މީގެ އެތަކެއް ސަތޭކެ އަހަރެއް ކުރިން މަރުވެފައިވާ މީހުންގެ ހަށިގަނޑުވެސް ވަނީ ފެނިފަ އެވެ. ކަށިގަނޑު ދިރަސާކުރުމުން އެމީހަކު މަރުވި ސަބަބު ބައެއް ފަހަރު ދެނެގަނެވެ އެވެ. އެކަމަކު މަރުވި މީހެއްގެ ސޫރަ ކުރެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް 20 ސަކަށް އަހަރު ކުރިން މަރުވެފައިވާ މީހުންގެ ސިފަތަށް ކުރެހުމުގެ ގާބިލްކަން ޒަމާނީ ސައިންސަށް ވަނީ ލިބިފަ އެވެ. މިކަށިތަށް އެނަލައިޒް ކުރުމަށްފަހު ސޫރަ ކުރަހާނީ އެމީހަކީ ގަސްދުގައި މަރާލާފައިވާ މީހެއްކަން ޔަގީންވުމުންނެވެ. މިގޮތަށް ކުރަހައިގެން އާންމުކޮށް އަންނަ ސޫރަ ޑާޓާބޭސް އިން ޗެކްކުރުމުން ގެއްލިގެން ހޯދާ މީހެއް ކަމަށްވެ އެވެ.
އިހު ޒަމާނާއި މިހާރުގެ އިންސާނުންގެ ސިފަތަކަށް ބަދަލުތަކެއް އައިސްފައިވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އިހު ޒަމާނުގައި އިސްކޮޅުގައި 30 ފޫޓު ހުންނަ މީހުން ތިބޭއިރު އެމީހުން ތިބެނީ ފަލަކޮށް ގައިގައި ވަރަށް ބޮޑަށް މަސްޖަހައިފައިކަން އެނގެ އެވެ. އެހެންކަމުން އެމީހުންގެ މޫނު މިހާރުގެ އިންސާނުންގެ މޫނާ ތަފާތުވާނެ ކަމަށް ބެލެވެ އެވެ. އެގޮތަށް ކޮށްފައިވާ ދިރާސާތަކުން ސިފަވާ ސޫރަވެސް ވަނީ ކުރަހަފާ އެވެ. އެކަމަކު އެއީ މުޅިން ޔަގީން ސިފައެއް ނޫނެވެ. ތިރީޑީ ލައިޑު ސްކޭނަރުން އިންސާނެއްގެ ބޮލުގެ ކަށިގަނޑު ސްކޭން ކޮށްލާއިރު މޫނުމަތީގެ މަސް ޖަހާފައި ހުންނަ ގޮތް ދައްކުވައިދެ އެވެ. މިގޮތަށް ސޫރަ ކުރެހޭނީ އެމީހަކު މަރުވިތާ 20 އަހަރު ވެފައިވާ ނަމައެވެ. ސަބަބަކީ ކަށިގަނޑަށް ދުވަސްވާވަރަކަށް ފީވުމުގެ ސަބަބުން ބައެއް ސައިންޓިފިކް ހެކިތަށް ނެތިގެން ދިޔުމެވެ.
ނޯވޭގެ ފޮރެންސިކް ސައިންސްވެރިން ބޭނުންކުރާ ޓެކްނޮޖީއެއްގެ އެހީގައި އެމީހުން ވަނީ މީގެ 10 ގަރުނު ކުރިން މަރުވި މީހެއްގެ ސޫރަ ކުރަހާފަ އެވެ. އަދި އެމީހާ މަރުވި ގޮތްވެސް ދެނެގަނެވިފަ އެވެ. ރިޕޯޓުތަށް ބުނާ ގޮތުންނަމަ މިއީ މިހާ ދުވަސްވީ އިންސާނެއްގެ ކަށިގަނޑު އެނަލައިޒް ކުރުމަށްފަހު ސޫރަ ކުރެހި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ތާރީހީ ހޯދުމެެއް ކަމަށް ބަލައި މި ކަށިގަނޑާއި ސޫރަ ވަނީ މިހާރު ނޯވޭގެ ތާރީހީ މިޔުޒިއަމެއްގައި އާންމުނަށް ދެއްކުމަށް ބަހައްޓާފަ އެވެ. މި ކަށިގަނޑަކީ މީގެ 10 ގަރުނު ކުރިން ބޮލަށް ބަޑިޖަހާ މަރާލި އަންހެނެއްގެ ކަށިގަނޑެވެ.
އަންހެންމީހާގެ ސޫރަ ކުރެހުމުގައި ނޯވޭގެ ސައިންސްވެރިންނަށް އެހީވުމުގެ ގޮތުން އެމެރިކާގެ ފޮރެންސިކް ސައިންސްވެރިންވެސް ވަނީ ބައިވެރިވެފަ އެވެ. މި އަންހެންމީހާގެ ކަށިގަނޑު ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ސަރަހައްދާއި މާދުރު ނޫން ހިސާބެއްގައި ނޯވޭގެ އާކިއޮލޮޖިކަލް ސައިޓެއް ހުރެ އެވެ. އެ ސައިޓުން ވެސް މީގެ ކުރިން ފެނިފައިވަނީ ބަޑިން ހަމާލާދީ މަރާލާފައިވާ އިހުގެ މީހުންގެ ކަށިގަނޑުތަކެވެ. ބިން ކޮނުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެސަރަހައްދުން ވަނީ ވަޅުލެވިފައިވާ އިމާރާތެއް ވެސް ފެނިފަ އެވެ. މިތަނުގެ މަސައްކަތް ހުއްޓާލުމަށްފަހު މިހާރު ވަނީ ނޯވޭގެ ތާރީހާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.