައިގެން ހުރި ހޭޒަލްއަށް ގެއިން ނުކުތް ވީރާ ފެނުނެވެ. އޭނާގެ އަތުގައި ހެލްމެޓް އޮތެވެ. އޭނާ ނުކުމެގެން އައިސް އެރީ މީހެއްގެ ސައިކަލު ފަހަތަށެވެ. ކަޅު ހެލްމެޓެއް އަޅައިގެން ސައިކަލުގަ އިން ޒުވާނާގެ ގައިގާ ދަންނަ ވައްތަރެއް ޖެހިއެވެ. އެހެންވެ އެއީ ކާކުތޯ ބަލާލަން ގަސްދުކޮށް ހޭޒަލް ހިނގައިގަތެވެ. ވީރާ ސައިކަލަށް އަރާ ހެލްމެޓު އަޅާލުމާއެކު އެ ޒުވާނާ ސައިކަލުގަ ދުއްވާލައިފިއެވެ.
"ސައިފް... ސައިފްއާ ހާދަ ވައްތަރޭ..." ހޭޒަލްއަށް ލިބިފައިވާ ހައިރާންކަމާއެކު ބުނެވުނެވެ. ހަމައެއާއެކު ހޭޒަލްގެ ހަނދާނަށް އައީ ތަންކޮޅެއް ކުރީން ވެސް ވީރާ މީހެއްގެ ސައިކަލު ފަހަތުގައި ހުޅުމާލެ ބުރިޖާ ދިމާއިން ފެނުނު ކަމެވެ. އެ ދުވަހު ވެސް ހޭޒަލްއަށް ވީރާ އެނގުނެއް ކަމަކު ދެން ހުރި ޒުވާނާ ޔަގީނެއްނުވިއެވެ.
"ނޫން! ނޫން!... ސައިފަކަށް ނުވާނެ... ވީރާ އެކަހަލަ ފީކަޅާ ޒުވާނަކާ ނުގުޅޭނެ" ހޭޒަލް އަމިއްލަ ނަފްސަށް ބުނެލިއެވެ.
"އެކަނިހުރެ ކީކޭ ތިކިޔަނީ" ލިއަމް އައިސް ހޭޒަލްގެ ގާތު ހުއްޓި އޭނާގެ ވައަތުގައި ހިފާލިއެވެ.
"ވީރާ ދެންމެ ނުކުމެގެން އެދިޔައީ" ހޭޒަލް ބުންޏެވެ. ލިއަމް އެކަމާ ވިއްދާ އެއްޗެކޭ ނުބުންޏެވެ.
ދެމީހުން އައިސް ގޭތެރެއަށް ވަނެވެ. ސިޓިންރޫމުގައި އެންމެން ތިއްބެވެ. އެ ދެ ޒުވާނުން ފެނުމުން ފުރަތަމަ ވެސް ވާހަކަދެއްކީ ޝަމާޢިލް އެވެ. ކާން ނުގޮސް މަޑުކޮށްގެން އެ ތިބީ ހޭޒަލްއާއި ލިއަމް އަންނަންދެން ކަމަށް އޭނާ ބުންޏެވެ. އަދި ސޯފާއިން ތެދުވަމުން އެންމެން ގާތު ކާންދާންވީ ކަމަކަށް އޭނާ ބުންޏެވެ. މުހުސިނާއަށް އައިސް ހޭޒަލްގެ ގައިގާ ފިރުމާލެވުނީ އެހާ ދުވަސްކޮށްފަ ޅީދަރިފުޅު ފެނުނީމައެވެ. އަދި ހަދާފައި ހުރި ކާއެއްޗެހީގެ ވާހަކަ ދައްކަން ފެށިއެވެ. އެމީހުންގެ ގާތުގައި ޒައިދަންގެ އަންހެނުން ރަފާ ހުއްޓެވެ. ޒައިދަންއައީ ލިއަމްއާއެކު ވާހަކައެއް ދައްކަމުންނެވެ.
ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމާމެދު ހޭޒަލްއަށް ވިސްނުނީ އެވަގުތެވެ. އެކަމަކު އެހެން ވިސްނުނީ ލިއަމްއާ ގުޅުވާފައެވެ. ފަހަރެއްގައި ޢާއިލާއެއްގެ ތެރޭގައި އުޅޭނަމަ ލިއަމް ހަރުދަނާ ވެދާނޭ ހޭޒަލްގެ ހިތަށް އެރީއެވެ. މަންމައާއި ބައްޕަ ދޭ ނަސޭޙަތުގައި ކޮޅުންފައިން ޖަހާކަށް އެކަކަށް ވެސް ނުކެރޭނެއެވެ. އެ ޚިޔާލުގައި ލިއަމްއަށް ބަލަން ހޭޒަލްއަށް އިނދެވުނެވެ.
* * * * *
ދުވަސް ނިމި އައު ދުވަހެއް ފެށިދެއެވެ. ފުރާނަ ހުރިއްޔާ އެ ދުވަހަކަށް ކުރިމަތިލާނޭ ފުރުޞަތު އިންސާނާއަށް ލިބިދެއެވެ. އެއީ ހަޔާތުގެ ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރުޞަތެއް ވެސް މެއެވެ.
ފަރަހައަކީ ކާކުކަމެއް ހޭޒަލްއަށް ނޭނގި އެ ވާހަކަ އޮބިގެން ދިޔައީއެވެ. ހޭޒަލް ވެސް އަބަދު ފަށަފަށައިގެން އެކައްޗެކޭ ކިޔަން ބޭނުންނުވީއެވެ. ލިއަމްގެ ވާހަކަތަކުން ކުރިމަގެއް ނުފެނިގެންނެވެ. ހީވިގޮތެއްކަމުގައި ޤަބޫލުނުކުރި ނަމަވެސް ލިއަމްއަށް ޓަކައި އެކަން އެގޮތަށް ޤަބޫލުކުރަން ހޭޒަލްއަށް މަޖުބޫރުވީއެވެ.
ހޭޒަލް އޭނާއާ ހަވާލުވެފައިވާ މަސައްކަތުގައި ވަގުތު ހޭދަކުރަން ފެށިއެވެ. ލިއަމްއާ މާގިނަ ސުވާލެއް ނުކުރި ނަމަވެސް ގޭގައި ލިއަމް އުޅޭ ވަގުތުތަކުގައި ހޭޒަލްގެ ނަޒަރު އޭނާއަށް ފާރަވެރިވެއެވެ. އަދި ދެ ކަންފަތް އިހުނަށްވުރެ ބޮޑަށް ލިއަމްގެ ވާހަކަތަކަށް ހުޅުވިފައި ވެއެވެ. ހަމައެއާއެކު ރޭގަނޑު ލިއަމްއެކަނިވިޔަ ނުދެއެވެ. އޭނާ ނިދި ނާންނަކަމަށް ބުނެފިއްޔާ އޭނާއާއެކު ހޭޒަލް ވެސް މަޑުކުރެއެވެ. މާ ބޮޑަށް ވަރުބަލިވެފަ ހުންނަ ދުވަހެއްގަ ނޫނިއްޔާ ލިއަމްއަށްވުރެ ކުރީން ހޭޒަލް ނުނިދައެވެ. ލިއަމް އެއްޗެކޭ ނުބުންޏަސް އޭނާއަށް ވެސް ހޭޒަލްއަށް މިއައީ ބަދަލު ފާހަގަވިއެވެ.
"އަހަރެން ނިދަން މިއުޅެނީ" ކޮޓަރީގައި ހުރި ޓީވީ ބަލަން އެނދުމަތީ އޮތް ލިއަމް ބުންޏެވެ.
"މިތަންކޮޅު ނިންމާލާފަ ނިދާނީ، މާދަމާ އެބަޖެހޭ ދާރިއަންއާ މީޓުކޮށްލަން، އޭނާ ވެސް ބޭނުންވޭ މަސައްކަތް ގޮސްފަ އޮތް ހިސާބެއް ބަލާލަން" އެނދުކައިރީ އިން ހޭޒަލް ބުންޏެވެ. އޭނާ އިނީ ކާޕެޓުމަތީ ސާމާނުތައް އަތުރާލައިގެންނެވެ.
