އިމްތިޔާޒު ފަހުމީ

ހައިލަމްގެ ކިބައިން ފަނޑިޔާރެއްގެ ޝަރުތު ގެއްލިއްޖެ: އިންތި

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ހައިލަމް ކުރައްވާފައިވަނީ ގާނޫނީ ހަމަތަކުން ބަލާއިރު ގާޒީ ކަމުގެ ޝަރުތު ގެއްލޭ ފަދަ ކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު، އަދި މި ބަގާވާތުގައި ބައިވެރިވި އެހެންމީހުންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ގާޒީ ހައިލަމް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. ގާޒީ ހައިލަމް އެފަދަ ފޮޓޯއެއް ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ވައިބާ ގުރޫޕަށެވެ. އެ ވައިބަރު ގުރޫޕްގެ ސްކްރީން ޝޮޓްތަކެއް ވަނީ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައެވެ.

ހައިލަމްގެ އެ އަމަލާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އިމްތިޔާޒު ވިދާޅުވީ ޝަރުއީ ގޮތުންނާ ގާނޫނީ ހަމަތަކުންވެސް ގާޒީ ކަމުގެ ޝަރުތު ގެއްލޭ ކަމެއް ކަމަށެވެ. އަދި ހައިލަމްގެ މި އަމަލުން ދޭހަވަނީ ބޭއިންސާފުވެފައިވާ މިންވަރު ކަމަށެވެ.

އިމްތިޔާޒް ވަނީ ހައިލަމްގެ މައްސަލަ އަވަހަށް ބެލުމަށް ޖޭއެސްސީއަށްވެސް ގޮވާލައްވާފައެވެ.

ހައިލްގެ މައްސަލަ މިހާރު ވަނީ ޖޭއެސްސީންވެސް ބަަލަން ނިންމާފައެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ހައިލަމް ފޮނުވި ގޮތާއިމެދު އެމްޑީޕީގެ މަޖިލީސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.