ހަބަރު

ނަޝީދުގެ އަދަބެއް ޓޮމްއަށް: ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރު ލިޔޭ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލާގައި ރައްޔިތުންގެ މަޖިލިސް ހޫނުވެ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިހުތިޖާޖުކޮށް ކަށިގަނޑު ފުމެމުންދާތީ އެ މެންބަރަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދަބެއް ދެއްވައިފި އެވެ.

މަޖިލިސް ހޫނުވެގެން ދިޔައީ ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖިހާން މަހުމޫދު ބަހުސް ކުރައްވަން ފެއްޓެވުންނެވެ. އަދި ގާޒީ ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުވާފައިވާ ފޮޓޯއަކާ ގުޅިގެން ހައިލަމްއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވުމުންނެވެ.

އެކަމާ ގުޅޭ ގޮތުން މެންބަރުން ބަހުސް ކުރައްވަމުން ދިޔަ އިރު އިދިކޮޅު މެންބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. އެގޮތުން މެންބަރު ތޯރިގު ދިޔައީ ކަށިގަނޑު ފުމެ އެމްޑީޕީ މެންބަރުންގެ ވާހަކައަށް ހުރަސް އަޅުއްވަމުންނެވެ.

އެ މައްސަލާގައި ރައީސް ނަޝީދު ވިދާޅުވީ މެންބަރު ތޯރިގު ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރަށް ލިޔުމަށް ފަހު ހުށަހަޅުމަށް އަންގާ ކަމަށެވެ. އެއީ ގަވައިދުގެ ދަށުން އެންގޭނެ ކަމެއްތޯ ނުވަތަ އިތުރު ވާހަކައެއް ވެސް އެމަނިކުފާނު ނުދައްކަވަ އެވެ. ނަމަވެސް ރައީސް ނަޝީދު މި އެނގުން އެނގުމަށް ފަހުގައި ވެސް ތޯރިގު ކަށިގަނޑު ފުމެ އިހުތިޖާޖު ކުރިޔަށް ގެންދެއްވި އެވެ.