އެ ނޫނީ އެހާ ލަސްވަންދެން ހޭޒަލް ނީނދެއެވެ. މަސައްކަތައް ގެއްލިފައި އިނދެވުމުން ގަޑިން ވީއިރެއް ހޭޒަލް ނުދެނަ ހުއްޓެވެ. އެނދުގައި އޮތް ލިއަމްގެ ނޭވާއަށް ބަދަލު އައިކަން ހޭޒަލްއަށް އެނގުނެވެ. އޭނާ ނިދައިފިކަމުގެ ހެއްކަކަށް އެކަން ވިއެވެ. ނަމަވެސް ހޭޒަލް އިނީ ކޮންމެވެސް ވަރެއްކޮށްފައި ނޫނީ މަސައްކަތުން އަތްދޫކޮށްނުލާށެވެ.
ހިތްހަމަޖެހޭ ވަރުވީމާ ހޭޒަލް އެއްޗެހިތައް ތަރުތީބު ކުރިއެވެ. މަސައްކަތް ނިންމާލައި ތެދުވެ އެތަކެތި ބަހައްޓާ ތަނުގައި ބަހައްޓާފައި ހޭޒަލް ވަނީ ފާޚާނާއަށެވެ. ފާޚާނާއިން ނުކުމެ އެނދަށް އެރުމުގެ ކުރީން ހޭޒަލް ހެދުން ބަދަލުކުރިއެވެ. ނިދަންލާ ހެދުން އަޅުވާފައި ހުރި ހަރުކައިރީ ހޭޒަލް ހުއްޓާ ލިއަމްގެ އަޑު ހޭޒަލްއަށް އިވުނެވެ. އަވަސް އަވަހަށް ހެދުން ބަދަލުކޮށްލުމާއެކު ހޭޒަލް ބަލާލީ އެނދަށެވެ. ލިއަމް އޮތީ ނިދާފައެވެ. އެހެންވިޔަސް އޭނާ ކޮންމެވެސް އެއްޗެކޭ އެބަ ކިޔައެވެ. ހޭޒަލް ހަލުވިކޮށް އައިސް ހުޅުވާފައި ހުރި ޓީވީގެ އަޑު ކަނޑާލިއެވެ. އަދި ލިއަމް ގާތު އައިސް ހުއްޓިލުމާއެކު ގުދުވެލީ އޭނާ ކިޔާ އެއްޗެއް އަޑުއަހާށެވެ. ހޭޒަލްގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. ކޮންމެވެސް "އައިޝް"އަކަށް ލިއަމް ގޮވަނީއެވެ. އަންނާށޭ ވެސް ބުންޏެވެ. ހޭޒަލް ހުރެފައި ވާހަކަދެއްކިއެވެ. ކޮންތާކަށްތޯ ދާންވީ ހޭޒަލް އެއްސެވެ. ނަމަވެސް ހޭޒަލްގެ ވާހަކައަށް ލިއަމް ޖަވާބެއް ނުދެއެވެ. އޭނާ އެބުނާ އައިޝްއެއް ގޮވައިގެން ތަނަކަށް ނުދެވިގެން އުޅޭކާހަލައެވެ. މިނޫނީ ލިއަމް ނިދީގައި ވާހަކަދައްކަނިކޮށް ހޭޒަލް އަޑެއް ނާހައެވެ. އަޑުއިވޭނީ ވެސް ކިހިނެއް ހެއްޔެވެ. ހޭޒަލްއަކީ ޢާންމުކޮށް ލިއަމްއަށްވުރެ ކުރީން ނިދާ މީހެކެވެ. ލިއަމްއާއެކު ނިދަން އެރިޔަސް އޭނާގެ ނިދި ހަރުވާއިރު ހޭޒަލްއަށް ވެސް އޮންނަނީ ނިދިފައެވެ. މިރޭ ހޭޒަލް ހޭލާ ހުރީ އެފަދައިން ގަސްދުކޮށްގެންނެއްނޫނެވެ. މަސައްކަތުގައި ޖެހި އެކަން ކޮންމެވެސް ކޮޅެއްގައި ޖެއްސުމަށް ބޭނުންވެ ހޭލާ ހުރެވުނީއެވެ. އެކަން އެހެންވީތީ ލިއަމްގެ ފުށުން މީގެ ކުރީން ނުފެންނަކަމެއް ހޭޒަލްއަށް އެނގިގެން ހިނގައްޖެއެވެ.
