ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(31 އޮކްޓޯބަރ 2019 އާ ގުޅޭ)

"ދާރިއަން ބޮންޏާ ބޮއެފާނަން..." ހޭޒަލް ބުނެލިއެވެ.

ލުއި ހިނިތުންވުމަކާއެކު މަޑުމަޑުން ބޯޖަހާލައި ދާރިއަން ހިނގައިގަތީ ކޮފީ މެޝިނާ ދިމާއަށެވެ. އޭނާ އައިސް ކޮފީ މެޝިން ހުރި ކަބަޑުގެ ވަތްގަނޑު ހުޅުވާލުމާއެކު އޭގައި ތަރުތީބުކަމާއެކު އަތުރާފައި ހުރި "ކޮފީ ޕޮޑްސް" ތަކަށް ބަލާލިއެވެ. އެތަނުން ހޭޒަލްއަށް ޓަކައި ޚިޔާރުކުރި ވައްތަރު ނަގައި ކޮފީ މެޝިނަށް ލިއެވެ.

ދާރިއަންގެ ކޮންމެ ހަރަކާތަކަށް ހޭޒަލްގެ ނަޒަރު ހުއްޓިފައިވި އެވެ. ޢާންމުކޮށް ފެންނަ ދާރިއަންއާ މިއަދު ހޭޒަލްއާ ބައްދަލުވި ދާރިއަން ތަފާތޭ ހޭޒަލްގެ ހިތް ބުނަމުން ދިޔައެވެ. ދާރިއަން އެހާ ގާތް ގޮތެއް މިނޫނީ ބަހައްޓާފައެއް ނުވެއެވެ. ޚާއްޞަކޮށް ހޭޒަލްގެ ގައިގާ އޭނާ އަތްލާފައެއް ނެތެވެ. ލިފްޓުތެރޭގައި އެވީ ކަންތަކުގެ ޚިޔާލާއެކު ހޭޒަލްގެ މެޔަށް ޒާތެއްގެ ގޮތެއް ވިއެވެ. ހިންދިރުވާލެވުމާއެކު ފުންނޭވާއެއް ހޭޒަލް ލިއެވެ. ދެއަތްދެއަތާ ހާކާލައި އިށީނދެ އިން ގޮތް ބަދަލުކޮށްލި ގޮތުން ހީވީ އޭނާގެ ސިކުނޑިއަށް އެ ވެރިވި ޚިޔާލުތަކާ ދުރުވެލަން ގެނައި ހަރަކާތްތަކެއް ހެންނެވެ. އިތުރަށް ހޭޒަލްގެ ޚިޔާލުތައް ވިއްސިވިހާލިވީ އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވާން ފެށުމުންނެވެ. ކޮފީ މެޝިން ކައިރީ ހުރި ދާރިއަން ފަސްއެނބުރި ބަލާލައިފަ ވެސް އޭނާ ކުރަން ހުރި ކަންތައްކަށް ސަމާލުވިއެވެ. ހޭޒަލް އަވަސް އަވަހަށް އަތްދަބަހުން ފޯނު ނަގައި ރިންގު ކަނޑާލައިފިއެވެ. އެއާއެކު ފޯނުގެ އިސްކުރީނުން ލިއަމްގެ ނަން ފެނުނެވެ. ފޯނުކޯލު ކެނޑެންދެން ފޯނަށް ބަލަން އިނދެފައި ކޯލު ކެނޑުމާއެކު ފޯނު ސައިލެންޓަށް ލައިފިއެވެ.

"ހިއާ..." ދާރިއަން އައިސް އެއް ކޮފީޖޯޑު ހޭޒަލްގެ ކުރިމަތީ ބަހައްޓަމުން ބުނެލިއެވެ. އަދި ދާރިއަންގެ ކޮފީ ޖޯޑު ހިފައިގެން ހޭޒަލް އިން ފަރާތުގައި އެކަކަށް އިށީނދެވޭނޭ ހެން ހުރި ސޯފާ ގޮނޑީގައި އިށީނދެއްޖެއެވެ. އޭނާގެ ލޮލުގައި ހޭޒަލްގެ ހަރަކާތްތައް އަޅައިގަތެވެ. އަވަސް އަރުވާލައިފަ ހޭޒަލް ފޯނު ދަބަހަށް ލީ ގޮތެވެ. ހޭޒަލްއަށް ފޯނުކޯލެއް އައުމުން ވެސް އޭނާ އެ ކޯލު ނުނެގުންވީ އެކަމާ ދާރިއަން ސުވާލު އުފެދުނު ކަމަކަށެވެ.

"ނުނަގާ ކޯލެއްތަ އައީ" މާ ނޫން ގޮތަކަށް ދާރިއަން އަހާލިއެވެ.

"ބައެއްފަހަރު އެހެން ވެސް ހަދަންވާނެ" މިހެންބުނެ ހޭޒަލްގެ ހިތުގައި އޮތް ހަޤީޤަތް ފަރުދާކޮށްލީ ހިނިތުންވުމަކުންނެވެ.

