ކުޅިވަރު

ގައުމީ ޓީމަށް ހުރިހާ ކުޅުންތެރިން މުހިންމު: އިއްބެ

މި ހިނގާ ދެ އަހަރަށް ބަލާއިރު ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ޓީމުގެ ކޮންމެ މެޗެއް ގައިހެން އިއްބެގެ މުހިންމުކަން އޭނާ ދިޔައީ ސާބިތު ކޮށްދެމުންނެވެ. މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗަކީ ގައުމީ ޖޯޒީގައި ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުން ފެށިގެން މިހާތަނަށް ގައުމީ ޓީމު ކުޅޭ ކޮންމެ މެޗެއްގައި އޭނާގެ މުހިންމުކަން ޓީމަށް އިހްސާސް ކުރެވެ އެވެ. އޭނާ ނެތި ކުޅުނު ދެ މެޗުގައި އެ ފަޅުކަން ވަރަށް ބޮޑަށް ފެނުނެނެވެ.

އެހެން ނަމަވެސް އޭނާއަކީ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައި އޭނާއެއް ނުދެކެ އެވެ. ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވުމަށް އުންމީދު ކުރިންތޯ އަވަސްގެ އިންޓަވިއުގައި އިއްބެ އާ ސުވާލު ކުރުމުން އޭނާ ބުނީ ގައުމީ ޓީމު ބިނާ ވަނީ އެންމެ ކުޅުންތެރިޔެއްގެ މައްޗަށް ނޫން ކަމަށާއި، ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

"އަހަރެން ނުދެކެން ތިހެނެއް،" އަވަސްގެ ސުވާލަށް ޖަވާބު ދެމުން އިއްބެ ބުންޏެވެ. "ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކީ މުހިންމު ކުޅުންތެރިޔެއް، އެއީ އެންމެ ސީނިއާ ކުޅުންތެރިޔާއިން ފެށިގެން އެންމެ ޒުވާން ކުޅުންތެރިޔާއާ ހަމައަށް ކޮންމެ ކުޅުންތެރިޔަކީ މި ޓީމަށް މުހިންމު ކުޅުންތެރިއެއް، އަދި ކުޅުންތެރިން އެކަންޏެއް ނޫން ޓީމުގެ ކޯޗުން ސްޓާފުންނާއި އޮފިޝަލުންނާއި މެޑިކަލް އޮފިޝަލާއި ކިޓް މެނޭޖަރުން ފެށިގެން އެންމެންނަކީ ވެސް މި ސްކޮޑަށް މުހިންމު ބައެއް."

އިއްބެ ބުނީ، ގައުމީ ޓީމު ނެރޭ ކޮންމެ ނަތީޖާއަކީ ހުރިހާ އެންމެންގެ މަސައްކަތް ކަމަށާއި ދަނޑުމަތީގައި ވެސް ފެންނާނީ އެކަންތައް ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި އިއްބެ ބުނީ ޓީމު ޑިފެންސްކޮށް އެޓޭކު ކުރާނީ ވެސް ޓީމެއްގެ ގޮތުގައި ކަމަށެވެ.

ގައުމީ ސްކޮޑުގައި އިއްބެ އެންމެ ފުރަތަމަ ހިމެނުނީ މާޗް 2017 ގަ އެވެ. ގައުމީ ޓީމަށް އޭނާ ފުރަތަމަ ލަނޑެއް ކާމިޔާބު ކުރީ ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗަށް ފަހު އަވަސް އާ ވާހަކަ ދައްކަމުން އިއްބެ ބުނެފައި ވަނީ ގައުމީ ޓީމަށް މުހިންމު ލަނޑުތަކެއް ޖަހައި ދިނުމަކީ އުންމީދެއް ކަމަށެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް ޖެހި ލަނޑާއި ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ގުއާމްގެ މައްޗަށް ރާއްޖެއަށް ކާމިޔާބު ހޯދައިދިން ދެ ލަނޑަކީ ވެސް ގައުމީ ޓީމުގައިވެސް މި ދެ އަހަރު އެންމެ މުހިންމު ދެ ލަނޑަށް ވާނެ އެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އޭރު ބުނެފައި ވަނީ ކުރިމަގަށް ގައުމީ ޓީމު ބިނާ ކުރާއިރު އެޓޭކިންއަށް އިއްބެ ކަހަލަ ހަލުވި ކުޅުންތެރިން އުފައްދަން ޖެހޭ ކަމަށެވެ.

"އިއްބެ ލީ އަހަރެން ސްޓައިކަރަކަށް، އޭނަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި،" މިދިޔަ އަހަރު މާޗް މަހު ޝެގަޓް ބުނެފައި ވެއެވެ. "އެންމެ ފުރަތަމަ ކަމަކީ އޭނާގެ އެބަހުރި ހަލުވި ސްޕީޑެއް، އޭނާގެ ކެރެކްޓާ ވަރަށް ސާފު، ދެން އޮންނާނީ އަހަރެމެންގެ މަސައްކަތް، އޭނާ މި ޓީމުގައި ހުރުން ވަަރަށް މުހިންމު."

ގައުމީ ޓީމު މިހާރު މެލޭޝިއާގައި ޓްރޭނިންތައް ކުރިއަށް ގެންދާއިރު އަންގާރަ ދުވަހު އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެން ވަނީ އިންތިޒާމު ކޮށްފަ އިއްބެ ބުނީ މިހާރު ފޯކަސް ހުރީ އެމެޗަށް ކަމަށާއި އޮފިޝަލް ދެ މެޗުގެ ކުރިން ބޮޑު އިތުބާރަކަށް އަންގާރަ ދުވަހު ކުޅޭ މެޗު ވެގެންދާނެ ކަމަށެވެ.

"ކުރިއަށް މެޗު [ފިލިޕީންސްއާ ގުއާމް މެޗު] ކާމިޔާބު ކުރަން ޓީމުގައި ވަރަށް ރަނގަޅު ރޫހެއް އެބައޮތް،" އިއްބެ ބުންޏެވެ. "ކުޅުންތެރިން ތިބީ އެ އަޒުމުގައި."