އިދިކޮޅު ފަރާތްތައް

ކާނިވާ ނުލިބުނަސް އެއްވުން އޮންނާނެ: އިދިކޮޅު

ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާއި ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމި އެއްވުމަށް ކާނިވާ ސަރަހައްދު ދޫނުކުރި ނަމަވެސް އެ އެއްވުން ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ކޮންގްރެސްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "ބަޑި ބުރާސްފަތި" މި ނަމުގައި ނޮވެންބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެއްސި އެއްވުމަށް ކާނިވާ ސަރަހައްދު ދޫކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. ހައުސިން މިނިސްޓްރީން އެގޮތަށް އަންގާފައިވަނީ އެހެން ފަރާތަކަށް އެ ރޭ ކާނިވާ ސަރަހައްދު ދޫކޮށްފައިވާތީ ކަމަށް އަންގާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް ބޭއްވުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓްރީން ވަނީ ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ.

ޝުޖާއު ވިދާޅުވީ މި ސަރުކާރަށް ނަސްރުގެ ދުވަސް ފާހަގަ ކުރަން ނުކެރޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅުނބް ނަސްރުގެ ދުވަސް ފާހަގަ ކުރާނެ ކަމަށެވެ. އެކަމަށް ކާނިވާ ސަރަހައްދު ދޫނުކުރި ނަމަވެސް ޕީޕީއެމް އޮފީސް ކުރިމަތީ އެ އެއްވުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުުހުން މިއަދު ބުނީ އިދިކޮޅު ކޯލިޝަނުން ވަކި ސަރަހައްދެއްގައި އެއްވުން ބޭއްވުމަށް އެދި ފުލުހުންނަށް ހުށައަޅާފައިނުވާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގު، ގާނޫނީ ހަމަތަކުގެ މަތިން ބޭނުން ކުރުމަށް ފުލުހުންގެ ފަރާތުން އަބަދުވެސް އެހީތެރިކަމާ އެއްބާރުލުން ދޭނެ ކަމަށެވެ.

ދިވެހިންގެ ބަޔަކާއެކު ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ނޮވެމްބަރު 3، 1988 ގައި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް އަރައި ދިން އުދުވާނީ ހަމަލާއިންގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފަ އެވެ. އެ ހަމަލާއާ ގުޅުންހުރި ވަރަށް ގިނަ ބަޔަކު މިހާރުގެ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ އެވެ.