ޖައްވުގައި ގްރެވިޓީ ނުވަތަ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ހޮހަޅައިގެ ސިފަ ލިބިފައިވާ ތަންތަން ހުރެ އެވެ. މި ތަންތަނަކީ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ތަންތަނަށް ވާތީ ކިތަންމެ ބޮޑު އެއްޗެއް ވެސް އެއިން ތަނަކަށް ދަމައިގަންނަން ނަގާނީ ސިކުންތު ކޮޅެކެވެ.
ޖައްވުގައި ހުންނަ މިފަދަ ތަންތަނަށް ސައިންސް ވެރިން ކިޔަނީ ބްލެކް ހޯލް އެވެ. މިތަން އުފެދިފައިވާ ގޮތް ސައިންސްވެރިން ހޯދާފައިވީ ނަމަވެސް މިތަނުގެ ތެރެއަށް ދަމައިގަންނަ އެއްޗެއްސަށް ވާގޮތެއް ޔަގީން ކަމާއެކު ބުނާކަށް ނޭގެ އެވެ. ބުނެވޭ ގޮތުގައި ބްލެކް ހޯލްގެ ތެރެއަށް އެއްޗެއް ދަމައިގަނެ އެތެރެއަށް ގެންދާއިރު ބްލެކް ހޯލް އެތެރޭގައި ހުންނަ ޕްރެޝަރުގެ ސަބަބުން އެ އެއްޗެއް ހިމުން ވެލި ފުކެއްހާ ކުޑަ ކޮށްލަ އެވެ. އަދި ބްލެކްހޯލް އިން އެ އެއްޗެއް ބޭރުވާއިރު އަނެއްކާވެސް އެ އެއްޗެއް އޭގެ އަސްލު ސައިޒަށް ބަދަލުވެ އެވެ.
ހޯދުންތަކުން ދައްކާގޮތުގައި ޖައްވުގެ އެކިހިސާބުތަކުގައި 10 މިލިއަނަށްވުރެ ގިނަ ބްލެކްހޯލް ހުރެ އެވެ. އެކަމަކު މިހާތަނަށް ހޯދިފައިވަނީ މަދު ބްލެކްހޯލް ތަކެވެ. ސަބަބަކީ ބްލެކް ހޯލަކީ ދަމާބާރު ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ޖައްވީ އިދާރާކުން ސެޓްލައިޓުތައް ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން ބޭނުން ނުވުމެވެ. ބްލެކް ހޯލް އާންމުކޮަށް ފެންނަނީ ބައިނަރީ ސިސްޓަމް ނުވަތަ ދެ ޕްލެނެޓް ދެމެދުގަ އާއި ތަރިތައް ދައުރުކުރާ ސަރަހައްދުގަ އެވެ. މީގެ ސަރަހައްދަކުން މުޅިން އަލަށް މިވަނީ ބްލެކް ހޯލެއް ހޯދައިފަ އެވެ. މިއީ މިހާތަނަށް ހޯދުނު އެންމެ ކުޑަ ބްލެކް ހޯލެވެ.
މި ބްލެކް ހޯލުގެ ތެރެއިން ވަނީ ނެއުޓްރޯން ތަރިއެއް ވެސް ފެނިފަ އެވެ. މީގެ ކުރިން ވެސް ސައިންސްވެރިންނަށް ވަނީ ބްލެކް ހޯލެއްގެ ތެރެއިން ނެއުޓްރޯން ދެ ތަރި ފެނިފަ އެވެ. އާންމުކޮށް ބްލެކް ހޯލްތަކަށް ތަރި ވެެއްޓެނީ ތަރިތައް މަރުވެ ވެއްޓިގެންދާ ވަގުތު ބްލެކް ހޯލުގެ ދަމާ ބާރުގެ ސަބަބުންނެވެ. އަލަށް ފެނުނު މި ބްލެކް ހޯލް ހޯދުނީ ވެސް ގޮތްނޭގޭ "ސޮލިޑް އޮބްޖެކެޓެއް" ޖައްވީ ރާޑަރަށް އެރުމުން އިތުރަށް ދިރާސާ ކުރުމުންނެވެ. މިއީ މިހާތަނަށް ހޯދުނު އެންމެ ކުޑަ ބްލެކް ހޯލް ކަމުގައި ވިޔަސް މި ބްލެކް ހޯލުގެ ބޮޑު މިނަކީ ދުނިޔެއަށް ވުރެ ތިން ގުނަ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
މި ހޯދުމުގެ މައުލޫމާތު ޔޫރަޕިއަން ސްޕޭސް އެޖެންސީ އަދި ނާސާއާ ހިއްސާކޮށްފަ އެވެ. މިއީ ޔުނިވާސިޓީއަކުން ބްލެކް ހޯލެއް ހޯދި ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި ބްލެކް ހޯލްތަކާއި ޕްލެނެޓް އަދި ގިނިހިލަތަށް ހޯދަނީ ޖައްވީ އިދާރާތަކުންނެވެ.