ރައީސް މުހައްމަދު ނަޝީދު

ފިއްތުން އޮތަސް ކުޑަ އުޖޫރަ ކަނޑައަޅާނެ: ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަަނޑައެޅުމުގައި ސަރުކާރަށް ފިއްތުންތަކެއް ހުރި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ދެކުނު މަހާސިންތާ 2019" ނިންމުމުގެ ގޮތުން ގއ. ވިލިނގިލީގައި ރޭ އޮތް ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ "ދިހަބާރަ ހާސް ރުފިޔާ" ލިބިގެން ނޫނީ ދިވެއްސަކަށް ވަޒީފާއަކަށް ދެވެން ނޯންނާނެ ކަމަށާ އެހެން ކަމުން އެންމެ ކުޑަ އުޖޫރަ ކަނޑަ އެޅުމަކީ ދިވެހިން ވަޒީފާތަކަށް ނެރެން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރުވެސް 40 ޕަސެންޓް ޒުވާނުން ތިބީ ވަޒީފާއެއް ނެތި ކަމަށާ އެއީ މުޖްތަމައު ބިނާ ކުުރަން އޮތް ހުރަހެއް ކަމަށެވެ. އެކަން އެހެން ދިމާވުން ހުއްޓުވުމުގައި ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ވަރަށް ގިނަ ބަޔަކު އެމަނިކުފާނު ދެކެ ރުޅިއަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެއްސަކަށް ވަޒީފާއަކަށް ދެވެން އޮތީ ދިހަބާރަ ހާސް ރުފިޔާ ލިބުނީމަ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި މިކަން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ހަގީގަތުގައި ވެސް ދެކެނީ މި ސިޔާސަތުން ވަރަށް ގިނަ މީހުން ރުޅިއަންނާނެ! ވަރަށް ގިނަ މީހުން އަޅުގަނޑު ދެކެ އަދި ރުޅި އަންނާނީ މިކަމުގައިވެސް. އެހެން ނަމަވެސް ދިވެހިރާއްޖެ ފުލްއެމްޕްލައިމެންޓަށް ދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިތަކާއި، ސިނާއަތްތައް ކުރިއަށް ގެންގޮސްގެން ވަޒީފާގެ ފުރުސަތު އިތުރުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން އިތުރު ކުންފުނިތައް އުފައްދާ ވަޒީފާ އިތުރު ކުރުމަކީ އެ މައްސަަލައަށް އޮތް ހައްލު ކަމަށް ގަބޫލު ކުރައްވައިގެން ނުވާނެ ކަމަށެވެ.

ދިވެއްސަކަށް ވަޒީފާއަކަށް ދެވެން އޮތީ ދިހަބާރަ ހާސް ރުފިޔާ ލިބުނީމަ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި މިކަން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ހަގީގަތުގައި ވެސް ދެކެނީ މި ސިޔާސަތު... ވަރަށް ގިނަ މީހުން ރުޅިއަންނާނެ! ވަރަށް ގިނަ މީހުން އަދި އަޅުގަނޑު ދެކެ ރުޅިއަންނާނީ މިކަމުގައިވެސް. އެހެން ނަމަވެސް ދިވެހިރާއްޖެ ފުލްއެމްޕްލައިމެންޓަށް ދާނެ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެ އިތުރުން ރައީސް ނަޝީދު ރޭ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަޖިލީހުގެ މެޖޯރިޓީ މެންބަރުން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރަށް އަންނަ ފިއްތުންތަކެއްވާ ކަމަށާ އެހެން ނަމަވެސް ވަޒީފާގެ ފުރުސަތު އުފެއްދުމަށް އެމްޑީޕީން އެކުލަވާލާފައިވާ ނޫ އިގްތިސާދު ތަންފީޒު ކުރައްވާނެ ކަމަށެވެ.

މި ބައްދަލްވުމުގައި ރައީސް ނަޝީދު ވަނީ ވަޒީފާގެ ބާޒާރުގައި މިހާރަށްވުރެ ބޮޑަށް އަންހެންގެ ބައިވެރިވުން ބޮޑު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރިސޯޓްތަކުގައި އަންހެނުން އަދާކުރާ ވަޒީފާގެ ނިސްބަތް އިތުރުކުރުމާ، މަހަށް ދިއުމާއި އެ ނޫންވެސް މަސައްކަތްތަކަށް އަންހެނުން ވަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަންހެނުންގެ ދައުރު މިހާރު އޮތް މިންވަރަށްވުރެ ފުޅާވެގެންދިއުމަކީ ކޮންމެހެން ބޭނުންކަމެއް. މިފަހަރު ލާމަރުކަޒީ ގާނޫނުގައި އެބަ ކޮންމެ ކައުންސިލެއްގެވެސް ތިންބައިކުޅަ އެއްބައި އަންހެނުންނަށް އެބަ ޚާއްސަ ކުރޭ. އެ ގޮޑިތަކަށް ކުރިމަތިލެވޭނީ ހަމައެކަނި އަންހެނުންނަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.