އާމިރު ޚާން

"ލާލް ސިންގް ޗައްޑާ"ގައި އާމިރު، ޝަހްރުކް އަދި ސަލްމާން

އާމިރު ޚާން އަލަށް ފެށި ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މުހިއްމު ރޯލެއް ޝާހްރުކް ޚާން ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ ޝާހްރުކް އާއި އާމިރު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ހޮލީވުޑް މަޝްހޫރު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ކުޅޭ މި ފިލްމުގައި ޝާހްރުކް ކުޅެނީ މެހެމާނެއްގެ ރޯލެއް ނޫނެވެ. އެ ކެރެކްޓާއަކާ ނުލާ ފިލްމު ފުރިހަމަ ނުވާ ވަރުގެ މުހިއްމު ކެރެކްޓާއެއް މި ފިލްމުގައި ޝާޙްރުކް ކުޅެން ވަނީ ހަމަޖެހިފަ އެވެ.

ފިލްމާ ގުޅޭ މައުލޫމަތު އިންޑިއާގެ ނޫހަކަށް ދިން މީހަކު ބުނި ގޮތުގައި ފިލްމުގެ މުހިއްމު ރޯލެއް ޝާހްރުކް އަށް ޓަކައި އާމިރު ވަނީ ބާއްވާފަ އެވެ. އަދި މި ފިލްމުގައި ތިން ވަނަ އެކްޓަރަކަށް ވެސް މުހިއްމު ރޯލެއް ވެ އެވެ. މި ރޯލު ދޭން އާމިރު ވިސްނާފައި ވަނީ ސަލްމާން ޚާނަށެވެ. ނަމަވެސް އަދި ސަލްމާން މި ރޯލު ރަސްމީކޮށް ގަބޫލުކޮށްފައެއް ނުވެ އެވެ.

އާމިރު ބޭނުންވަނީ މި ފިލްމަކީ ތިން ޚާނުން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށް ހަދާށެވެ. ޝާހްރުކް މި ފިލްމު ކުޅެދޭން މިހާރު ވަނީ އެއްބަސް ވެފަ އެވެ.

"ފޮރެސްޓް ގަމްޕް"ގެ ތަރިންނަކީ ޓޮމް ހޭންކްސް އާއި ރޮބިން ރައިޓް އެވެ. މި ފިލްމު 1994 ގައި ރިލީޒް ކޮށްފައިވާއިރު ފިލްމަށް އެކި ކެޓަގަރީތަކުން ގިނަ އަދަދެއްގެ އޮސްކާ އެވޯޑް ވެސް ލިބިފައި ވެއެވެ.

ފިލްމުގައި އާމިރު ކުޅެނީ ހޮލީވުޑް ފިލްމުގައި ހޭންކްސް ކުޅުނު ކެރެކްޓާ އެވެ. މިއީ ފިލްމުގައި ގިނަ ބަޔަކަށް އެންމެ ގަޔާވި ކެރެކްޓާވެސް މެއެވެ.

"ލާލް ސިންގް ޗައްޑާ" ގެ ބަތަލާ އަކަށް އާމިރު ޚިޔާރު ކޮށްފައިވަނީ ކަރީނާ ކަޕޫރެވެ. މިއީ "ތަލާޝް" އާއި "ތުރީ އިޑީއަޓްސް" އަށް ފަހު އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

އާމިރު އާއި ކަރީނާ ކުޅޭ ކެރެކްޓާތަކުގައި 30 ހަކަށް އަހަރު ދުވަހު ހިނގާ ކަންތައްތައް ހިމެނޭތީ ފިލްމަށްޓަކައި ތަފާތު ތިން ސިފައެއް މި މީހުންގެ ސޫރަޔަށް ގެންނަން ޖެހޭނެ އެވެ. މި ފިލްމުގެ ކެރެކްޓާގެ އެންމެ ޒުވާން ދުވަސްވަރުގެ ބައި ކުޅުމަށްޓަކައި އާމިރު މިހާރު ވަނީ 20 ކިލޯގެ ބަރުދަން ލުއިކޮށްފަ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ "ސީކްރެޓް ސުޕަސްޓާ"ގެ ޑައިރެކްޓަރު އަދަވައިތު ޗަންދަން އެވެ. އަތުލް ކުލްކަރްނީ ލިޔެފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިމޭ ހިސާބުގަ އެވެ.