ހަބަރު

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ނަސްރު ދުވަހުގެ މުނާސަބާތާ ގުޅިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި 12 މީހުން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުން މިރޭ ބުނެފައިވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ. އެމީހުން ހައްޔަރުނުކޮށް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިރޭ 8:30 ހާއިރު ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން ޖަމާވާން ފެށުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވި މީހުން ދުރަށް ޖައްސައި އާޓިފިޝަލް ބީޗާ ހަމައަށް މީހުން ގެންގޮސްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ކައިރިއަށް މީހުން ޖަމާނުވެވޭނެހެން ފުލުހުން ވަނީ މަގު ހުރަހަށްވާ ގޮތަށް ބަންދުކޮށްފަ އެވެ.

މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ޑީއާރުޕީގެ ރަޖިސްޓްރާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހިމެނެ އެވެ. އަދި ކޮންގްރަސް ޕާޓީގެ ކައުންސިލްގައި ހިމެނޭ ނަބީލް ޒަމީލާއި، ޝަހީދު އިބްރާހިމާއި ހުސައިން ޝިފާޒް އާއި، ޝަހީބް އިބްރާހިމް ވެސް ގެންދިޔަ އެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ރ. މަޑުއްވަރީ ގޮފީގެ ޗެއާ އިސްމާއީލް ސޯލިހް އާއި، ޕީޕީއެމްގެ މެންބަރެއް ކަމަށްވާ އިބްރާހިމް ހަސަން އަދި ސަންގުޓީވީގެ ކުރީގެ ނޫސްވެރިޔާ އިބްރާހިމް ސައީދު (ކޭޑް) ވެސް އެއްވުމުގެ ތެރެއިން ގެންދިޔަ އެވެ.

ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރަން އެދުނެވެ. ނަމަވެސް މިރެއަށް އެ ސަރަހައްދު ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގުމުން އިދިކޮޅު ކޯލިޝަންގެ އެއްވުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބާއްވަން ނިންމި އެވެ.

ޕީޕީއެމްގެ އޮފީހުގެ ކުރިމަތީގައި އެއްވުމަށް ނިންމުމުން ފުލުހުން މިއަދު ވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

އެއްވެ އުޅުމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގައި ބަޔާން ކުރާ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ގޮތަށް ނޯޓިސް ދިނުމެއް ނެތި ނުބޭއްވޭނެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ.