އިމާރާތްކުރުމުގެ ދާއިރާ އާއި މަސައްކަތްތެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ މަސީގެ އިސްވެރިން ހިއްސާކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާއެކު މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ. ބައްދަލުވުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ކޮންޓްރެކްޓަރުން މަސައްކަތްކުރުމާބެހޭ ގަވާއިދާއި އުސޫލުތަކާއި ހިލާފަށް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.
އަދި، ބައެއް ދާއިރާތަކާއި ގުޅޭ މުހިންމު ގަވާއިދުތައް އަދިވެސް ހެދިފައި ނެތުމުން އެކަމުގެ ފައިދާ ބޭރުގެ ބައެއް ފަރާތްތަކަށް ލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ވެސް މަސީގެ ވެރިން ފާޅުކުރެއްވި އެވެ.
މީގެ އިތުރުން، ބައެއް ގަވާއިދުތައް މިހާރު ހުރިގޮތުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް މަސީގެ އިސްވެރިން ވަނީ ރައީސް އަށް ހުށަހަޅުއްވާފަ އެވެ.
މި ބައްދަލުވުމުގައި މަސީގެ އިސްވެރިން ވަނީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ ބައެއް ކަންކަމުގައި އެ ޖަމިއްޔާގެ ހިޔާލުހުރިގޮތްވެސް ހިއްސާ ކުރައްވާފަ އެވެ. އެއީ އަންނަ އަހަރަށް ދައުލަތުން އެކުލަވާލި ބަޖެޓުގައި ގިނަ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވާތީ އެކަމުން އިމާރާތްކުރުމުގެ ދާއިރާ އަށް ބަދަލު ތަކެއް ގެނެސްދޭނެ ކަމަށް ފާހަގަކޮށްފަ އެވެ.
މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސީގެ ކަންބޮޑުވުންތަކާއި ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ބަދަލުތަކެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްސީލު ކުރާ ޖަމިއްޔާއެކެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ކުދި ނުވަތަ މެދުފަންތީގެ ކުންފުނިތަކެވެ.