ހަބަރު

ޖޭއެސްސީއަށް ހުރަސް އަޅާ ކަމަށް ބުނެ ކޮމިޓީގެ ބައްދަލުވަނީ

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުރަސް އަޅަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރެއަށް އެޖެންޑާކޮށްފި އެވެ.

އެ ބައްދަލުވުން އެޖެންޑާ ކޮށްފައިވަނީ ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރެއަށް ތާވަލުކުރުމާ ގުޅިގެންނެވެ. ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ 9:00 ގައި އޮންނައިރު އެ ބައްދަލުވުމަކީ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އުއްތަމަ ފަނޑިޔާރު ބައިވެރިވެގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސް އެޅުމަށް މަަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކޮމިޓީ ބައްދަލުވުން ބާއްވަން ނިންމާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިރޭ ޖުޑިޝަލް ކައުންސިލުން ބާތިލް ކުރުމަށް މަޝްވަރާ ކުރާ އިސްލާހުތަކުގެ ތެރޭގައި އެ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެންދިޔުމާއި ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ހިމެނެ އެވެ.

މީގެކުރިން ޑީޖޭއޭ އޮތީ ސުޕްރީމް ކޯޓުން އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން އެ ކޯޓުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީ ވުޖޫދުވެގެން އައިއިރު ވެސް ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ކައުންސިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސްޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި އުތުރާއި ދެކުނުން މެޖިސްޓްރޭޓަރަކު އިންނަވަ އެވެ.