"އެހެންވީމަ މީ އަހަރެމެން ދެ މީހުންގެ ވަގުތެއް ދޯ" ދާރިއަން ބުންޏެވެ.

"މިއަދު މާ އުފާވެރިކަމެއްވީތަ؟ އެހެންޏާ ފެންނަ ދާރިއަންއަށްވުރެ މިއަދު ފެންނަނީ މާ ސަމާސާ ބޮޑު ދާރިއަންއެއް" ހޭޒަލް ބުނެލިއެވެ.

"އެހެންވީމަ ކަމަކުނުދޭތަ؟" ދާރިއަން އެއްސެވެ.

"އަހަރެންގެ ވޯކްގެ ދެބައިކުޅަ އެއްބައި ކަހަލަ ގޮތަކަށް މިހާރު ނިމިއްޖެ، އެ ކޮތަޅުގައި އެ އޮތީ... ބަލާލަބަލަ" ހޭޒަލްގެ ނަޒަރު ވަގުތުކޮޅަކަށް ދާރިއަންއަށް ހުއްޓިފައި ހުރުމަށްފަހު އޭނާ އައީ ހަޤީޤީ ބޭނުން ހާމަކުރިއެވެ. ދާރިއަންގެ ސަމާސާގައި ބައިވެރިވުމަކީ އެހާ ބުއްދިވެރި ކަމެއްނޫންކަން ހޭޒަލްގެ ޟަމީރު ބުނެދިނީއެވެ.

ހޭޒަލް އެދުނު ފަދައިން ދާރިއަން ކަންތައް ކުރިއެވެ. ހޭޒަލްގެ މަސައްކަތް ދާރިއަން ހީކުރި ވަރަށްވުރެ މާ ފުރިހަމައެވެ. ފަރުވާތެރިކަމާއެކު ޝައުގު ހުރެގެން ކޮށްފައިވާ މަސައްކަތެއްކަން ޔަގީނެވެ. ހޭޒަލްގެ ފުރަތަމަ މަސައްކަތައް ވާއިރު އެ މަސައްކަތް ދާރިއަންގެ އަތުގައި ބޭއްވުމުގެ ޝައުގު އޭނާގެ ހިތުގައި އުފެދުނެވެ. ނަމަވެސް އެކަން އޭނާ ހާމައެއް ނުކުރިއެވެ.

"ފުރަތަމަ އެތިވީމާ ވަގުތު ނަގަނީ، މި ބަލައިގެންތާ ދެން އެހެން އެއްޗެހި ހަދާނީ.... އެހެން އައިޓަމްތައް ވެސް ހުންނާނެ، އައިޕެޑްގަ އަދި ހުރީ... ފައިނަލް ކޮށްފަ ދާރިއަންއަށް މައިލް ކުރާނަން" ހޭޒަލްއަށް ބަލަން ދާރިއަން އިންގޮތުން އޭނާއަށް އުނދަގޫވިއެވެ. ހޭޒަލްގެ ވާހަކަތައް އޭނާ އަޑުއަހާކަމެއް ވެސް ޔަގީނެއްނުވެއެވެ. ހީވަނީ އެހެންކަމަކަށް އޭނާގެ ޝައުގުވެރިކަން ހުއްޓިފައިވާ ހެންނެވެ.

"ދާރިއަން..." ހޭޒަލް ގޮވާލިއެވެ. އެއާއެކު ދާރިއަން ހޫން ލައްވާލިއެވެ.

"މިއަދު ޔޫ އެހާ ރަނގަޅު ދުވަހެއްނޫންކަންނޭނގެ... އެހެން ދުވަހަކުން އަހަރެން ގުޅާނަން، މިއަދަށް ދެން ނިންމާލަމާ" ހޭޒަލް ބުނެލިއެވެ.

"ކައިވެނިކުރަން އަހަރެން ބޭނުން" ކުއްލިއަކަށް ދާރިއަން ބުނެލިއެވެ. ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. އެ އަސަރުގެ ތެރެއިން އޭނާ ހިނިތުންވެލިއެވެ.

"ދެން މެރީ ކުރަންވީނު...." ހޭޒަލް ބުންޏެވެ.

"އަހަރެން މެރީކޮށްފިއްޔާ ހޭޒަލް އުފާވާނެތަ؟" ދާރިއަން އެއްސެވެ.

"ކީއްވެ އުފާނުވާންވީ؟ ދާރިއަންއަށް ރަނގަޅު ގޮތްވާން އަހަރެން ވެސް އެދެނީ" ހޭޒަލް ބުންޏެވެ.

