ވިޔަފާރި

ޖޭ ޑަބްލިއު މެރިއޮޓްގެ "ވަގަރު" ހުޅުވައިފި

ވައިސް ރޯއީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި، ށ. ވަގަރު "ޖޭ ޑަބްލިއު މެރިއޮޓް" އަށް ރީ ބްރޭންޑް ކޮށް ރަސްމީކޮށް ހުޅުވައިފި އެވެ.

ޕްރައިވެޓް ޕޫލާއެކު 60 ވޯޓާ އަދި ބީޗު ވިލާގެ މި ރިސޯޓު ހިންގަނީ ދުނިޔޭގެ އެންމެ ބިޔަ ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ މަރުކާ ކަމަށްވާ "ޖޭ ޑަބްލިއު މެރިއޮޓް" ގެ ނަމުގަ އެވެ.

އަލަށް ހުޅުވި އިރު ދުނިޔޭގެ ނަން މަޝްހޫރު ފަސް ރެސްޓޯރެންޓާއި އަގު ބޮޑު ވައިން ސެލާއެއް އަދި މުއްސަނދި މެރިން ލައިފްއެއްގެ އިތުރުން ކިޑްސް ކްލަބް ފަދަ ގިނަ ހިދުމަތްތައް ވަނީ ހިމަނައިފަ އެވެ.

މި ރިސޯޓު ތަރައްގީ ކޮށްފައިވާ ސަރަހައްދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 55 މިނެޓުން ސީޕްލޭންގައި ދެވޭނެ އެވެ. ފަސް ދޮޅަސް ގައުމުގައި 422 ހޮޓާ ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް ކުންފުނި 2016 ވަނަ އަހަރު އެއްކޮށްލުމުގެ ކުރިން ސްޓާވުޑް ކުންފުނިން ރާއްޖޭގައި ތިން ރިސޯޓު ހިންގި އެވެ.