"ނިދީގައި ވެސް ލިއަމް ތިގޮވަނީ އެހެން އަންހެނަކަށް، ތި ދުލުން އަހަރެންގެ ނަންނޫން އެހެން އަންހެނެއްގެ ނަން ކިޔާކަށް ހުއްދައެއްނުދެވޭނެ، އަހަރެން ހެވިލާފައި ހުއްޓެއްކަމަކު ލިއަމްގެ ސަބަބުން އަހަންނަށް ޑިސްޓާބްވާވަރު އެނގޭތަ؟... ލިއަމްއަށް ޝައްކުކުރަން ޖެހުނީމަ އަހަރެން ދެރަވާވަރު އެނގޭތަ، އަހަރެންގެ ހިތަށް ހާދަ ތަދުވެޔޭ، އަހަންނަށް ލިއަމް އަދިވެސް ދަސްނުވާހެން ހީވާން ފަށައިފި، އެކަން އެނގޭތަ؟... ހީވަނީ އަނދިރިގަނޑެއްގެ ތެރޭގައި ހުރެވޭހެން... ޕްލީޒް... ޕްލީޒް ލިއަމް، ތި ދުލުން ހޭޒަލްނޫން އަންހެނަކަށް ނުގޮވަބަލަ" ދެ ކަކޫ މައްޗަށް ތިރިވެލައި ލިއަމްގެ މޫނުގައި ހޭޒަލްގެ ކަނާއަތް ޖައްސާލީ ނިކަން މަޑުމަޑުންނެވެ. އެ ދެ ލޮލުގައިވަނީ އިންތިހާ ލޯތްބެވެ. އޭނާގެ ނަފްސުގެ ކެތްތެރިކަން އިމްތިހާނު ނުކުރާށޭ ބުނާ ފަދައިން މަޑުމަޑުން ދެ ފަރާތަށް ހޭޒަލްއަށް ބޯހޫރުވާލެވުނެވެ.
ލިއަމްއަށް ކަމެއްކުރެވޭހެން ހީވެ ނިދީގެ ތެރެއިން ހޭލެވުނެވެ. ހޭޒަލް އަވަސް އަވަހަށް ތެދުވިއެވެ. ލިއަމްގެ ގައިމަތިން ރަޖާ ރަނގަޅުކޮށްލަދޭން އުޅޭހެން އޭނާ ހަރަކާތްކޮށްލިއެވެ. ލިއަމް ލޯ ހުޅުވާލާފައި ނިދީގެ އަސަރު އެކުލެވިގެންވީ އަޑަކުން ހޭޒަލް ގާތު އެނދަށް އަރަން ބުންޏެވެ. ހޭޒަލް އަވަސް އަވަހަށް އައިސް އެނދަށް އެރައި ރަޖާ ދަށަށް ވަދެއްޖެއެވެ. އެއާއެކު އޭނާގެ ފުރަގަހުން ލިއަމް ގާތްވެލައި ހޭޒަލްގެ ގައިގާ ބައްދާލައިފިއެވެ.
ހެނދުނު އޮފީހަށްދާން ތައްޔާރުވެގެން ލިއަމް ކޮޓަރިން ނުކުތެވެ. ސިޓިންރޫމު ސޯފާގައި ކޮފީ މަގެއް ހިފައިގެން އިން ހޭޒަލްގެ ގާތަށް އޭނާ އައެވެ. ކަރުގައި އޮތް ޓައީ ރީތިކޮށްދޭން ލިއަމް އެދުނެވެ. އަދި އޭނާގެ ވައަތު މުށުތެރޭ ހުރި ކަފްލިންކްތައް ދައްކާލިއެވެ. ކޮފީމޭޒުމަތީ މަގު ބަހައްޓާފައި ހޭޒަލް ތެދުވިއެވެ. ސޯފާގެ އަތްގަނޑުގައި ލިއަމް ފޫޖައްސާލުމުން އޭނާ އެދުނު ކަންކަން ކޮށްދޭން ހޭޒަލް ފެށިއެވެ.
"ޒެއްލު ކޮފީ ނުބޮއެ ނެޕެއް ނަގާލަންވީނު، ބަލާބަލަ ލޯ... ރަތްވެގެން ގޮސް ދުޅަވެފަ، އައިސްޕެކް އަޅާލިނަމަ، ޓީބޭގް ވެސް ޒެއްލު ޔޫސްކުރަމެންނު" ހޭޒަލްގެ މޫނުގައި ދަތްދޮޅީގެ ކޮޅަށް ވާހެން ލިއަމް ފިރުމާލިއެވެ. ރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ލިއަމް ނުދެނަހުއްޓެވެ.
"އައިޝްއަކީ ކާކު؟" ލިއަމްގެ އަތްކުރިއަށް ކަފްލިންކް އަޅުވައިދެމުން ހޭޒަލް އެއްސެވެ. ލިއަމްގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ކުއްލިއަކަށް ހޭޒަލްގެ އަތުގެ ތެރެއިން ލިއަމް އަތް ދަމައިގެނެއްޖެއެވެ. އަދި އަމިއްލައަށް އަތްކުރިއަށް ލައްވާފައި އޮތް ކަފްލިންކް އަޅުވައިލިއެވެ.
"މިހާރު ކީކޭކިޔަން ތިއުޅެނީ..." ލިއަމްއަށް ރުޅި އާދެވުނެވެ.
"ރުޅިއަންނަޖެހޭވަރު އެއްޗެއްނޫނެއްނު މިއެހީ... ރޭގަ ނިދީގައި ލިއަމް ތަކުރާރުކޮށް އައިޝްއަކަށް ގޮވީ، އޭނާ ގޮވައިގެން ތަނަކަށް ނުދެވިގެން... އައިޝްއަކީ ލިއަމް ދަންނަ މީހެއްވީމަތާ ސީދާ ނަމުން ގޮވާނީ" ހޭޒަލް ބުންޏެވެ.
"ތީ ދެން ބޮޑުވަރު އިނގޭ ޒެއްލު... އަހަރެން ނިދީގަ ކުރާކަންކަން އަހަންނަށް ކިހިނެއްތަ އެނގޭނީ، އެއީ އަހަރެންގެ ބާރުގަ ހިނގާ ކަމެއްތަ؟" ލިއަމް ރުންކުރުކަމާއެކު ބުނެލިއެވެ.
"އެހެންވީމާ އައިޝްއަކީ ދަންނަ މީހެއް ދޯ" ހޭޒަލް އެއްސެވެ.
"މަ އެހެން ބުނެފިންތަ؟... މަށަކަށް ނޭނގެ ތިބުނާ މީހަކު... ޒެއްލުއަށް ކިހިނެއްވެގެންތަ ތިއުޅެނީ، ހެނދުނުހެނދުނާ މޫޑު ހަރާބުވެއްޖެ، ދަނީ އަހަރެން" ލިއަމް އެންމެ ހިނދުކޮޅަކަށް ވެސް މަޑެއް ނުކުރިއެވެ. ބޫޓަށް އަރައިގެން އެޕާޓްމެންޓުން ނުކުތީ ފަސްއެނބުރި ހޭޒަލްއަށް ބަލާ ވެސް ނުލައެވެ. ހުރި ފިޔަވަޅުމަތީ ހޭޒަލް ހުއްޓެވެ.
"އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްތަ؟" ހޭޒަލްއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. މަޑުމަޑުން ސޯފާގައި އޭނާއަށް އިށީނދެވުނެވެ. ސިކުނޑިއަށް ބާރުބޮޑުވެ ނާރުތައް ފަޅައިގެންދާން އުޅޭ ކަހަލަ އިޙްސާސެއް ހޭޒަލްއަށް ކުރެވުނެވެ. ލިއަމް ވާހަކަދެއްކި ގޮތުން ހޭޒަލްގެ ހިތުގައި ޖެހުނެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭ ހޭޒަލްގެ ދެ ލޯ ކަރުނުން ފުރުނެވެ. ނިދީގައި އެވީ ކަމަކާ ލިއަމްގެ ދުވަހީ ދިރިއުޅުމާ ގުޅުމެއްވެޔޭ ހޭޒަލްގެ ޟަމީރު އެއްބަސްވެއެވެ. އެހެންވިޔަސް ވާހަކައެއް ދައްކައިގެން ލިއަމް ގާތުން އެދެވޭ ޖަވާބެއް ނުލިބޭނޭކަން ހޭޒަލްއަށް ވެސް ވިސްނެން ފަށައިފިއެވެ. ދެ ކޯތާފަތުން ކަރުނައިގެ ރޮނގު ހެދި ތިރިއަށް ފައިބައިގެން ދެއެވެ. އިރުއިރުކޮޅުން ދެ ލޮލާއެކު ކޯތާފަތް ހޭޒަލް ފުހެލައެވެ.