"ވަރަށް ގިނަ އެއްޗެހި ހިތަށް އަރާ... އެކަމުގެ މައްޗަށް ޢަމަލުކުރާ ހިތް ވެސް ވޭ... އެކަމަކު އޭރުން ނަތީޖާ ރަނގަޅެއްނުވާނޭކަން އެނގޭ... ވަގުތީކަމެއް ބޭނުމެއްނޫން، ބޭނުންވަނީ އުމުރުގެ ބާކީބަޔާއި އޭގެ ފަހުގައި ވެސް... ދާއިމީ ކަމަކަށް އެކަންވާން، ހެޔޮ ގޮތުގައި... އެއްވެސް ނުބައިކަމެއްނެތި... އެކަމަކު... އެކަމަކު އަހަރެންގެ ނަސީބު އެފަދަ ކަމަކަށް ފުރުޞަތެއްނުދޭ، އެނޫނީ މިހާތަނަށް އައިއިރު އުނިވި އެއްވެސް ކަމެއްނެތް" ދާރިއަންގެ އަޑުގައިވީ ރިހުން ހޭޒަލްއަށް އިޙްސާސްވިއެވެ. އިހުނަށްވުރެ ބޮޑު ހައިރާންކަމެއް އޭނާއަށް ލިބުނެވެ. ދާރިއަންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ހޭޒަލްއަށް މާބޮޑު އެއްޗެއް ނޭނގެއެވެ. ދާރިއަން ކައިވެންޏެއް ނުކުރާކަން ހޭޒަލްއަށް އެނގެއެވެ.

ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން ހޭޒަލް ފަސް ޖެހުނެވެ. އޭނާ ޤަބޫލުކުރަނީ މީހަކަށް ޚިޔާލެއްދޭން އޭނާއަށް ނޭނގޭނެކަމެވެ. އަމިއްލަ ދިރިއުޅުން ވެސް އޭނާއަށް ދަސްވެފައި ނެތީމައެވެ. އެއާއެކު ލިއަމްގެ މަތިން ހޭޒަލް ހަނދާންވިއެވެ. ހެނދުނު އޮފީހަށް ލިއަމް ނުކުމެގެން ދިޔައީ ރުޅި އައިސްފަ ހުރެއެވެ. އެ ދިޔަ މީހާ އެއްފަހަރު ވެސް ގުޅާ ނުލިއެވެ. އިރުއޮއްސެން އުޅެނިކޮށް އޭނާ ދާރިއަންއާ ބައްދަލުކުރަން އަންނަމުން ލިއަމްއަށް މެސެޖުކުރީމާ ވެސް ޖަވާބެއް ނުދިނެވެ. އެންމެފަހުން ލިއަމް އެ ގުޅީ އޭނާއަށް ގެއަށް އާދެވުނީމައޭ ހޭޒަލްގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ލިއަމްގެ ކޯލު ނުނެގީ ގަސްދުގައެވެ. ރުޅި އަންނަންވީ ޚުދު އޭނާކަމުގައި ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. ލިއަމްގެ ފުށުން ފެންނަނީ ދުވަހަކު ވެސް ފެންނާނޭ ކަމަކަށް ހީކުރެވިފައިވާ ކަންތައްތަކެއްނޫނެވެ. އެކަމާ ގުޅޭ ގޮތުން ސުވާލެއް ކޮށްލިޔަސް ލިއަމް ގާތަށް އަންނަނީ ރުޅިއެވެ. އެވަނީ ހޭޒަލް ޝައްކުކުރަނީ ކަމަށެވެ. މިކަމުގެ ހަޤީޤަތް ދެނެގަންނަން ހަދާނޭ ގޮތެއް ހޭޒަލްއަކަށް ނޭނގުނެވެ. މާލެއަކީ ބޮޑު ރަށެއްނޫނެވެ. ލިއަމްގެ ފަހަތުން ފާރަލާން ވިސްނިޔަސް އެކަން ކުރަންޏާ ހޭޒަލް ޖެހޭނީ އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. އަމިއްލަ ފިރިމީހާއަށް ފާރަލާން ވެގެންނޭ މިއުޅެނީ ބުނާކަށް ހޭޒަލްއަށް ކުޅަދާނަކަމަކަށް ނުވެއެވެ. އޭނާގެ ދިރިއުޅުމަށް އެހެން މީހަކު އިނގިލިދިއްކުރާކަށް ހޭޒަލް ނޭދެއެވެ.

