ހަބަރު

ނަސްރުގެ ދުވަހުގެ އެއްވުމަށް ހުރަސް އަޅައި ބަޔަކު ހައްޔަރުކޮށްފި

ނަސްރު ދުވަހުގެ މުނާސަބާތާ ގުޅިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ އެއްވުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.

ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރަން އެދުނެވެ. ނަމަވެސް މިރެއަށް އެ ސަރަހައްދު ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގުމުން އިދިކޮޅު ކޯލިޝަންގެ އެއްވުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބާއްވަން ނިންމި އެވެ.

މިރޭ 8:30 ހާއިރު ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން ޖަމާވާން ފެށުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވި މީހުން ދުރަށް ޖައްސައި އާޓިފިޝަލް ބީޗާ ހަމައަށް މީހުން ގެންގޮސްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ކައިރިއަށް މީހުން ޖަމާނުވެވޭނެހެން ފުލުހުން ވަނީ މަގު ހުރަހަށްވާ ގޮތަށް ބަންދުކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު ވެސް ފުލުހުން ވަނީ ބައެއް މީހުން އެ ސަރަހައްދުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސަންގުޓީވީގެ ނޫސްވެރިޔެއް ވެސް ހިމެނެ އެވެ.

ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެެރިވަމުންދާއިރު، އެ ސަރައްދަށް ޖަމާވެ ތިބި ގިނަ މީހުން ގެންދިޔައީ އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލައި އަޑުގަދަ ކުރަމުންނެވެ.

ފުލުހުން އެއްވުމަށް ހުރަސް އަޅައި މީހުން ދުރަށް ޖެއްސި ނަމަވެސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ތިއްބަވައިގެން ވާހަކަ ދައްކަވައި ޝުއޫރުތައް ފާޅު ކުރައްވަމުންނެވެ.

ފުލުހުން އެ އެއްވުމަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާއިރު، މިރޭގެ އެއްވުމުގެ ކުރިން ފުލުހުން ވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރުދީ އެ ކަން ހަނދާންކޮށްދީފަ އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވާ އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.