ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގެ ސައިފު ސްޕޯޓްސް ކުލަބާ ރާއްޖޭގެ މުހައްމަދު ނިޒާމް ހަވާލުވާ ވާހަކަ އިއުލާން ވެގެން ދިޔަ ހިސާބުން އެއީ ދިވެހި ކުޅިވަރުގައި މިވަގުތު އޮތް އެންމެ އުފާވެރި ޚަބަރެވެ. ނިޒާމް ރާއްޖެ ދޫކޮށް ބަނގުލަދޭޝްއަށް ދާތީ އެކަމުގެ މުނާސަބުގައި ކުޅުނު ނިޒާމްގެ ފެއާވެލު މެޗުން ވެސް އެކަން ފެނިގެން ދިޔަ އެވެ. ނިޒާމްގެ އާއިލާއިން އިންތިޒާމު ކުރި މެޗުގައި ނިޒާމް ކުޅުނު ދުވަސްވަރު އޭނާއާއެކު ކުޅުނު ކުޅުންތެރިންނާއި، ކޯޗުންނާއި ފުޓްބޯޅައިގެ އެކި ފަރާތްތަކުން ބައިވެރިވި އެވެ. މިހާރު ކުޅުން ހުއްޓާލާފައިވީ ނަމަވެސް އެފަރާތްކުން ދަނޑަށް އައީ ރާއްޖޭގެ ފުޓްބޯޅައަށް މި ލިބުނު އުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ.
އެއިން ކޮންމެ މީހަ ވެސް ވަކިވެގެން ދިޔައީ ދިވެހި ފުޓްބޯޅައަށް ނިޒާމް ކޮށްދިން މަސައްކަތް އަގުވަޒަން ކުރަމުންނެވެ. ހާއްސަކޮށް މިދިޔަ ހަތަރު އަހަރު ޓީސީ ސްޕޯޓްސް ކުލަބުގައި ނިޒާމް ކުރި މަސައްކަތަށް އެންމެން ވެސް އޮއްސީ ތައުރީފެވެ.
އެންމެ ހާއްސަ ވަކިވުމަކީ ނިޒާމްގެ ކުރީގެ ކޯޗް ހީނާ އަހްމަދު ސަލީމުގެ ވަކިވުމެވެ. އެއީ ވަރަށް ހާއްސަ ހިނދުކޮޅެކެވެ. އަތާއި އަތް ގުޅުވާލައި ބޮޑުހީނާ ނިޒާމާ ވަކިވެ ދަނޑުން ނުކުމެގެން ދިޔައީ އޭނާ އިސްވެ އުފެއްދި ކުރީގެ ޔޫތު ސްޕޯޓްސް ކުލަބުން ފުޓްބޯޅައިގެ ތެރެއަށް އޭނާ ނެރެދިން ދަރިވަރު ހޯދި ފުރުސަތަށް ހިތުގެ އަޑިން ޝުކުރުކޮށް ފަހްރުވެރި ވަމުންނެވެ. މިކަމުގައި ބޮޑުހީނާ ފާހަގަ ކުރީ ނިޒާމް ކުރި މަސައްކަތެވެ.
"ނިޒާމްގެ މަސައްކަތުން އެހާ ހިސާބަށް ދިޔައީ، މިއީ ނިޒާމަށް އެކަނި ލިބުނު ފުރުސަތެއް ނޫން، މިއީ ދިވެހި ފުޓްބޯޅައަށް ހުޅުވިގެން ދިޔަ ފުރުސަތެއް،" ސްޕޯޓްސް ކޮމިޝަނާ ކަމުގައި ހުންނެވި ހީނާ ވިދާޅުވި އެވެ. "މި ރީޖަންގައި ވަރަށް މަދުން ކަންނޭގެ ދިވެހި ކޯޗަކު ފެންނާނީ، މިއީ ރާއްޖެއަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް، ރާއްޖޭގައި ރަނގަޅު ކޯޗުން އުފެދޭ ކަމުގެ ހެއްކެއް، މި ފުރުސަތާއެކު ކުރިއަށް އޮތްތާންގައި މި ސަރަހައްދު [ދެކުނު އޭޝިއާއިން] ވެސް ބޭރުން ފުރުސަތު ލިބިއްޖެއްޔާ އަދި މާ ރަނގަޅު."