ހަފްތާގެ ބުރާސްފަތި ދުވަސްވީމާ ލިއަމް ވަކިން ބިޒީވާނެއެވެ. އޭނާ ވެސް އޮފީހަށް ދިޔައީސުރެ ނުގުޅައެވެ. ނުރުހުންވެފައި ހުރުމުން ނުގުޅަންކަން އެހުރީ ހޭޒަލްއަށް އެނގުނެވެ. ޢާންމުކޮށް ދާރިއަންއާ ބައްދަލުކުރަންދާ ގަޑިއަށް ހޭޒަލް ތައްޔާރުވިއެވެ. ގޭގައި ހުރުމުން ހޭޒަލްއަށް ލިބިފައިވާ ނުތަނަވަސްކަން ކުޑައެއްނުވާނޭކަން އެނގެއެވެ. އޭނާ ތައްޔާރުވެގެން ހަތަރުގަޑި ބައިގަ ގެއިން ނުކުންނަމުން ލިއަމްއަށް މެސެޖުކޮށްލިއެވެ. ދާރިއަންއާ ބައްދަލުކުރަން ދަނީއޭ ބުނެއެވެ. އަދި ދާރިއަންއަށް ގުޅިއެވެ. އެހިނދު އޭނާ ބުނީ މީޓިންއެއްގައި އޮފީހުގައި ތާށިވެފައި އިނީ ކަމަށެވެ. ހައެއް ޖަހާކަން ހާއިރު އޭނާގެ އޮފީހަށް އާދެވިދާނެތޯއެވެ. ކޮފީ މޭޒެއްގެ ދޮށުގައި ތިބެ ހޭޒަލްގެ "ޕްރޮޑަކްޓް" ބެލުމަށްވުރެ ރަނގަޅުވާނީ ވެސް އެގޮތް ކަމަށް ދާރިއަން ބުންޏެވެ. ހޭޒަލް އެއްބަސްވުމުން ދާރިއަން ބުނީ އޭނާ ބަލާ ދަންތޯއެވެ. އެކަމާ ހޭޒަލް އެއްބަހެއް ނުވިއެވެ. އޮފީސް ހުންނަ ތަން ބުނީމަ ޓެކްސީއެއްގައި ހޭޒަލް ހިނގައިދާނަންކަމަށް ބުންޏެވެ.
ދާރިއަންގެ އޮފީސް ހުންނަނީ ހުޅުމާލޭގައިކަން ހޭޒަލްއަށް އެނގެއެވެ. އެކަމަކު ކޮން ހިސާބެއްގަ ހުންނަ ތަނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ދާރިއަންގެ ބިޒްނެސް ކާޑު ލެވުނުތަނެއް ވެސް ހޭޒަލް ހަނދާނެއްނެތެވެ. ދާރިއަން ގާތު ބުނުމުން އެކަމާ ސުވާލެއް ކުރުމެއްނެތި އޭނާ އެޑްރެސް މެސެޖުކޮށްލިއެވެ.
* * * * *
އޮފީހުން ނުކުންނަން ދިއުމުގެ ކުރީން ދާރިއަންގެ ކެބިންއަށް ޒުކަން ވަނެވެ. އެ ކެބިންގެ ތެރޭ ހުރި ދިގު ސޯފާގައި ދާރިއަން އިނެވެ. ކުރިމަތީ ހުރި ބިއްލޫރި ދިގު ކޮފީމޭޒުމަތީ ތަރުތީބެއްނެތި ކަރުދާސްތައް ވިއެވެ. މަސައްކަތަށް ގެއްލިފައި އިން ދާރިއަންގެ ސަމާލުކަން ދޮރަށް ހުއްޓުނެވެ.
