ނޮވެމްބަރު ތިނެއް

ނޮވެންބަރު ތިނަކީ ހިތްދަތި ކަޅު ދުވަހެއް: ރައީސް

ނޮވެންބަރު 3، 1988 އަކީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް ކަމަށާ ދިވެހިންގެ އަޒުމަކަށް ވާނީ އެފަދަ ކަމެއް ތަކުރާރު ވުމުގެ ފުރުސަތު ނުދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނަސްރުގެ ދުވަސް" ފާހަގަ ކުރަން މިރޭ ސިފައިން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނުން ދިވެހި ރައްޔިތުންނަށް އެތައް އިބްރަތްތަކަކާ ފިލާވަޅުތަކެއް ލިބިފައިވާ ކަމަށެވެ. އެ ދުވަހުގެ ތަޖުރިބާއިން ލިބިގަންނަންވީ އެންމެ ބޮޑު ފިލާވަޅަކީ ދެން އެފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާ އެކަމަށް ފިޔަވަޅު އެޅުން ކަމަށެވެ.

"ނޮވެންބަރު ތިނެއް އެއީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް، އެއަށްވުރެ މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުސޫލުން ނޮވެންބަރު ތިންވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާ ވެގެންދިޔައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން. އާދެ! ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް އެ ދުވަހު ވެގެންދިޔައީ އަސްކަރިއްޔާގެ ހިތްވަރާ، ދިވެހި ރައްޔިތުންގެ ފަންވަރު. އެދުވަހުގެ ނުރައްކާތެރި އުދުވާނުން ދިވެހި ގައުމު ސަލާމަތްކުރެއްވުމުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުއްގައްޔޫމް ވަރަށް ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް ދިވެހި ރައްޔިތުންނާ އަޅުގަނޑުގެ އަމިއްލަ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނުގައި ވެސް ދިވެހި ސިފައިންނާ ރައްޔިތުން ސާބިތު ކޮށްދިނީ ވަރުގަދަ ބަދަހި ގުޅުމެއް އޮތްކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ ދުށް ސުނާމީ ކާރިސާގައި ވެސް އަދި މިފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ވެސް ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާ އަޚުވަންތަކުގެ މިސާލެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުރާނައިން ގުރުވާންވާން ތިބި އެތައް ބަޔަކު އަޅުގަނޑުމެންގެ މި ދިވެހި ގައުމުގައި އުފެދެމުންދިއުމަކީ ހަމަޖެހުމާ، ސުލްހަ މަސަލަސްކަމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ބަޔަކު އުފެދިގެން އަންނަނީ ރައްޔިތުންނާ އަސްކަރިއްޔާއާ ދެމެދު އޮންނަ ފުރިހަމަ އިތުބާރެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ނޮވެންބަރު ތިނެއް އެއީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް، އެއަށްވުރެ މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުސޫލުން ނޮވެންބަރު ތިންވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާވެގެންދިޔައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން. އާދެ! ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް އެ ދުވަހު ވެގެންދިޔައީ އަސްކަރިއްޔާގެ ހިތްވަރާ، ދިވެހި ރައްޔިތުންގެ ފަންވަރު
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ސިޔާސަތުތަކަށް ބަދަލުގެނެސް، އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖެއަށް މިހާރު އޮތީ ކުރިން އޮތް ގޮންޖެހުންތަކެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސިޔާސަތުތައް ހަރުދަނާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު މިރޭ ވަނީ ދާދިފަހުން ހެންވޭރުގައި ހިނގާދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ދިވެހި ސިފައިން ދެއްކި ހިތްވަރާ ސާބިތުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ސިފައިން ހިތްވަރު ނުދެއްކެވިނަމަ އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިޔައީސް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވަނީ ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ހާސިލްކުރި 9 ސިފައިންނަށް މެޑަލް ހަވާލުކޮށްފައެވެ. އަދި ހިތްވަރު ގަދަ ކުލަ ހޯއްދެވި 11 ސިފައިންގެ ބޭކަލަށްވެސް ވަނީ ކުލަ ހަވާލުކޮށްފައެވެ. މިއީ ހެންވޭރުގެ ބޮޑު އަލިފާނުގެ ހާދިސާގައި އެ ސިފައިން ދެއްކި ހިތްވަރު ފާހަގަކޮށް ދީފައިވާ މެޑަލްއާ ކުލައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އަލަށް ސިފައިންގެއާއި ގުޅުނު ސިފައިން ހުވާކޮށްފައެވެ. އެ ސިފައިންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީ ދިފާއުކުރުމާ، އިސްލާމްދީނާ ރާއްޖެ ދިފާއުކުރުން އަދި ދުޝްމަނުންގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތްކޮށް ފުރާނައިން ގުރުބާންވާން ކުރެއްވި ހުވަޔާއެކު ދައުލަތަށް ޚިދުމަތްކުރުމުގެ ދެމި ތިބުމަށް އެ ސިފައިންނަށް ގޮވާލައްވާ ކަމަށެވެ.

އަދި ހުވާގެ މަތީގައި ދެމިތިބިކަން އަމަލާ ބަހުން އަބަދުވެސް ދައްްކަމުން ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.