މިއަދުގެ މެޗުގައި އެންމެ ހާއްސަ ޝަރަފުވެރިއަކީ ނިޒާމްގެ މަންމަ ހަދީޖާ ނިޝްރީން އެެވެ. މެޗަށް ފަހު މުނާސަބު ކޭކެއް ފަޅައި ފޮޓޯ ނަގަން އެތުރިގެން އެންމެ ތިބިއިރު ހަދީޖާގެ ނަޒަރު ހުއްޓިފައި ވަނީ އޭނާގެ ލޯބިވާ ދަރިފުޅުގެ ހަރާކްތަތަކަށެވެ. ނިޒާމާއި އަނެއް ދަރިފުޅު އަހްމަދު މަރުޒޫގް (އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ) އާއެކު ހަދީޖާ ނެގި ފޮޓޯގައި އޭނާގެ އެ ދެ ދަރިންގެ ގައިގައި ލޯބިން ބައްދާލައިގެން ހުއްޓެވެ. ދޮށީ ފިރިހެން ދަރިފުޅު ނިޒާމަށް ލިބުނު ފަހި ފުރުސަތާއެކު ހަދީޖާގެ ލޯބި އެ ދަރިންނަށްޓަކައި ވަނީ ބަންޑުންވެފަ އެވެ.
ނިޒާމަށް މި ފުރުސަތު ލިބުމުން އުފަލުގައި އެންމެ ބޮޑަށް ބައިވެރިވި އެކަކީ ނިޒާމްގެ އަންހެނުން އައިޝަތު ނާޒިމާ އެވެ. މި ވަގުތަކީ އެ ދެމަފިރިންނަށް ވަރަށް ވަރަށް ހާއްސަ ވަގުތެކެވެ. ނާޒިމާ ބުނީ ބޭރުގެ ވާދަވެރި ލީގެއްގައި މަސައްކަތް ކުރުމަކީ ނިޒާމްގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.
"ވަރަށް އުފާވޭ ނިޒާމް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން މިހާ އަވަހަށް މި ފުރުސަތު ލިބުނީތީވެ،" ކުރިން ނެޓްބޯޅަ އާއި ވޮލީވެސް ކުޅުނު ނާޒިމާ ބުންޏެވެ. "މިދިޔަ އަހަރު ހިތާހިތުން ބުނެލިން ނިޒާމް ދެން ނުކުންނާނީ ރާއްޖެއިން ބޭރުގެ ކޯޗަކަށޭ، ދެން އިރާދަ ކުރެއްވީތީ އެކަން ހާސިލުވީތީވެ ވަރަށް އުފާ ކުރަން ނިޒާމްއާ މެދު."
