މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން، މިދިޔަ ހަފްތާގައި 557 ވެހިކަލެއްގައި ޕާކިންގް ސްޓިކާ ޖަހައިފި އެވެ.
ކޮންމެ ހަފްތާއަކު ފުލުހުން އާންމު ކުރާ، މާލޭ ސަރަހައްދުގެ ޓްރެފިކްގެ ތަފާސް ހިސާބު ދައްކާ ގޮތުން ހުސްވި ހަފްތާގައި ޖުމްލަ 621 ވެހިކަލެއް ބަލައި ފާސްކޮށްފައިވާއިރު 557 ވެހިކަލެއް ވަނީ ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ޕާކިން ސްޓިކާ ޖަހާފަ އެވެ. އަދި 25 ވެހިކަލެއް ވަނީ ޓޯ ކޮށްފަ އެވެ.
އޭގެ ކުރީ ހަފްތާ އާއި އަޅާބަލާއިރު ސްޓިކާ ޖެހި ވެހިކަލްގެ އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން އެ ހަފްތާގައި 763 ވެހިކަލެއް ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ވަނީ ސްޓިކާ ޖަހާފަ އެވެ. އަދި ޓޯކުރި އުޅަނދުގެ އަދަދު އެ ހަފްތާގައި 48 އަރާއިރު މިދިޔަ ހަފްތާގައި އެއަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
މާލޭ ސަރަހައްދުގައި ޖުމްލަ 56 އެކްސިޑެންޓް ހިނގާފައިވާއިރު 14 މީހަކަށް މި އެކްސިޑެންޓް ތަކުގައި އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ތަފާށް ހިސާބުން ދައްކަ އެވެ. އަދި މި އެކްސިޑެންޓްތަކާއި ގުޅިގެން ނުވަ މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުން ދައްކަ އެވެ.
މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގެ ޓްރެފިކް ތަފާސް ހިސާބުތަކަށް ބަލާއިރު:
- ވެހިކަލް ދުއްވަމުން މޯބައިލް ފޯނު އަދި ހެޑް ސެޓް ބޭނުންކުރި 19 މައްސަލަ.
- އިންޝުއަރެންސް އަދި ރޯޑްވާ ދިނަސް ނެތި ވެހިކަލް ދުއްވި 51 މައްސަލަ.
- އަހަރީ ފީ ނުދައްކާ ވެހިކަލް ދުއްވި 37 މައްސަލަ.
- ލައިސެންސް ނެތި ވެހިކަލް ދުއްވި 69 މައްސަލަ.
- ބާރަށް ދުއްވ ފަސް މައްސަލަ.
- ޓްރެފިކް ނިޝާންތަކާ ހިލާފްވި 15 މައްސަލަ.
- ލައިސެންސް ކާޑު ނުލައި ދުއްވި 39 މައްސަލަ.
- ދުވާރު މަތީގައްޔާއި ކަފިހި ހުރަސް މަތީގައި ޕާކް ކުރި ހަތަރު މައްސަލަ.
- ލައިސެންސް ހަލާކުވެގެން އަދި މުއްދަތު ހަމަވެގެން ލައިސެންސް ހިފެހެއްޓި 10 މައްސަލަ.
- މާލެ ހުޅުމާލެ ހައިވޭގައި ހެލްމެޓް ނެތި ދުއްވި ހަތަރު މައްސަލަ.
- ނަންބަރު ބޯޑުގެ ހަ މައްސަލަ.
- ގަވާއިދާ ހިލާފަށް ވެހިކަލް ބަރުކޮށްގެން ދިޔަ ފަސް މައްސަލަ.
- ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ދެ މައްސަލަ.
- ވެހިކަލް ބައްތި ނުދިއްލާ ދުއްވި ފަސް މައްސަލަ.
- އެ ވެހިކަލެއް ދުއްވަންޖެހޭ ލޭން ނޫން އެހެން ލޭނަކުން އޯވާޓޭކް ކުރި 18 މއްސަލަ.
ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޕާކް ކުރާނެ ތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދުވަސް ކޮޅަކަށް ސްޓިކާ ޖެހުން ހުއްޓާލުމަށްފަހު އަނެއްކާވެސް ފުލުހުން ވަނީ ކޮންމެ ދުވަހަކު އެތަށް ސްޓިކާ ޖަހަން ފަށާފަ އެވެ.
ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ވާނަމަ ފުރަތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 250 ރުފިޔާ އެވެ. ދެވަނަ ފަހަރަށް އެ ކުށް ތަކުރާރުކުރާނަމަ ނަމަ 500 ރުފިޔާ ދައްކަން ޖެހޭއިރު ތިން ވަނަ ފަހަރާއެކު ދެން އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެ އެވެ.