ހަބަރު

އިއާދަކުރަނިވި ހަކަތައަށް ފެށި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުފެނޭ

އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ރައްޔިތުންނަށް ބާރުއެޅުމަށް ސަރުކާރުގެ ސިޔާސަތުތައްު ބައްޓަންކޮށް، އެކަމަށް ތައާރަފުކުރި އިނާޔަތްތަކުން އެދެވޭ ނަތީޖާއެއް ހާސލުވަމުންނުދާކަން ޕަފޯމަންސް އޮޑިޓުން ފާހަގަކޮށްފި އެވެ.

މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް 2014 އިން ފެށިގެން 2016 އަށް ކޮށްފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ޕަފޯމަންސް ބެލުމަށްޓަކައި އޮޑިޓް އޮފީހުން ވަނީ ސްޓެލްކޯގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީން އަދާކުރަމުންދާ ދައުރުގެ މައްޗަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރެވޭވަރު އިތުރުވަމުންދާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ
އިތުރުކޮށް، ކަރަންޓު ކެނޑޭ ހާލަތްތައް މަދުކުރުމަށް ސަރުކާރުންނާއި ސްޓެލްކޯއިން މަސައްކަތްުކުރަމުންދާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިޔާދަކުރަނިވި ހަކަތައަށް ދިން އިނާޔަތްތަކުން ނަތީޖާއެއް ނުފެނޭ

އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ރައްޔިތުންނަށް ބާރުއެޅުމުގެ ގޮތުން އެކިއެކި އިނާޔަތްތައް ތައާރަފްކޮށް، އެކަމަށް ބޭނުންވާ
ފައިސާ (ގްރީން ފަންޑިންގް) ފަސޭހައިން ލިބޭނެ މަގުފަހި ކޮށްދިނުމަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދިނުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަން ފަށާފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، 2008 ވަނަ އަހަރު ތައާރަފްކުރި ސްކީމްގައި މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް އެ ލޯނުގެ ބޭނުންކޮށްފައިވަނީ އެންމެ ހަތް ފަރާތަކުން ކަމަށް ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރައްޔިތުންނަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ހާސިލުވަމުން ނުދާ ކަމަށެވެ. އެހެންކަމުން އެފަދަ ސްކީމުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި
އިއާދަކުރަނިވި ހަކަތައަށް ހުރި ފުރުސަތުތަކާއި އޭގެ ފައިދާއާ ބެހޭ ގޮތުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

އެއް ތަނެއްގައި ތެޔޮ ރައްކާކުރުމުގެ ނުރައްކާ

ހަކަތައިގެ ރައްކާތެރިކަން ޔަގީންކުރުމަށް 2018 ވަނަ އަހަރު އިތުރު ތެޔޮ ޓޭންކްތައް ކ. ފުނަދޫގައި ގާއިމްކުރެވި، ތެޔޮ
ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް، ހަމައެކަނި އެންމެ ރަށެއްގައި އެފަދަ ނިޒާމެއް ގާއިމުކުރުމުގެ ނުރައްކާ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، ތެޔޮ ރައްކާކުރާނެ ބަންކަރުތަކެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހެދުމުގެ ބަދަލުގައި ހަމައެކަނި އެއްުތަނެއްގައި ތެޔޮ ރައްކާކުރެވިފައި ހުރުމުން ދިމާވެދާނެ ނުރައްކާތައް ނައްތާލެވިފައި ނުވާކަން އޮޑިޓްގައި ބުންޏެވެ.

ސްޓެލްކޯގެ މާލީ ހާލަތު ރަނގަޅު ކުރަންޖެހޭ

ސްޓެލްކޯގެ މާލީ ހާލަތު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުންދާކަމަށް ކުންފުނީގެ މާލީ ރޭޝިއޯތަކުން ދެއްކި ނަމަވެސް،
ކުންފުނީގެ ދަރަނިއެކަށީގެންވާ ގޮތެއްގައި މެނޭޖުުކުރެވިފައިނުވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެކަމުގެ ސަބަބުން ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އަސަރުކޮށްފައިވާ ކަމަށް އިތުރަށް ބުނެފައިވެ އެވެ.

އެހެންކަމުން، ސްޓެލްކޯއަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ މާލީ ފުދުންތެރިކަމާއެކު ހިންގާ ކުންފުންޏަކަށް ހެދުމަށްޓަކައި، ކޮސްޓް ރިފްލެކްޓިވް ޓެރިފް އެއް ނެގުން މުހިންމުކަމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.