ނިޒާމްއަށް ލިބުނު ފުރުސަތު ދިވެހިން ދެކެނީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ދިވެހި ފުޓްބޯޅަ އާއިލާ ނިޒާމްގެ ފަހަތުގައި އޮތްކަން މިއަދުގެ މެޗުން ސާބިތު ކޮށްދިނެވެ. މެޗަށް ފަހު އޮތް އުފާފާޅު ކުރުމުގައި ވެސް ނިޒާމްގެ ފަހަތުގައި ނަގާކިޔަން ތިބީ ދިވެހި ފުޓްބޯޅައިގެ އެންމެ އެކްޓިވް މޫނުތަކެވެ. ނިޒާމްގެ ވަދާއީ މެޗަށް ފަހުން ދިން މެސެޖުގައި ވެސް އޭނާ ބުނީ ދިވެހިންނާ ވަކި ނުވާނެ ކަމަށެވެ. ކޮންމެ ގައުމެއްގައި އޭނާ ހުރި ނަމަވެސް ދިވެހި ފުޓްބޯޅައަށް އޭނާގެ ހިދުމަތް ލިބޭނެ ކަމުގެ އުފާވެރި މެސެޖެވެ. އެގޮތުން އޭނާ ދިން އުފާވެރި މެސެޖަކީ ދިވެހި ކުޅުންތެރިންނަށް ބަންގުލަދޭޝްގެ ލީގުން ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާނެ ވާހަކަ އެވެ. އޭނާއަށް ލިބުނު ފުރުސަތަށްވުރެ ބޮޑަށް އޭނާ ދެކެނީ ދިވެހި ކޯޗުންނަށް ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.
"އެންމެ އުފާ ކުރަނީ ދިވެހި ފުޓްބޯޅައަށް ދިވެހި ކުޅުންތެރިންނަށް އަދި ހާއްސަކޮށް ދިވެހި ކޯޗުންނަށް ހުޅިވިގެން ދިޔަ ދޮރަކަށް މި ފުރުސަތު ވީތީ،" ވަދާއީ މެޗަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ. "އެކޮޅުގައި [ބަންގުލަދޭޝް ގައި] އެކުރާ މަސައްކަތަކީ ދިވެހި ކޯޗުންނަށް ބޭރު ލީގްތަކުން ލިބިގެންދާނެ ބޮޑު އިތުބާރެއް ކަމަށް ދެކެނީ."
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ޓީސީ އާއެކު ނިޒާމްގެ ކޯޗު ކަމުގެ ދަށުން އެ ޓީމުން ހޯދިިއިރު ކުޅުންތެރިންނަށް ދޭން ޖެހޭ ޕެންޑިން މުސާރަތައް ހުއްޓެވެ. އެހެންނަމަވެސް އެ ހާލަތުގެ ތެރެއިންވެސް ވިނިން ފޯމިއުލާ ނިޒާމް ނެރުނެވެ. ސައިފް ސްޕޯޓްސް ކުލަބުގެ ހުށަހެޅުން ގަބޫލު ކުރުމުގެ ކުރިން ނިޒާމް އެންމެ ފުރަތަމަ ބެލީ ކާމިޔާބު ހޯދަން އެ ކުލަބުގެ މެނޭޖުމެންޓުން އެދިއެދި ތިބި މިންވަރަށެވެ. އެއަށްފަހު ކުލަބުގެ މާލީ ހާލަތަށެވެ. އެއީ ދެމެހެއްޓެނިވި ގޮތުގައި ކާމިޔާބު ދަމަހައްޓަން ބޭނުންނަމަ އެންމެ މުހިންމު ދެކަންތައްކަމަށް ވާތީ އެވެ.
ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް އަންނަ ސީޒަންގައި ގެންނަން ޝޯޓްލިސްޓް ކުރި ތިން ކޯޗުންގެ ތެރޭގައި ނިޒާމް އާ އެކު ދެން ހިމެނެނީ ޔޫރަޕްގެ ދެ ކޯޗުންނެވެ. ސައިފުން ފައިނަލު ކެނޑިޑޭޓެއްގެ ގޮތުގައި ނިޒާމްގެ ނަން ނޮމިނޭޓް ކުރީ ބަންގުލަދޭޝްގައި ކުޅުނު މުބާރާތްތަކުގައި އޭނާ ހޯދި ކާމިޔާބުގެ މައްޗަށް ބިނާ ކޮށެވެ. ބަންގުލަދޭޝްގައި ނިޒާމް ވަނީ ތިން މުބާރާތެއްގައި ކޯޗުކަން ކޮށްފަ އެވެ. އެއީ މިދިޔަ މަހު އެ ގައުމުގައި ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގަ އެވެ. އޭގެ އިތުރުން ޓީސީ އާއެކު ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތާއި އޭއެފްސީ ކަޕް ކޮލިފިކޭޝަންގަ އެވެ. އޭގެ ތެރެއިން ކުލަބުގެ ކޯޗެއްގެ ގޮތުގައި ބަންގުލަދޭޝްގައި ނިޒާމް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.
