ގާނޫނާ ޚިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެކަން ފުލުހުން އަނެއްކާވެސް ހަނދާންކޮށްދީފި އެވެ.
ފުލުހުން މީގެ ކުރިންވެސް ވަނީ ގާނޫނާ ޚިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުކޮށްފައެވެ. ފުލުހުން އަލުން އެކަން ހަނދާންކޮށްދީފައި މިވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމް އޮފީސް ކުރިމަތީ އެއްވުމެއް ބާއްވާނެކަން އިދިކޮޅު ކޯލިޝަނުން އިއުލާނުކޮށްފައިވާތީ އެވެ.
ފުލުހުން މިއަދު ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"ވީމާ އެއްވުންތައް ކުރިއަށް ގެންދިއުމުގައި ގާނޫނީ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރަން." ފުލުހުން މިއަދު ބުނެފައިވެއެވެ.
މިމަހުގެ 26ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަ" ަށް ނެގެސްފައިވާ އިސްލާހުތަކުގެ ދަށުން އެއްވެ އުޅުމާ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާ، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާ، އުޅަނދު ފަހަރުގައި އަޑުގަދަ ކުރާ ބޭނުން ކޮށްގެން ހިނގާލުމަކީ ގާނޫނުން މަނާ ކަންކަން ކަމަށެވެ.
އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަމުންދާ ކަމަށެވެ.
ގާނޫނީ އިމުގެ ތެރެއިން ބާއްވަމުންދާ އެއްވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ، އެއްވުން ކުރިއަށްދާ ސަރަހައްދުގެ ތަކުގެ މަގުތަކުގެ ސަލާމަތީ ރައްކާތެރިކަން ބަލަހައްޓައިދީ ދޭންޖެހޭ އެހީތެރިކަން ދޭން ފުލުހުން އިސްކަންދޭ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް ފަރާތަކުން އެއްވުމެއް ކުރިއަށް ނުގެންދަން އެދޭ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި އިލްތިމާސް ކުރި އިރު ގާނޫނާ ޚިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުވެސް އަޅާނެ ކަމަށް އެ ބަޔާނުގައި އިންޒާރުކޮށްފައި ވެއެވެ.
ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާއި ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމި އެއްވުމަށް ކާނިވާ ސަރަހައްދު ދޫނުކުރި ނަމަވެސް އެ އެއްވުން ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.