ހޭޒަލް އަނގައިން ނުބުނުމުން ދާރިއަން ފަރުވާތެރިކަމާއެކު ބަލާލިއެވެ. އުނގުގައި ޖޯޑުކޮށްލެވިފައިވާ ދެއަތަށް ގެއްލިފައި ހޭޒަލް އިނެވެ. ލުއި ހިނިތުންވުމެއް ދާރިއަންގެ ތުންފަތުގައި ދުވެލިއެވެ. އޭނާގެ ދެއަތުގެ ތެރެއަށް ހޭޒަލް ގެނެސް ލާހިތުން އިނދެވެނީއެއްނޫނެވެ. އެހެންވިޔަސް އެފަދަ ކަންކަމަށް ހޭޒަލް މަރުޚަބާ ނުކިޔާނޭކަން ދާރިއަންއަށް ޔަގީންވެއެވެ. ސިކުނޑިއާއި ހިތުގައި އުތުރެމުން ދިޔަ ޚިޔާލުތަކާއެކު ދާރިއަންގެ ހިކެމުންދިޔަ ދެތުންފަތް އޭނާ ތެތްމާލިއެވެ. ގަސްދަކާނުލައި ވިޔަސް ކަމަކަށް އިސްނެގިދާނެތީ ދާރިއަން ޖެހިލުންވިއެވެ. އޭނާ ގޮނޑިން ތެދުވި ވަގުތު ހޭޒަލްއަށް ސިހުމެއް ލިބުނުތަން ދުށްޓެވެ.

"ހިނގާ އަހަރެން ގެއަށް ލާދޭނަން" ދާރިއަން ބުންޏެވެ.

"ޓެކްސީއެއްގަ ދާނީ... އޯކޭ ވާނެ" ހޭޒަލް ބުންޏެވެ.

"ހަޒްބަންޑް ނާދޭތަ؟" ދާރިއަންއަށް އަހާލެވުނެވެ.

"އޭނަ ބިޒީ...." ހޭޒަލް ނިކަން ފަސޭހައިން ބުނެލިއެވެ.

"އެނގޭތަ މިއޮފީހަށް އައިކަން..." ދާރިއަން އަހާލީ ކަމެއް އޮޅުންފިލުވަން ބޭނުންވެފައި ހުރި ހެންނެވެ. ހޭޒަލް ހަމައެކަނި ހޫންއެއް ލައްވާލީއެވެ. އޭނާ ވެސް އިންތަނުން ތެދުވެއްޖެއެވެ. އަދި ކައިރީގައި ބައިންދާލާފައި އިން އަތްދަބަސް ނަގައި ހަށިގަނޑުގެ ހުރަހަށް ވާނޭހެން ކޮނޑުގައި އަޅުވާލައިފިއެވެ. ކުރިމަތީ ހުރި ކޮފީމޭޒުމަތިން ހޭޒަލް ހަދަމުންދާ ފޮށި ނަގައި ކޮތަޅަށް ލައިފިއެވެ. އޭނާ ދާން ތައްޔާރުވީއެވެ.

"ވިލް ހީ މައިންޑް އިފް އައި..." ދާރިއަން ބުނަން އުޅެފައި ހުއްޓާލިޔަސް ހޭޒަލް ދެނެގެންފިއެވެ.

"އަހަރެން ބޭނުންވާ ގޮތް އެއީ" ހޭޒަލް ބުންޏެވެ.

* * * * *

ޓެކްސީއިން ފައިބައިގެން ހޭޒަލް ގެއަށް ވަނެވެ. އެލެވޭޓާ ތެރެއިން ނުކުމެ އެޕާޓްމެން ދޮރުމަތީ ހޭޒަލް މަޑުކޮށްލިއެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އޭނާ ދޮރުހުޅުވާލީ ވަގުތުކޮޅަކު ދޮރުމަތީ މަޑުކޮށްލައިގެން ހުރުމަށްފަހުއެވެ. އެޕާޓްމެންޓް ތެރެއަށް ވަނުމާއެކު ހޭޒަލްއާ ބައްދަލުކުރީ ހިމޭންކަމެވެ. ގޭތެރޭގެ ބޮކިތައް ހުރީ ދިއްލާފައެވެ. މަޑު ހިނގުމުގައި އައިސް ހޭޒަލް ވަނީ ކޮޓަރިއަށެވެ. އެނދުގައި ބަންޑުން ލިއަމް އޮތެވެ. ހީވަނީ ނިދާފައި ހެންނެވެ. ހޭޒަލް ކޮޓަރިއަށް ވަދެ ދޮރުލައްޕާލީ ސިއްރުންނެވެ. އޭނާ އުޅުނީ ވެސް މަޑުންނެވެ.

ލިއަމްއަށް ހޭލެވުނު ގޮތަށް އޭނާ އަވަސް އަވަހަށް ބަލީސް ދަށުގައި އޮތް ފޯނު ނަގައި ބަލާލިއެވެ. އަށެއްޖަހައި ހިނގައްޖެއެވެ. ކޮޓަރިތެރޭގައި އޭނާނޫން މީހަކު ނެތުމުން ހޭޒަލް ނާންނަނީބާއޭ އޭނާގެ ހިތަށް އެރިއެވެ. ހޭޒަލްގެ ނަންބަރަށް ޑައެލް ކޮށްލިއެވެ. އޭނާ ގުޅުމުން ހޭޒަލް މިފަހަރު ކޯލު ނަގައިފިއެވެ. ކޮންތާކުތޯ ވަގުތުން ލިއަމް އެއްސެވެ.

