ހަބަރު

ނަސްރު ހޯދޭނީ ދުލުން، ގޮށްމުށަކުންނެއް ނޫން: ނަޝީދު

ގައުމަށް ނަސްރު ހޯދޭނީ ދުލާއި ގަލަމުން ކަމަށާއި، ކަނޑިއާއި ގޮށްމުށުގެ ބާރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ އިންޓަ ސްކޫލް މަޒުމޫނު ލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބިނާވެފައި އޮތީ ދިވެހި ބަހުންނާއި އެ ބަސް މެދުވެރިކޮށް ޖީލުން ޖީލަށް ފޯރުކޮށްދޭ އިބްރަތްތެރި ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި ލިޔުންތެރީންގެ ދައުރު މުހިއްމު ކަމަށެވެ. ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހަށް ބެލުމުން ވެސް ލިޔުންތެރިން ގެނެސްދީފައިވާ ބަދަލުތައް ފާހަގަވާ ކަމަށާއި ލިޔުންތެރިން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ލިޔުންތެރިންނަށް ދިމާވެފައިވާ ދަތިތައް ވެސް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ނޫސްވެރިއެއްގެ ގޮތުގައާއި ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ދިމާވި ބައެއް ކަންކަން ވެސް އެ ހަފުލާގެ ތެރެއިން ދަރިވަރުންނާ ހިއްސާ ކުރައްވައިފަ އެވެ.

"ލިޔުންތެރިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެއީ، ލިޔުންތެރިޔާ ހިތުން ލިޔަނީ އެ ލިޔުންތެރިޔާއަށް ދިމާވެފައި ކަންކަން، ނަމަވެސް ބައެއް ކިޔުންތެރިން ނަގަނީ މުޅިން އެހެން ގޮތަކަށް، އަޅުގަނޑު ވެސް ހިތުން ލިޔުނީ ކަމެއް މީހަކަށް އޮޅުން ފިލުވައި ދޭން، ނޫނީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއް، އެކަމު ކޮންމެ ފަހަރަކު ލިޔާއިރަށް ގައުމާ ނުރައްކާ ހުރި ވާހަކަ ލިޔުނޭ ބުނެފައި ހިފައި ގެންގޮސް ހައްޔަރު ކުރީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގިނައިން ލިޔުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ކަމެއް ކުރަންވާނީ އެއީ ޕެޝަނެއްގެ ގޮތުގައި ކުރާ ކަމެއް ކަމުގައި ދެކިގެން ކަމަށެވެ. އެމަނިކުފާނު ވެސް ސިޔާސީ މަސައްކަތް ކުރައްވަނީ އަދި ލިޔަނީ ވެސް އެއީ އެމަނިކުފާނުގެ "އިޝްގު" ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.

މިއަދަކީ ނަސްރުގެ ދުވަސް ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަސް ވެސް ގުޅުވެން އޮތީ ލިޔުންތަކަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެފަދަ ހިތާމަވެރި ދުވަސްތައް ދިމާވަނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދު ކުރުމުންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ނަސްރު ހޯދޭނީ ބަހުން، ކަނޑިއަކުން ނޫން، ނަސްރު ލިބެން އޮތީ ދުލުން، ގޮށްމުށަކުންއެއް ނޫން، އަޅުގަނޑު ތިޔަ ދަރިވަރުންނަށް ވެސް ބުނެލަން އޮތީ ގިނަގިނައިން މައުލޫމާތު ހޯދައިގެން ލިޔާށޭ. ގިނަގިނައިން ލިޔާށޭ." ރައީސް ނަޝީދުގެ ވާހަކަ ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.