ކުޅިވަރު

މެލޭއާ ދެކޮޅަށް ރާއްޖެއިން ޓްރޭނިން މެޗެއް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުރިއަށް އޮތް ދެ މެޗަށް ތައްޔާރު ވުމަށް މިހާރު މެލޭޝިއާގައި ޓްރެއިނިންއަށް ކެމްޕްކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމުން މެލޭޝިއާ އާ ދެކޮޅަށް ޓްރެއިނިން މެޗެއް ކުޅުމަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ އަންގާރަ ދުވަހު ކުޅޭ އެ މެޗަކީ ރާއްޖޭގެ އެދުމަށް މެލޭޝިއާއާ ކުޅޭ މެޗެއް ކަމަށާއި އެއީ ފީފާގެ ކަލަންޑަރުގައި ހިމަނައިގެން ކުޅޭ އޮފިޝަލް މެޗެއް ނޫން ކަމަށެވެ.

"ކްލޯޒްޑް ސްޓޭޑިއަމެއްގައި މެޗު ކުޅޭނީވެސް، ބްރޮޑްކާސްޓެއް ނުކުރާނެ،" ޖަވާޒް ވިދާޅުވި އެވެ. "މިއީ ރާއްޖޭގެ އެދުމަށް މެލޭޝިއާއިން ކުޅެދޭ [ޓްރޭނިން] މެޗެއް."

މިދިޔަ އަހަރު ނޮވްމެބަރު މަހުވެސް ރާއްޖެއިން ވަނީ މެލޭޝިއާ އާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. މިދިޔަ އަހަރު ނޮވްމެބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާގައި ކުޅުނު އެ މެޗު އެ ގައުމުން ކާމިޔާބު ކުރީ 3-0 އިންނެވެ. އެއީ މިދިޔަ އަހަރު އޮތް އާސިއާން ސަރަހައްދުގެ އާފް ޗެމްޕިއަންޝިޕަށް މެލޭޝިއާ ތައްޔާރު ވުމަށް އެ ގައުމުގެ އެދުމަށް ރާއްޖެއިން ކުޅުނު މެޗެކެވެ.

ގައުމީ ޓީމު މެލޭޝިއާ އަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ގައުމުގައި ރާއްޖެއިން ކޭމްޕް ކުރާނެ އެވެ. އެއަށް ފަހު މާލެ އައިސް މާލޭގެ ހޮޓަލެއްގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮލިފިކޭޝަންގައި މި މަހު ރާއްޖެއިން ދެމެޗު ކުޅޭނެ އެވެ. އެ ދެ މެޗުވެސް އޮންނާނީ މާލޭގަ އެވެ. ނޮވެމްބަރު މަހު 14 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ފިލިޕީންސް އާ ދެކޮޅަށެވެ. އަދި ނޮވްމެބަރު 19 ވަނަ ދުވަހު ނުކުންނާނީ ގުއާމް އާ ދެކޮޅަށެވެ.