"ބޭރުގަ..." ހޭޒަލް ބުންޏެވެ.

"ގެއަށް އަންނާކަށް ނުވޭތަ؟" ލިއަމްއަށް ބުނެވުނެވެ.

"ކިހިނެއްވީ؟... ފްރެންޑަކާ ދިމާވެގެން ދެންމެ މި ކޮފީއަކަށް އެރީ، އަދިވަގުތުކޮޅެއްވާނެ..." ހޭޒަލް ބުންޏެވެ. އެއާއެކު ލިއަމްއަށް ދަތްކުނޑި ވިކާލެވުނެވެ. ނުތަނަވަސްކަން ވެރިވެގެންދިޔައެވެ.

"ކިހާ ވަގުތުކޮޅެއް؟..." ލިއަމް އެއްސެވެ.

"އެހެންނޭނގެ ބުނާކަށް" ހޭޒަލް ދިން ޖަވާބު ޤަބޫލުކުރަން ލިއަމްއަށް އުނދަގޫވިއެވެ. ހިތުގައި ތަފާތު ސުވާލުތައް އުފެދެން ފެށުނެވެ.

"ކޮންތާކު ކޮފީ ބޯން ތިއިނީ... ކާކާއެއްކޮށް" ލިއަމް އެއްސެވެ.

"ލިއަމް!... ބުނެފީމެންނު ފްރެންޑަކާއެކީއޭ، ސްޓީކްހައުސްގަ މީނީ، އެހެންނޫނަސް އަހަރެން ކޮފީ ނިންމާފަ ދާނަމޭ ބުނެފީމެންނު، ގެއަށް ނުގޮސް ދެން ދާންއޮތީ ކޮންތާކައްތަ؟ މާ ސުވާލު ތިކުރަނީ އަހަރެން ދޮގު ހަދަނީއޭ ހީވަނީތަ؟" ހޭޒަލް ބުނި އެއްޗަކުން ލިއަމްގެ ކަރުގައި ހީވީ ކައްޓެއް ޖެހުނު ހެންނެވެ. ވާހަކަ ނުދައްކާ ލިއަމް ފޯނު ކަނޑާލީއެވެ.

ކުއްލިއަކަށް އެނދުން ލިއަމް ފޭބިއެވެ. އަވަސް އަވަހަށް ފާޚާނައަށް ވަދެ މޫނު ދޮވެލައިގެން ނުކުތް ގޮތަށް ލިއަމް ސޯޓަކާއި ޓީޝާޓެއް ލައިފިއެވެ. ފޯނުން ހޭޒަލް ބުނި "ސްޓީކްހައުސް" އިންނަ ތަނެއް އޭނާ ހޯދާލިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެއެވެ. ހޭޒަލް ވާހަކަދެއްކިއިރު ހީވަނީ ވަރަށް ސިއްރުން ވާހަކަދައްކާ ހެންނެވެ. އެކަމާ ވެސް ލިއަމްއަށް ވިސްނެނީއެވެ. އޭނާ ހަލުވިކޮށް ކޮޓަރިން ނުކުތެވެ.

"ކޮންތާކަށް؟..." ބަދިގެތެރޭގައި ކާމޭޒެ ދޮށުގައި އިން ހޭޒަލް އަހާލިއެވެ. އެއާއެކު ލިއަމް އެނބުރިލީ ސިހިފައި ހުރި މީހަކު ފަދައިންނެވެ.

"ޒެއްލު ގޭގަތަ؟..." ލިއަމްއަށް އަހާލެވުނެވެ.

"ގޭގައެއްނޫންތަ މި ހުރެވުނީ... ކޮންތާކަށްދާން ލިއަމް ތި ނިކުތީ؟" ހޭޒަލް ތެދުވެ ދުރަށް ޖެހިލައި މޭޒު ދަށަށް ގޮނޑި ވައްދާލިއެވެ.

"ތަނަކަށްނޫން... ކޮންއިރަކު ގެއަށް އައީ؟" ހޭޒަލްގެ ގާތަށް ލިއަމްއައެވެ.

"ނޭނގެ ގަޑިބުނާކަށް، މަޣުރިބުގެ ފަހުން އައީ" ހޭޒަލް ބުންޏެވެ.

"ދެންމެ އަހަރެން ގުޅީމަ ކީއްވެ ދޮގުހެދީ" ލިއަމް އެއްސެވެ.

