ލައިފްސްޓައިލް

މިރުހަކީ ސަރުބީ ވިރުވަން ބަރާބަރު އެއްޗެއް!

މިރުހުގައި ސަރުބީ ވިރުވާލަން އެންމެ ބަރާބަރު މާއްދާތަކެއް އެކުލެވިގެންވެއެވެ. އެކަމަކު މިއީ ހިކެން ބޭނުންވާ މީހުންނަށް ޖާދޫއެއް ފަދަ ކާނާއަކަށް ވަނީކީއެއް ނޫނެވެ. މިރުހުގައި ހުންނަ ކެޕްސައިސިން ކިޔާ މާއްދާއެއްގެ ސަބަބުން މިރުސް ކާ މީހުންގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ސަރުބީ ވިރޭ ގޮތް ވަނީ އެވެ.

އިންޑިއާގެ ސައިންސްވެރިން މިހާޜު ވަނީ މިރުސް ބޭނުން ކޮށްގެން މިހާރު ވިރޭ ވަރަށް ވުރެ ގިނައިން ސަރުބީ ވިރުވާނެ ގޮތްތަކެއް ހޯދާފަ އެވެ. ކެޕްސައިސިން އަކީ މިރުހުގައި ކުޅިރަހަ ލައްވާ އެކްޓިވް ކޮމްޕޮނަންޓެވެ.

މިރުހުން ބަރުދަން ލުއި ކުރެވޭ ކަމުގެ މާ ގިނަ ހޯދުންތަކެއް މިހާތަނަށް ސައިންސްވެރިން ހޯދާފައެއް ނެތެވެ. ބަރުދަން ލުއި ވިޔަސް ގިނަ އަދަދެއްގެ މިރުސް ކައިގެން ނޫނީ މީގެން އަސަރެއް ނުކުރާނެތީ މިއީ މާ އެކަށީގެންވާ ކަމެއް ކަމަކަށް ވެސް ގިނަ ސައިންސްވެރިން ގަބޫލެއް ނުކުރެ އެވެ.

މިރުސް ކައިގެން ބަރުދަން ލުއި ކުރުމުގައި މީހާގެ އުމުރާއި ނަސްލު ވެސް ދައުރެއް ކުޅޭ ކަމަށް ބައެއް ރިޕޯޓްތަކުގައި ވެއެވެ. އެގޮތުން 2014 ގައި ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުގައި ކެޕްސައިސިންގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަރުދަން ލުއި ކުރެވިދާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް މި ހޯދުމުގައި މަސައްކަތްކުރި ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ކާން ފެށުމުގެ ކުރިން މިރުސް ކައިފިނަމަ ކާހިތް ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކެޔަސް މާގިނައިން ނުކެވުމަކީ ވެސް ވެދާނެ ގޮތެކެވެ. މީހުންގެ ބަރުދަން ލުއިވަނީ މި ސަބަބާ ހެދި ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.

މިރުސް ކެއުމުން ކުޅީގެ އިހްސާސް ވުމުން ހަށިގަނޑުގެ ދިފާއުގައި ބައެއް ހޯމޯންތައް އުފެދި ސިކުނޑިން ހަށީގަނޑަށް "ކެއުން ހުއްޓާލާށޭ" ސިގްނަލް ފޮނުވަނީ ކަމަށާއި ބަނޑު ނުފުރެނީސް ކެއުން ހުއްޓާލަން ޖެހޭތީ ބަރުދަން ލުއި ވަނީ ކަމަށް ވެސް މިކަމާ ބެހޭ ގޮތުން ހޯދުންތައް ހޯދާ ބައެއް މާހިރުން ބުނެ އެވެ.

ތަފާތު ގޮތް ގޮތަށް މި ބަހުސްތައް ކުރެވުނު ނަމަވެސް މިރުހުން ބަރުދަން ލުއި ވާނަމަ އެ ވަނީ ކިހިނެއްކަން ސައިންސްވެރިންނަށް ވެސް އަދި ޔަގީނެއް ނުވެ އެވެ. ނަމަވެސް މިއީ ހަގީގަތަކަށް ވެއްޖެނަމަ ފަލަބަލީގެ އުނދަގޫ ތަހައްމަލު ކުރާ މީހުންނަށް އުންމީދީ ބޭހެއް އުފެއްދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.