ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ރިޓޮޑޭރޯ މިހާރު އޮތީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. އެ ސިޓީގައި އެޗްއައިވީ ފެތުރުން އިންތިހާއަށް އިތުރުވެފައިވާތީ އެވެ. އެޗްއައިވީ ޖެހޭ މިންވަރު މާ ބޮޑަށް އިތުރު ވެގެން އުޅެނީ ޑޮކްޓަރެއްގެ ފަރުވާ ކުޑަކަމުން ގިނަ ބަލި މީހުން ތަކަކަށް އެއް ސިލިންޖެއް ބޭނުން ކުރުމުގެ ސަބަބުންނެވެ.
މިހާތަނަށް އެ ސިޓީގެ 900 ކުއްޖަކު އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާއިރު ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި މިއަދަދު މިއަށް ވުރެ މާ މައްޗަށް ހިނގައިދާނެ އެވެ. ސަބަބަކީ ޝައްކު ކުރެވޭ އެންމެން އަދި ޓެސްޓް ކުރެވިފައި ނުވާތީ އެވެ.
މިހާތަނަށް 1100 އަށް ވުރެ ގިނަ މީހުން އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 900 އަކީ 12 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މިއީ ދެ ލައްކަ މީހުން ޓެސްޓް ކޮށްގެން ފެނިފައިވާ އަދަދު ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވެއެވެ.
މިހާ ބޮޑު ކަންތައްގަނޑެއް މެދުވެރިވީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުޒައްފަރް ގަންގްރޯގެ ސަބަބުންނެވެ. މި ޑޮކްޓަރު ޕާކިސްތާނުގެ 31 ރުޕީސް އަށް ބަލި މީހަކު ބަލައި ދެއެވެ. އަދި އެންމެން ގަޔަށް ވެސް އިންޖެކްޝަން ޖަހަނީ އެއް ކަށިންނެވެ. އަދި އެ ކައްޓަކީ އެޗްއައިވީ އިންފެކްޓްވެފައިވާ ކައްޓެކެވެ.
މުޒައްފަރަކީ މި ސިޓީގައި ވެސް ހުރި އެންމެ އަގު ހެޔޮކޮށް ބަލިމީހުން ބަލައިދޭ ޑޮކްޓަރަށް ވާތީ ގިނަ އަދަދެއްގެ ފަގީރުން އޭނާ ކައިރިއަށް ފަރުވާ ހޯދަން ދެއެވެ. ކޮންމެ ދުވަހަކު ވެސް ޑޮކްޓަރުގެ ކްލިނިކް އޮންނަނީ ފުރި ބާރުވެފަ އެވެ.
މިކަންތައްގަނޑު ފަޅާ އެރުމުން މުޒައްފަރު ހައްޔަރު ކުރި އެވެ. އަދި ފަރުވާ ކުޑަކުރުމާއި ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމުގެ ދައުވާ އޭނާއަށް ވަނީ އުފުލާފަ އެވެ.
މުޒައްފަރު ބުނަނީ އޭނާ ކުށެއް ނުކުރާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އޭނާ އިންކާރު ކުރެ އެވެ. މިއަދާ ހަމައަށް ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ. މިހާރުވެސް އޭނާ ދަނީ ޕަބްލިކް ހޮސްޕިޓަލެއްގައި ޖީޕީއެއްގެ ވަޒީފާ އަދާ ކުރަމުން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
އިމްތިޔާޒު ޖަލްބާނީ ކިޔާ މީހަކު ވަނީ މުޒައްފަރުގެ ކްލިނިކުން އޭނާގެ ހަ ދަރިއަކަށް ފަރުވާ ހޯދާފަ އެވެ. އިމްތިޔާޒު ބުނި ގޮތުގައި ޑޮކްޓަރު އެއްދުވަހަކު ކުނި ވަށިގަނޑުން ބޭނުންކޮށްފައި އޮތް އިންޖެކްޝަން ކައްޓެއް ނަގައިގެން އޭނާގެ ހަ އަހަރުގެ ދަރިފުޅުގެ ގަޔަށް އިންޖެކްޝަން ޖެހިތަން އޭނާއަށް ވަނީ ފެނިފަ އެވެ. ފަހުން މި ކުޑަކުއްޖާ ވެސް ވަނީ އެޗްއައިވީ އަށް ޕޮޒިޓިވް ވެފަ އެވެ.
މި ސިޓީގެ 900 ކުދިންނަށް އެޗްއައިވީ ޖެހުމުގައި އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންގެ ހޭލުންތެރިކަން ކުޑަކަމާއި ފަގީރުކަން ވަރަށް ބޮޑު ރޯލެއް ކުޅެފައި ވެއެވެ.