އިދިކޮޅު ފަރާތްތައް

ބައްދަލުވުން ބާއްވަނީ ގަވާއިދާ ޚިލާފަށް: އިދިކޮޅު

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުރަސް އަޅަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އުއްތަމަ ފަނޑިޔާރު ބައިވެރިވެގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސް އެޅުމަށް މަަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކޮމިޓީ ބައްދަލުވުން ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ މަޖިލީސް ހުޅުވައިގެން އަމިއްލަ ޕާޓީ މީހުން އެކަނި ތިބެގެން ޖުޑިޝަރީ ކޮމެޓީ ބާއްވަނީ ކޮން ނުފޫޒެއް ފޯރުވަންތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުއްލިއަކަށް ފަޔަށް ހިނިއަރައިގެން ހުކުރު ދުވަހުުގެ ރޭގަނޑު މަޖިލީސް ހުޅުވައިގެން ޕާޓީ މީހުން އެކަނި ތިބެގެން ޖުޑިޝަރީ ކޮމެޓީ ބާއްވަނީ ކޮން ނުފޫޒެއް ފޮރުވަންތޯ؟ ހެނދުނު ޖޭއެސްސީގައި އިދެފައި ރޭގަނޑު ޖުޑިޝަރީ ކޮމެޓީގައި. މިއީ ކޮން ދިމިގުރާތެއް ތޯ." ޝިޔާމް ވިދާޅުވިއެވެ.

ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ، ޖުޑިޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް މިރޭ ވަނީ ނިންމާފައެވެ. މި ދެ ބައްދަލްވުންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.