"ލިއަމް އަހަންނާ ތިވަރަށް ސުވާލުތިކުރަނީ... އަހަރެން ސުވާލެއް ކޮށްލަންވާއިރަށް ލިއަމް ހުންނަނީ ރުޅިގަދަވެފަ، ޖަވާބެއްދޭކަށް ބޭނުމެއްނުވޭ، ލިއަމް ކޮފީއަކަށް އަރާ ކޮންމެ ފަހަރަކު އަހަރެން ގާތު ބުނަންތަ، އަރަނީ ކޮންބަޔަކާއެކުކަން ބުނަންތަ؟... ކޮފީތައް ނިމޭނެއިރެއް ބުނަންތަ؟... ގިނަ ރޭ ރޭ ގެއަށް އަންނަނީ ކިހާ އިރަކުކަން ވެސް އަހަންނަކަށް ނޭނގޭ، އަހަރެން ވެސް ހާދަ ސުވާލެއް ލިއަމްއާ ކުރަން ބޭނުންވެޔޭ... ތެދަށް ބުނަންޏާ ލިއަމް އުޅޭނޫޅޭ ގޮތް އަހަންނަކަށް ނޭނގޭ... އަހަރެން އެންމެ ފަހަރަކު ދޮގެއް ހަދާލީމަ ލިއަމް ތި ނުކުތީ އަހަރެން ހޯދަން... އަހަރެން އުޅޭނޫޅޭ ގޮތެއް ބަލަންދާންވެގެން... އެހެންނޫންތަ!..." ހޭޒަލް ބުންޏެވެ. އެ ހިތުގައިވާ ރިހުމުގެ މައްޗަށް އޭނާ ބުއްދި އިސްކުރިއެވެ. ލިއަމްއަށް އެއްޗެއް ވިސްނައިދޭން ބޭނުންވާތީއެވެ.

"އަހަރެން މިހާރު ރުޅިއެއް ނާދެއޭ... ޒެއްލު އެނގެން ބޭނުންވަނީ ކޮންކަމެއްތަ؟ އަހާބަލަ... އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭނަން" ލިއަމް މަޑުމަޑުން ބުނެލިއެވެ. ހޭޒަލްގެ ދެއަތްތިލަގައި ލިއަމް ހިފާލިއެވެ.

"އައި ބްރޯޓް ސަމްތިންގް ފޯ ޔޫ..." ލިއަމް ބުނެލިއެވެ.

"އެނގޭ ފެނިއްޖެ... ޗޮކުލެޓެއްގަ ސޮރީއޭ ޖަހާފައި ފިނިފެންމަލަކާއެކު ގެނައީމަ ހުރިހާކަމެއް ހައްލުވޭތަ؟... އަހަރެން ކުށެއްކޮށްފަ ލިއަމްއަށް މާބޮނޑިއަކާ ފޯނަކާ އެއްޗެހި ސޮރީއޭ ޖަހާފައި ގެނެސްދިނިއްޔާ އަހަންނަށް މަޢާފުކުރާނަންތަ؟ ލިއަމްގެ ނަޒަރުގަ ކުށުން ބަރިއްޔަވުން އެހާ ވެސް ފަސޭހަތަ؟.... ލިއަމް ހީކުރަނީ އަހަންނަށް މުހިންމީ އެކަހަލަ ކަންކަންކަމައްތަ؟ ނޫން! އެހެންނެއް ވެސް ނޫންކަންނޭނގެ... އަހަރެންނަކީ ގަމާރެކޭ ދޯ ހީކުރަނީ، ކުޑަކުއްޖެއްގެ ވިސްނުމޭ އަހަރެންގެ ހުންނަނީ، އެހެންވީމަ ގަޔާވާ ކަހަލަ އެއްޗެއް ދީގެން ހިތް ރުއްސާލަނީ ދޯ" ހޭޒަލްގެ ހިތުގައި ޖެހިފައި ވިޔަސް އޭނާ އެކަމެއް ލިއަމްއަކަށް ނުދެއްކިއެވެ. ރޯން ބޭނުންވިޔަސް ލިއަމްގެ ކުރިމަތީ ރޯކަށް ހޭޒަލްގެ ޟަމީރު އެއްބަހެއް ނުވިއެވެ.

"ސޮރީ... ތިކަހަލަ ގޮތަކަށް މީންކޮށްފައެއްނޫން އަހަރެން ޒެއްލުއަށް ކަންތައްތައް ކޮށްދެނީ، ގޯޑް ޕްރޮމިސް، އަހަރެން ޒެއްލުދެކެ ލޯބިން ގިފްޓް ހޯދައިދެނީ... ރުޅި އާދެވެނީ ޒެއްލު ވެސް ސުވާލުކުރާ ގޮތުން، ދެން މިކަން ނިންމާލަންވެއްޖެއެއްނު، އަހަރެން ވެސް ބޭނުމެއްނޫން ޒެއްލުދެކެ ރުޅިއައިސްފަ ހުންނާކަށް، ޕްލީޒް..." ލިއަމް ބުންޏެވެ. ހޭޒަލް އިރުކޮޅަކު ލިއަމްއަށް ބަލަން ހުރެފައި އެނބުރިލީއެވެ. ލިއަމްއަށް އޭނާ ދައްކާ ވާހަކައެއް ނުވިސްނެނީބާއޭ ހިތަށް އެރިއެވެ. ނޫނީ ޤަބޫލުކުރަން ބޭނުންނުވަނީބާއޭ ވެސް ހޭޒަލް ހިތަށް އެރިއެވެ.

