ހަބަރު

ވަގަށް ނަގާފައިވާ ހަ ފޯނާއެކު ދިވެއްސަކު ހައްޔަރު ކޮށްފި

ހުޅުމާލެއިން ހުޅުލެއަށް ދިޔަ މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހު 5:00 ހާއިރު ހައިވޭގެ ހުޅުމާލޭ ކޮޅުން ހުޅުލެއަށް ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ އާއި މެދު ޝައްކުވެގެން އެވަގުތު ޕެޓްރޯލް ކުރަން ނިކުމެ އުޅުނު ފުލުހުންތަކެއް އޭނާ ހުއްޓުވައި ހުޅުމާލެ ޕޮލިސްޓޭޝަނަށް ގެނެސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހަ ފޯނާއި، ދެ ވޮލެޓާއި، އެއް ބޮޑީސްޕްރޭ ފުޅި އާއި 235 ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މިއީ ބިދޭސީންގެ ފޯނުތަކެއްކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުން އެ ފޯނުތަކުގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަ އިތުރުވަމުންދާތީ ރައްޔިތުން ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.