ގާނޫނުގައި ބުނާގޮތުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުން ޝަރީއަތަށް ފޮނުވާ ގާނޫނީ އަދަބު ދިނުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފުލުހުން ނިންމާ އެކަން ޔޫތު މިނިސްޓްރީއަށް އެންގުމާއި ގުޅިގެންނެވެ.
ފުލުހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި އުމަރު ވިދާޅުވީ އެމްޑީއެން ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުންނަށް ބެލެވިއްޖެނަމަ އެކަން ޔޫތު މިނިސްޓްރީއަށް އެންގުން އެއީ ފަހުގެ ކަމެއް ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުން ޝަރީއަތަށް ފޮނުވާ ގާނޫނީ އަދަބު ދިނުން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެމްޑީއެން އުވާލަން ނިންމާނީ އޭގެ ފަހުން ކަމަށެވެ.
"މީހަކު ވަޅިއެއް ހެރިކަން ފުލުހުންނަށް ބެލެވިއްޖެނަމަ ވަޅި އަތުލާފައި މީހާ ދޫކޮށެއް ނުލެވޭނެ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޕޯޓް ލިޔުމުގައި ބައިވެރިވި އެންމެންނަށް ގާނޫނުގައި ބުނާ އަދަބު ދޭން ޖެހޭ ކަމަށެވެ.
ފުލުހުން ބުނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްއަށް ހެދި އެސެސްމަންޓް އިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަ ވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ. އެހެން ނަމަވެސް ދީނަށް ފުރައްސާރަކޮށްފައިވާ ކަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނު ވުމާއެކު މި މަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ފިޔަވަޅު ނޭޅި ލަސްވަމުން ދިޔުމާ ގުޅިގެން އެ މައްސަލާގައި ރާއްޖޭގެ ގިނަ ރަށްތަކާއި މާލޭގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގިނަ ކައުންސިލްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.
އެމްޑީއެން މައްސަލާގައި ގިނަ ބަޔަކު ގޮވާލަމުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށާއި ޖަމިއްޔާގެ އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ. ފުރައްސާރަ ކުރި މައްސަލަ ޔޫތު މިނިސްޓްރީއަށް ފުލުހުން ހުށަހަޅާފައިވީ ނަމަވެސް އެ ޖަމިއްޔާގެ އިސް ފަރާތްތަކާ މެދު ފިޔަވަޅެއް ނާޅަ އެވެ.
އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފުތާގެ ނޯޓިސްއެއް ދީފަ އެވެ. އެ ދެ މީހުން ވެސް މިވަގުތު ތިބީ ރާއްޖެއިން ބޭރުގަ އެވެ.