"ބައްޕަ ދާން މިދަނީ... ތިކަން ބަހައްޓާލާފަ ދާރިއަން ވެސް އަންނަންވީނު" ދާރިއަންގެ ކުރިމަތީ މަޑުކޮށްލަމުން ޒުކަން ބުންޏެވެ.
"މިކަން ނިންމާލަ ދާނީ... މީހަކާ ބައްދަލުވެސް ކޮށްލަންވެފަ އޮތީ، އެހެންވެ..." ދާރިއަން ބުންޏެވެ.
"ބައްޕަ ގެއަށް ދާއިރަށް މަންމަ ގުޅާނެ އިނގޭ... ރޭގަނޑު ކާގަޑިއަށް ކޮންމެހެން ވެސް އަންނާތި" ޒުކަން ބުނެލިއެވެ. އޭނާގެ ވާހަކައަށް ދާރިއަން ބޯޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ ޒުކަން ނުކުމެގެން ދިޔައީއެވެ.
ހޭޒަލްގެ ޓެކްސީ މަޑުކޮށްލުމާއެކު އޭނާއަށް ދާރިއަން ފެނިއްޖެއެވެ. އަޅިކުލައިގެ ސްލިމްފިޓު ގަމީހުގައި ދާރިއަންގެ ހަށިގަނޑުގެ މަސްތައް ފާޅުވެއެވެ. ހިކަނދިމަސްގަނޑުގެ ވަރުގަދަކަމާއި އުޅަންބޮއްޓާ ހަމައަށް އޮޅާލައި ހުރި އަތްކުރިން ދާރިއަންގެ މުލައްދަނޑި އޮތީ ހާމައަށެވެ. އޭނާއަކީ ވެސް ރީތި ފިރިހެނެއްކަން ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބަލަން އިން ހޭޒަލްގެ ހިތަށް އެރިއެވެ. ލުއި ހިނިތުންވުމަކާއެކު ހޭޒަލް ކާރުން ފައިބަންވާއިރަށް ދާރިއަން ހަލުވިކޮށް އައިސް ދޮރުފަތް ހުޅުވައިފިއެވެ. އޭނާ ހީވީ ހޭޒަލްގެ އިންތިޒާރުގައި ހުރީ ހެންނެވެ. ލުއި ހިނިތުންވުމާއެކު ހުދުހުދު ދަތްތަކުގެ ކޮޅު ދާރިއަންގެ އަނގައިން ފާޅުވެލިއެވެ. ހޭޒަލް ފެނުމުން އޭނާގެ މޫނުން ފާޅުވާ އުފާވެރިކަމަކީ އަޖައިބެކޭ ޚުދު ހޭޒަލްގެ ހިތަށް ވެސް އަރައެވެ.
"ކަމް..." ދާރިއަން އިޝާރާތްކުރީ އޮފީހުގެ ދޮރާ ދިމާއަށެވެ. އަދި ހޭޒަލްގެ ކުރިއަށް ހުރެ އޭނާ އައިސް ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައިސް ލިފްޓުގެ ކައިރީ ހުއްޓިލައި އެއްފަރާތުގައި ހުރި ފިތަށް އޮބާލިއެވެ. ހޭޒަލްގެ އަތުގައި އޮތް ކޮތަޅުގައި ދާރިއަން އަޅައިގަތެވެ. އަވަސްއަވަހަށް އެ ކޮތަޅު ހޭޒަލްގެ އަތުން އަތުލައި އޭގައި ދާރިއަން ހިފައިފިއެވެ.
ލިފްޓުގައި ދެ ޒުވާނުން ތިބިއިރު ދާރިއަންގެ ނަޒަރު ވަނީ ހޭޒަލްއަށް ހުއްޓިފައިކަން އޭނާއަށް އެނގުނެވެ. ލިފްޓުގެ އެތެރެ ހުރީ ސޫރަ ފެންނަ ފަދަ ލޯގަނޑެއް ހެންނެވެ. އެހެންވެ ދާރިއަންގެ ކޮންމެ ހަރަކާތެއް ހޭޒަލްއަށް ފެނެއެވެ.