"ކާން ހަދަން މިއުޅެނީ" އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ހޭޒަލް ބުނެލިއެވެ.

* * * * *

އެއް މަސް ފަހެވެ. ހަފްތާ ބަންދަށް ފަހު ސަރުކާރު ހުޅުވުނުތާ ދެވަނަ ދުވަހެވެ. ހެނދުނު އޮފީހަށް ދިޔަ ގޮތަށް ހޭޒަލްއަށް ލިއަމް ގުޅީ އާދައިގެ މަތިން ގުޅާއިރު ގައެވެ. ދެމެދުގައި އޮތް ގުޅުން އިހު އޮތް ގޮތަށް ބަދަލުވީއެވެ. ޖެހުނު އެއްވެސް މައްސަލައެއް ކޮޅެއްގައި ނުޖެއްސުނަސް އެކަންކަން ލިއަމް އޮއްބާލީއެވެ. އޭނާ އަޑުއަހަން ބޭނުންނުވާކަމެއްވީމާ އެކަމާ ވާހަކަދެއްކުން ވެސް ހުއްޓާލީއެވެ. ހީނުވިޔަސް ހޭޒަލްއަށް މިކަމުން ނޭދެވޭ އަސަރު ކޮށްފިއެވެ.

ލިއަމް ނޫޅޭ ވަގުތު ބަލައި ގޭތެރެ އެފުށް މިފުށަށް ހޭޒަލް ޖަހައިފިއެވެ. ލިއަމް ގެންގުޅޭ އިތުރު ފޯނު ފެނޭތޯއެވެ. ނަމަވެސް އެޔެއްނުފެނުނެވެ. ލިއަމް އެ ފޯނު ބޭނުމެއްނުކުރަމޭ ބުނާ ބުނުން ހޭޒަލް ޤަބޫލުކުރީ ދެނެވެ. ގޭތެރޭގައި ލިއަމްއަށް ފޯނު ފޮރުވޭނޭތަނެއް ނެތްކަން ހޭޒަލްއަށް ޔަގީނެވެ. ލިއަމްގެ އަތުގައި ވެސް ފޯނެއް އޮތްނަމަ ފެންނަ ވަރަށް ހޭޒަލް ފާރަލައިފިއެވެ.

ރޭގަނޑު ހޭޒަލް އިނީ ލިއަމްއާއެކު ނޫނީ ކޮޓަރިއަށް ނުވަންނާށެވެ. ނަފްސާނީ ގޮތުން ވެސް ހޭޒަލްއަށް އަސަރުކުރަން ފަށައިފިއެވެ. މިއީ އޭނާ ދުވަހަކުވެސް އުޅުނު ގޮތެއްނޫނެވެ. އުޅޭން ހިތަށް ވެސް އެރިގޮތެއް ނޫނެވެ. އެހެންނަމަވެސް ލިއަމް ކަމެއް ސިއްރުކުރާކަން އޭނާގެ ހަވަނަ ހިއްސު ބުނަނީ ޔަގީންކަމާއެކުއެވެ. އެ ސިއްރުކުރާކަމެއް ނުހޯދެނީސް ހޭޒަލްއަށް ދެން ހަމަޖެހުމެއް ލިބުމެއްނެތެވެ.

ލިއަމް ނިދިއައުމުން އޭނާ ނިދަންދަނީ ކަމުގައި ބުނެ ސިޓިންރީމު ސޯފާއިން ތެދުވިއެވެ. ހޭޒަލް ވެސް ޓީވީއާއި ބޮކިތައް ނިވާލާފައި ލިއަމްގެ ފަހަތުން ކޮޓަރިއަށް އަތުވެއްޖެއެވެ. އެނދަށް އެރި ލިއަމް ފޯނު ހިފައިގެން ވަގުތުކޮޅަކު އޮތެވެ. ހޭޒަލް ނިދާކަމަށް ހަދައި ދެ ލޯ މަރާލައިގެން އޮތެވެ. ހޭޒަލް އެފަދައިން ކަންތައްކުރަންފެށި ފަހުން އޭނާއަށް ފާހަގަވީ ލިއަމް އޭނާ ނިދާތޯ ބަލާކަމެވެ. އަދި އޭނާއަށް ފުރަގަސް ދީގެން ފޯނާކުޅެން އޮންނަ ކަމެވެ. ބޮޑަށް ލަފާ ކުރެވެނީ ޗެޓުކުރަނީ ކަމަށެވެ. ހޭޒަލް ހަރަކާތެއް ކޮށްލައިފިނަމަ ލިއަމް ސަމާލުކަމަށް އާދެއެވެ. އޭނާ އެކުރަނީ ކީއްކަމެއް ޔަގީންކޮށް ހޭޒަލްއަށް ހޯދިފައެއްނެތެވެ. އެހެންވިޔަސް މިރޭ އޭނާ ގަސްދުކުރަނީ ލިއަމް އެކުރާކަމެއް ހޯދާށެވެ.

