ބޮލީވުޑް

"ރާދޭ"ގެ ނުބައި ބަޔަށް ރަންދިޕް ހޫޑާ

އަންނަ ކުޑަ އީދުގައި ރިލީޒް ކުރަން ސަލްމާން ޚާން އުފައްދާ "ރާދޭ" ގައި ނުބައިބައި ކުޅޭ އެކްޓްރަކަށް ރަންދީޕް ހޫޑާ ހަމަޖައްސައިފި އެވެ. ރަންދީޕް ވަނީ މީގެ ކުރިން ވެސް ސަލްމާނާއެކު މަސައްކަތް ކޮށްފަ އެވެ. ސަލްމާންގެ "ސުލްތާން" ގައި އޭނާގެ ކޯޗެއްގެ ބައި ކުޅެފައިވަނީ ރަންދީޕް އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ރަންދީޕް ފަށާނެ އެވެ.

ޓްރޭޑް އެނަލިސްޓް އަތުލް މޯހަން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި "ރާދޭ" ގެ ޝޫޓިން ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ސަލްމާން ފަށާނެ އެވެ. އަދި މަސް ދުވަހަށް ދެމިގެންދާ މި ޝެޑިއުލްގެ ޝޫޓިން އޮންނާނީ މުމްބައިގެ މެހެބޫބް ސްޓޫޑިއޯގައި ކަމަށް ވެސް ބިޒިނަސް އެނަލިސްޓް ބުނެފައި ވެއެވެ.

މި ޝެޑިއުލް ފުރިހަމަ ކުރުމަށްފަހު ސަލްމާން ދެން ކުރާނީ އޭނާގެ މިހާރު ނިމި ރިލީޒްވާން ތައްޔާރުވެފައިވާ "ދަބަންގް 3"ގެ ޕްރޮމޯޝަން މަސައްކަތެވެ. އެއަށްފަހު "ރާދޭ"ގެ ލަވަތައް ޝޫޓް ކުރަން އިންޑިއާއިން ބޭރު ގައުމަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓް ކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ސަލްމާނާއި ކޮއްކޮ ސުހައިލް އަދި ޅިޔަނު އަތުލް އަގްނިހޯތުރީގެ ފިލްމު ކުންފުނިތަކުންނެވެ.