އަހުމަދު ޝިޔާމް

މަޖިލީޙުން އުޅެނީ ޝަރީއަތަށް ނުފޫޒު ފޯރުވަން: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ހަފުތާގައި ޝަރުއީ ކޯޓުތަކުގައި ތާވަލު ކޮށްފައިވާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ރޭ ނުރުހުން ފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ކުއްލި ގޮތަކަށް ބައްދަލުވުމެއް ބޭއްވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދައުރަށް ހުރަސް އަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ މަޝްވަރާ ކުރުމަށް ކަމަށް ބުނެ އެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކުއްލި ގޮތަކަށް ނުރަސްމީ ދުވަހެއްގެ ރޭގަނޑު މަޖިލީހުގެ ކޮމިޓީން ބައްދަލުވުމެއް ބާއްވަން ރޭވީ ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. "ހޮޅުއަށީގައި" ދައްކާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބޭއްވީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ކުއްލި ގޮތަކަށް ބައްދަލުވުމެއް ބޭއްވީ ވެސް ކުރިއަށް އޮތް
ހަފުތާގައި ކޯޓުތަކުގައި ބާއްވަން ހަމަޖެހިފައިވާ ޝަރީއަތްތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. ޝިޔާމް އިޝަރާތް ކުރެއްވީ ޝަރީއަތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވުމަށް އަންނަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހަށެވެ.

އޭގެ އިތުރަށް ވިދާޅުވީ ކޯޓުތަކުން އަމަލު ކުރާ ގޮތަށް ވުރެ ޖޭއެސްސީ މިހާރު ހިނގަމުންދާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުން މާ ބޮޑަށް އެބަ އޮތް ކަމަށެވެ. ޖޭއެސްސީން ކޯޓުތަކުގެ ހުކުމްތަކާއި ނިންމުންތައް ރިވިއު ކުރަމުންދާ ކަމަށާއި އެއީ އެ ކޮމިޝަންގެ އިހްތިސާސްގައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ތެރޭގައި މިހާރު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސިޔާސީ ނުފޫޒެވެ. އެމްޑީޕީގެ "ގޮތްޕެއްގެ" ގޮތުގައި ޝިޔާމް އެ ކޮމިޝަން ސިފަ ކުރެއްވި އެވެ.

"ދިވެހި ރައްޔިތުން މިހާރު ކަންބޮޑުވޭ ޖޭއެސްސީ ފަންކްޝަންވާ ގޮތަށް. ޖޭއެސްސީގެ މެންބަރު ޖުޑިޝަރީ ކޮމިޓީގައި ވެސް އެބަ އިންނަވާ. މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާއި ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި މި ޖަލްސާ ކުރިއަށް މި ދަނީ. މި ޖަލްސާއަކީ ވެސް ސީދާ މި އަންނަ ހަފުތާ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން." ޝިޔާމް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ އަންނަ ހަފުތާ ޝެޑިއުލް ކުރެވިފައިވާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން. އަޅުގަނޑު ފާހަގަ ކުރާނީ މިއީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ކޮމިޓީއެއްގެ ގޮތުގައި
އަހްމަދު ޝިޔާމް | ޕީޕީއެމްގެ ނައިބު ރައީސް

ޝިޔާމް އެ ކޮމިޓީގައި އަލަށް އިންނެވުމުން ކޮމިޓީގެ ގަވާއިދު ސާފު ނުވީ ކަމަށް ވިދާޅުވެ އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން އޭނާގެ ވާހަކަތަކަށް ރައްދު ދޭން ފެށުމުން ޝިޔާމް ވެސް ވަނީ އެ ވާހަކަތައް ކުރިއަށް ދަނިކޮށް އަޑުގަދަ ކުރައްވައި ރައްދު ދެއްވައިފަ އެވެ. ޝިޔާމް އެ ކޮމިޓީއަށް ވަޑައިގަތީ އެ ކޮމިޓީގައި ކުރިން އިންނެވި ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާގެ ބަދަލުގައި އޭނާ އިންނެވުމަށް ޕީޕީއެމް އިން އެދުމުންނެވެ.

"އަޅުގަނޑަކީ މަޖިލީހުގެ މެންބަރެއް. ފަސްހާސް ރައްޔިތުން ތަމްސީލު ކުރާ މެންބަރެއް. މަޖިލީހުގެ ހުރިހާ ކޮމިޓީއެއް ހިންގާ އުސޫލާއި އިޖުރާއަތްތައް އަޅުގަނޑަށް ވެސް އެނގޭ. އަޅުގަނޑު މި ދަންނަވަނީ ކޮމިޓީ މިހާރު ހިނގަނީ އިޖުރާއަތްތަކާ ހިލާފަށް. ސިޔާސީ މަގްސަދެއް ހާސިލު ކުރަން ބޭނުންވަންޏާ ކޮމިޓީ ކުރިއަށް ގެންދަވާ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ކޮމިޓީގެ މުގައްރިރު، އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމިޓީ ކުރިއަށް ގެންދަނީ ގަވާއިދާ އެއް ގޮތަށް ކަމަށެވެ. އަދި އެ ކޮމިޓީން ނިންމުންތައް ނިންމާނީ ގާނޫނުގައި އެ ކޮމިޓީއަށް ދީފައިވާ އިހްތިސާސްގެގެ ތެރެއިން ކަމަށާއި އެ އިހްތިސާސްގެ ބޭރުން އެ ކޮމިޓީން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގެ ވާހަކައަށް ފަހު ވެސް ޝިޔާމް އަޑުގަދަ ކުރައްވައި ވާހަކަ ދެއްކެވި އެވެ. ކޮމިޓީގެ ނިންމުންތައް ފާސް ކުރަމުން ދިޔައިރު ވެސް އޭނާ ގެންދެވީ ޖުޑިޝަރީ ކޮމިޓީން އުޅެނީ އަންނަ ހަފުތާގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި "މި ކޮމިޓީއަކީ ކޯޓުތަކަށް ނުފޫޒު ފޯރުވަން އުފެއްދި ކޮމިޓީއެއް" ކަމަށް ވެސް ވިދާޅުވި އެވެ.

"މި ކޮމިޓީ އަޅުގަނޑު ފާހަގަ ކުރާނީ ރާއްޖޭގެ ޝަރުއީ ނިޒާމަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކޮމިޓީއެއްގެ ގޮތުގައި. އަތް އެކަންޏެއް ނޫން، ހަތަރެސް ފައި ޖުޑިޝަރީއަށް ބާނައިފި، ޖޭއެސްސީން ބާނައި، މަޖިލީހުން ބާނައި، ޖުޑިޝަރީ ކޮމިޓީން ބާނައި، މަޖިލީހުގެ ރައީސް ދެ ތަނުގައި ވެސް އެ ކަން ކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.