ޝައިހް ކަމާލް އިންޓަނޭޝަލް ކަޕްގައި ނިޒާމްގެ ޓީސީން ވަނީ، އޭރު ބަންގުލަދޭޝްގެ ޕްރިމިއާ ލީގް ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށްފަ އެވެ. ފައިނަލުގައި ދެކުނު ކޮރެއާގެ ހަތަރު ވަނަ ޑިވިޝަންގެ ކުލަބު ޕޮޗެއޮން އެފްސީ ބަލި ކުރީ ޓީސީގެ ޓީމުގައި އެއްވެސް ސުޕަސުޓާރެއް ނެތި އެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޓީސީއާއެކު ސައިފް ސްޕޯޓްސް ކުލަބު ދެ ލެގުންވެސް ބަލި ކުރި އެވެ.
"ތި ފާހަގަ ކުރި ކަންތައް އެކޮޅުން ފާހަގަ ކުރީ ބަންގުލަދޭޝް ފަސްގަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އަދި އެ ގައުމުގެ ވަރުގަދަ ހުރިހާ ކުލަބެއްގެ މައްޗަށް ކުރި ހޯދިފައި ހުރީމަ އެއީ ވަރަށް ބޮޑަށް އެމީހުން ފާހަގަ ކުރިކަންތައް." ނިޒާމް ބުންޏެވެ.
ބަންގުލަދޭޝް ލީގަކީ މި ސަރަހައްދުގެ އެންމެ ވާދަވެރި އެއް ލީގެވެ. ކުރިން އިންޑިއާގެ އައި ލީގާއި ރާއްޖޭގެ ނިއު ރޭޑިއަންޓްގައިވެސް މަސައްކަތް ކުރި ބަންގުލަދޭޝްގެ ލީގްގެ އެންމެ ފަހުންގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުން މިހާރު އެންމެ ވާދަވެރި ލީގަކީ ބަންގުލަދޭޝް ލީގް ކަމަށެވެ، ނިޒާމް ބުނީ ފުރުސަތު ގަބޫލު ކުރުމުގައި ލީގްގެ ވާދަވެރިކަމަށް އޭނާ ބެލި ކަމަށެވެ.
ސައިފް ސްޕޯޓްސް ކުލަބާއެކު އެއް އަހަރު ދުވެހުގެ އެއްބަސްވުމުގައި ނިޒާމް ސޮއި ކުރާނެ އެވެ. ނިޒާމް ބުނީ އެއީ އޭނާގެ އަންހެންނުން ނާޒިމާގެ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. މި ފުރުސަތާއެކު ދެން އޮތީ ނިޒާމްގެ އެންމެ ބޮޑު ޗެލެންޖެވެ.
"ދިގު ލީގަކަށް މިދަނީ، ކުރިން ބަންގުލަދޭޝް ފަސްގަނޑުގައި ހޯދި ކާމިޔާބުތަކާ ތަފާތުވެސް ވާނެ،" އޭއެފްސީ އޭ ލައިސެންސް ކޯސް ބަންގުލަދޭޝްގައި މިއަހަރު ފުރިހަމަ ކުރި ނިޒާމް ބުންޏެވެ. "އެ ގައުމުގައި ކުރިން ހޯދި ކާމިޔާބުތަކަށް ވުރެ މި ޗެލެންޖުވެސް ބޮޑު ވާނެ، އެހެންނަމަވެސް އިރާދަ ކުރެއްވިޔާ ރަނގަޅު ކާމިޔާބެއް ހޯދޭނެ."