ބޮލީވުޑް

ތިން ޚާނުންގެ ފިލްމެއްގެ އުންމީދެއް ނެތް!

ބޮލީވުޑްގެ ނަން މަޝްހޫރު ތިން ޚާނުންނަކީ ފިލްމު އިންޑަސްޓްރީގެ މައިބަދަ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ތިން ސުޕަސްޓާރުން، ސަލްމާން ޚާނާއި އާމިރު ޚާން އަދި ޝާހްރުކް ޚާންގެ ކާމިޔާބާއި މަގްބޫލުކަން އެހާވެސް ބޮޑެވެ. އެހެން އެއްވެސް އެކްޓަރަކަށް މި ތަރިންނަކީ ގާތަށް ވެސް ނާދެވެ އެވެ. މި ތިން ތަރިން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ 30 ވަރަކަށް އަހަރު ވެފައިވާއިރު އެއް ފިލްމަކުން އެކުގައި ފެނިފައެއް ނެތެވެ. ނަމަވެސް މިއީ ތިން ޚާނުންގެ ފޭނުން ވަރަށް ބޮޑަށް އެދެމުންދާ ކަމަކަށް ވާއިރު ވެސް މެއެވެ.

ސަލްމާން އާއި ޝާހްރުކް "ކުޗް ކުޗް ހޯތާހޭ"، "ކަރަން އަރްޖުން" އަދި "ހަމް ތުމްހާރޭ ހޭ ސަނަމް" ގައި އެކުގައި މަސައްކަތް ކުރި އެވެ. އަދި ސަލްމާނާއި އާމިރު "އަންދާޒް އަޕްނާ އަޕްނާ" ގައި މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ތިން ތަރިން އެކުގައި އެއްވެސް ފިލްމެއް ކުޅެފައެއް ނެތެވެ.

މިކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ސަލްމާނާ ސުވާލު ކުރުމުން އޭނާ ދިނީ ވަރަށް ގަބޫލު ކުރެވޭ ކަހަލަ ޖަވާބެކެވެ. ސަލްމާން ބުނީ އެ ތިން މީހުން އެކުގައި ފިލްމެއް ކުޅޭނަމަ ފިލްމުގެ ބަޖެޓު އާދަޔާޚިލާފަށް ބޮޑުވާނެ އެވެ. އަދި ފިލްމު އަޅުވަން 20000 ސިނަމާ ބޭނުން ވާނެ އެވެ. މިހާރު ގިނަވެގެން ލިބޭނީ 5000-6000 ސިނަމާ ކަމަށާއި އިތުރު ސިނަމާތައް އަޅައިގެން ނޫނީ އެހާ ބޮޑު ފިލްމެއް ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. އެފަދަ ދުވަހެއް ފެނިއްޖެނަމަ އެމީހުންނަށް އެކުގައި ފިލްމެއް ކުޅެވިދާނެ ކަމަށް ވެސް ސަލްމާން ބުންޏެވެ.

އެމީހުންނަށް ލިބުނު ފަދަ ސްޓާޑަމް އެއް މިހާރު އެކްޓަރުންނަށް ނުލިބޭ ސަބަބާ ބެހޭ ގޮތުން ވެސް ސަލްމާން ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ކިތަންމެ ބައިވަރު ފިލްމުތަކެއް ކާމިޔާބު ވިޔަސް މިހާރުގެ އެކްޓަރުންނަށް އެހާ ބޮޑު މަޝްހޫރުކަމެއް ނުލިބެނީ ސޯޝަލް މީޑިއާގެ ސަބަބުންނެވެ. މިހާރު ތަރިން ހުރިހާ ކަމެއް ވަގުތުން ވަގުތަށް އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ އެމީހުންގެ ވާހަކަތައް އަބަދު އަބަދު އިވި ފެންނަމުންދާތީ އެމީހުންނަށް އެކަށީގެންވާ މަގާމް ހޯދަން ދަތިވަނީ ކަމަށް ސަލްމާން ބުންޏެވެ.