އެތައް އިރަކު ލިއަމް ފޯނާކުޅެން އޮވެފައި ބާއްވައިފިއެވެ. ދެން އޭނާ އެނދުގައި ހަމަޖެހިލައިފިއެވެ. އެއަށްފަހު ހޭޒަލްއަށް ބަލާލައި ގައިމަތީ ރަޖާ ރަނގަޅުކޮށްލައި ނިދަން ލޯ މަރާލައިފިއެވެ. ލިއަމްގެ ނިދި ހަރުވަންދެން ހޭޒަލް އޮތެވެ. ގަދަ ނިދީގައިކަން ލިއަމް އޮތީ ޔަގީންވުމުން ހޭޒަލް ލޯ ހުޅުވާލައި ފުންނޭވާއެއް ދޫކޮށްލިއެވެ. ސިއްރުން އެނދުގެ އެއްފަރާތަށް ޖެހެނެވެ. އަދި ވަގަކުއުޅޭހެން އެނދުމަތިން ހޭޒަލް ފައިބައިފިއެވެ. އިރުކޮޅަކު ލިއަމްއަށް ބަލަން ހުރެފައި މަޑުމަޑުން ލިއަމް އޮތް ފަރާތަށް ހޭޒަލް އައެވެ. އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ޗާޖަށް ޖަހާފައި އޮތް ލިއަމްގެ ފޯނަށް ހޭޒަލް ބަލާލިއެވެ. އެ ފޯނު ޗާޖުން ނައްޓާލުމާއެކު ފޯނު ހިފައިގެން ހޭޒަލް އައިސް އިށީނީ އެނދުގެ ފައިލާކޮޅުގެ ކާޕެޓުމަތީއެވެ. މިވީ ދުވަސްތަކުގެ ތެރޭ ލިއަމްގެ ފޯނުގެ "ޕާސްކޯޑް"އާއި އެއްޗެހިވަނީ ހޭޒަލް ހޯދާފައެވެ. އެހެންވެ އޭނާއަށް އެ ފޯނު ހުޅުވުން އުނދަގުލަކަށްނުވިއެވެ.

ފޯނުގައި ގިނައީ ލިއަމްގެ އޮފީހާ ގުޅުން ހުރި އެއްޗިއްސެވެ. ލިއަމްގެ ފޯނު ބަލައިފިކަން އޭނާއަށް ޝައްކުނުވާނޭވަރަށް އެކަން ކުރާނޭ ގޮތް ހޭޒަލްވަނީ ހޯދާފައެވެ. އެހެންނަމަވެސް ހޭޒަލްގެ ހިތްވަނީ އަވަސްވެފައެވެ. ނިދާފައި އޮތް ލިއަމް ހޭލައިފިނަމަ ހޭޒަލްގެ ޢަމަލުތައް ފެނި ކަންތައްތައް ވަރަށް ގޯސްވާނޭކަން ހޭޒަލްއަށް އެނގެއެވެ. ފޯނު ބަލަންފެށީ އެކަމާ ވަރަށް ބޮޑަށް ޖެހިލުންވެފައި އިނދެއެވެ.

ލިއަމްގެ "ކޮންޓެކްޓް ލިސްޓް"އާއި އޭނާގެ "ކޯލުލޮގް"ތައް ބަލައިގެން މާބޮޑު އެއްޗެއް ސާފެއް ނުވިއެވެ. ނަމެއް ނުޖަހާ ޒާތްޒާތުގެ އިމޯޖީތަކާއި ސިމްބަލްތައް ޖަހައި ސޭވްކޮށްފައި ހުރި ނަންބަރު ގިނައެވެ. އެކަހަލަ ނަންބަރުތަކަށް މިފަހަކުން ލިއަމް ގުޅާފަ އޮތް ކަމަކަށް ފެންނާކަށް ނެތެވެ. ސޭވްކޮށްފައި ނުވާ ނަންބަރުތަކެއް ކޯލްލޮގް އިން ފެނުނެވެ. ލިއަމްގެ ފޯނުގެ އެއްވެސް އެއްޗެއް ނުބަލައި ދޫކޮށްލުމުގެ ވިސްނުމެއް ހޭޒަލްގެ ނެތެވެ. އެހެންވެ އޭނާ ބަލަމުންދިޔައީ ފަރުވާތެރިކަމާއެކު އެވެ. ލިއަމްގެ ފޯނަށް ތަފާތު އެކިކަހަލަ އެޕްތައް އަޅާފައި ހުއްޓެވެ. މީގެ ކުރީން ހޭޒަލް އަޑު ވެސް ނާހާ އެޕްތައް ހުއްޓެވެ. އޭނާ ދެން ބެލީ ލިއަމްގެ މެސެޖުތަކެވެ.

(ނުނިމޭ)