"ވަޓް..." ކެތްނުކުރެވިގެން ކަހަލަ ގޮތަކަށް ހޭޒަލް އަހާލިއެވެ. އެހިނދު ލުއި ހިނިތުންވުމެއް ދާރިއަން ބަދަލުކޮށްލިއެވެ.
"ޔޫ ސްމެލް ގުޑް" ހޭޒަލްގެ އިސްތަށިގަނޑާ ދިމާއަށް ގުދުވެލައި ވަސްބަލާލަމުން ދާރިއަން ބުންޏެވެ. ހޭޒަލް ޖަހާލީ ހިނިގަނޑެކެވެ.
"ސްޓޮޕްއިޓް... ޔޫ ވިއަޑޯ..." ހެމުންހެމުން ހޭޒަލް ދުރަށް ޖެހިލީ ދާރިއަންގެ ކޮނޑުގައި ޖަހާ ކޮށްޕާލަމުންނެވެ. އެހިނދު ދާރިއަންއަށް ހޭޒަލްގެ ކަނާއަތުގައި ހިފާ ގާތަށް ދަމާލެވުނީ ބޭއިޚްތިޔާރުގައެވެ. ދާރިއަންގެ މޭގައި އައިސް ޖެހުމުގެ ކުރީން އޭނާގެ މޭގައި ހޭޒަލްގެ ވައަތްތިލައިން އަޅާ އޮބާލެވުނީ ހަށިގަނޑު މަތަކުރުމަށެވެ. ހޭޒަލްއަށް ވެސް ލިބުނީ ސިހުމެކެވެ. ދާރިއަންއަށް ވެސް ކުރެވުނު ކަންތައް އިޙްސާސްވީ ހޭޒަލްގެ ލޮލުން ފާޅުވި އަސަރު ފެނިފައެވެ.
"ސޮރީ..." ދާރިއަން އަވަހަށް ބުނެލިއެވެ. ލިފްޓުގެ ދޮރު ހުޅުވުނީ އެވަގުތެވެ. ދާރިއަންއާ އަމާޒުވެފައި ހުރި ނަޒަރު ވަކިކޮށްލަމުން ހޭޒަލް ލުއި ހިނިތުންވުމެއް ދިނެވެ. އެހެންނަމަވެސް އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ލިފްޓުން ދާރިއަންގެ ފަހަތުން ހޭޒަލް ނުކުތެވެ. އޭނާއަށް ފެނުނީ ފަޅުކަން ވެރިފައި އޮތް ކޮރިޑޯއެކެވެ. ހޭޒަލްއަށް ގޮވާލުމާއެކު ދާންވީ ދިމާ ދާރިއަން އަންގާލިއެވެ.
"ހާދަ އަނދިރިއޭ... އެކަކުވެސް ނެތީތަ؟" ހޭޒަލް އެއްސެވެ.
"އަހަރެން އެކަނި މިއުޅެނީ... އަނދިރީގަ އަހަރެން ކަމެއްކޮށްފާނެތީ ބިރުންތަ ތިހުރީ" ދާރިއަންގެ އަޑުގައިވީ ސަމާސާގެ އަސަރެވެ. ހޭޒަލް ޖަހާލީ ހިނިގަނޑެކެވެ.
"އަހަންނަށް ކަރާޓީ އެނގޭ" ހޭޒަލް ބުންޏެވެ.
ކައުންޓަރެއް ފަހަނައަޅައި ހޭޒަލް ގޮވައިގެން ދާރިއަން އައިސް އޮފީހަށް ވަނެވެ. އަދި ދާރިއަން ދޮރުތަޅުލުމާއެކު ހިމަ މަގަކުން ލާފައި އައިސް ދާރިއަންގެ ކެބިންއަށް ހޭޒަލް ގޮވައިގެން ވަދެއްޖެއެވެ.
"ކޮފީ ގެނެސްދެންތަ؟" ސޯފާއަށް އިޝާރާތްކޮށްލުމާއެކު ދާރިއަން އަހާލިއެވެ.
"ދާރިއަން ބޮންޏާ ބޮއެފާނަން..." ހޭޒަލް ބުނެލިއެވެ.
(ނުނިމޭ)